Roadha Mihaaru
ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ

ހިޔާގެ ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑުގައި ރެނދުލައި ތަޅައިގެން ހިނގައްޖެ

02 އޮކްޓޯބަރ 2021

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކުގެ ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑުގައި ވަރަށް ބޮޑަށް ރެނދުލައި ތަޅައިގެން ހިނގައްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކުގެ ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑުގައި ވަރަށް ބޮޑަށް ރެނދުލައި ތަޅައިގެން ހިނގައްޖެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި، ރޭގެ ނިޔަލަށް ވަނީ ފަސް ވަރަކަށް ފްލެޓްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފަ އެވެ. ތަޅައިގެން ދިޔައީ ފްލެޓްތަކުގެ ބެލްކަނީގެ ދޮރުގެ ބިއްލޫރިގަނޑާއި ބެލްކަންޏާ ކައިރީގެ ކޮޓަރީގެ ބިއްލޫރިގަނޑުތަކެވެ.

ހިޔާ ޔޫނިއަންގެ ހެޑް ފައުންޑަރު، އަބްދުﷲ އަމްޒަލް "މިހާރު" އަށް ވިދާޅުވީ ފަހަކަށް ވުރެ ގިނަ ފްލެޓްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެކަމުގެ ޝަކުވާ މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާ ދިމާވުމުން އެޗްޑީސީން އެޓެންޑްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގެ ބިއްލޫރިގަނޑުގައި ރެނދުލައި ތަޅައިގެންގޮސްފައި---

ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގެ ބިއްލޫރިގަނޑުގައި ރެނދުލައި ތަޅައިގެންގޮސްފައި---

އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ބޭރުގެ ބިއްލޫރިގަނޑު ތަޅައިގެން ދަނީ މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

"ބޭރަށް މި ހުންނަ ބިއްލޫރިތައް ތަޅައިގެން ދިޔައީ. ބޮޑަށް ބެލެވެނީ އެހާ ގިނަ ދުވަސްވީމާ ގަދަ އަވީގެ ސަބަބުންވާ ގޮތެއް ކަމަށް. އެ ބިއްލޫރި މި މާހައުލާ ނުގުޅޭތީ ކަމަށް،" އަމްޒަލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަދި އެޗްޑީސީގެ ބަހެއް ނުލިބެ އެވެ.

ހިޔާގެ ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެންދާ މައްސަލަތަކެއް ފެންމަތިވިއިރު، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުނު ދުވަސްވަރެއްގައި އެ ތަނުގެ ބޭރު ކުޑަ ދޮރުތަކުން ކޮޓަރިއަށް ފެން ލީކުވާ މައްސަލަތަކެއް ވެސް ދިމާވި އެވެ.

އެޗްޑީސީން އަންނަނީ އެކަން ދިމާވި ގޮތް ބަލައި އެ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ހިޔާ ފްލެޓްތަކުގައި 100 އެއްހާ އާއިލާ މިހާރު ވެސް ދިރިއުޅެމުން އެބަދެ އެވެ.