Roadha Mihaaru

ތޫނިސްގެ ގާނޫނުއަސާސީ ބަދަލުކުރަނީ

ތޫނިސްގައި މިހާރު އޮތް ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމުގެ ގޮތުން، އެ ގައުމުގެ ގާނޫނުއަސާސީ އަށް ބަދަލުތަކެއް ގެންނަން ގަސްދުކުރައްވާ ކަމަށް، ތޫނިސްގެ ރައީސް ގައިސް ސައިއްޔިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ތޫނިސްގެ ގާނޫނުއަސާސީ ބަދަލުކުރަނީ

ތޫނިސްގައި މިހާރު އޮތް ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމުގެ ގޮތުން، އެ ގައުމުގެ ގާނޫނުއަސާސީ އަށް ބަދަލުތަކެއް ގެންނަން ގަސްދުކުރައްވާ ކަމަށް، ތޫނިސްގެ ރައީސް ގައިސް ސައިއްޔިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ގައިސް ވިދާޅުވި ގޮތުގައި ތޫނިސް މިހާރު އޮތީ ސިޔާސީ އަނދިރި ހޮހޮޅައެއްގެ ތެރޭގަ އެވެ. ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން މުޒާހަރާ ކުރަން ފެށުމާ ގުޅިގެން، މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ގައިސް ވަނީ ބޮޑުވަޒީރު ހިޝާމް އަލް-މަޝީޝީގެ ސަރުކާރު އުވާލައްވައިފަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް މެދުކަނޑައިލުމަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދޭ އިމްތިޔާޒުތައް ވެސް ވަނީ ހިފަހައްޓަވައިފަ އެވެ.

ރައީސް ގައިސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން އިސްލާހު ކުރެވެން އޮތީ ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އެހެންކަމުން، ގާނޫނުއަސާސީ އަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން، ގާނޫނީ ތަޖުރިބާކާރުންނާ އެކުގައި މިހާރު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޫނިސްގެ އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބޮޑުވަޒީރު މަގާމުން ދުރުކޮށް ކެބިނެޓް އުވައިލެއްވުމަކީ، ގާނޫނުއަސާސީގެ އިމުން ބޭރުވެ، ރައީސް ގައިސް ގެންނެވި އިންގިލާބެކެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ގައިސް ވިދާޅުވީ، އޭނާ އަބަދުވެސް ގާނޫނުއަސާސީ އަށް އިހްތިރާމް ކުރައްވާ ކަމަށާއި، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް އެކުލަވާލާފައި އޮތް ގާނޫނުއަސާސީއާ މެދު ރައްޔިތުން މިހާރު ތިބީ މާޔޫސްވެފައި ކަމަށެވެ.

ތޫނިސްގެ ރައްޔިތުންނައިގެން މިހާރަށް ވުރެ އަމާން އަދި ފާގަތި މަންޒިލަކަށް ދެވޭ ފަދަ ސަރުކާރެއް ވަރަށް އަވަހަށް އެކުލަވައިލައްވާނެ ކަމަށް ވެސް ރައީސް ގައިސް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ބަދަލުތަކެއް ގެންނަވަން ގަސްދު ކުރައްވާނެ ކަމަށް ރައީސް ގައިސް ވިދާޅުވުމާ ގުޅިގެން، އިދިކޮޅު ނަހްޟާ ޕާޓީން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި ގާނޫނުހަދާ މަޖިލިސް ހުއްޓުމަކަށް ގެނެސް ބާއްވައިގެން، ގާނޫނުއަސާސީ ބަދަލުކުރަން އުޅުމަކީ، ޑިމޮކްރެސީގެ އިމުން ބޭރު އަމަލެކެވެ.

އޭގެ އިތުރުން، މިހާރުގެ ހާލަތުގައި ގައުމު އޮއްވައި ގާނޫނުއަސާސީ ބަދަލުކޮށްފި ނަމަ، ރައީސް ގައިސް ސައިއްޔިދުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭނެ އެވެ. އަދި އެއީ އެންމެ ފަރުދެއްގެ ޒާތީ މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން ގެންނަ ބަދަލުތަކެއް ކަމަށާއި، ގާނޫނުއަސާސީއާ ކުޅުމަކީ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި މިނިވަންކަމަށް ބުރޫއަރާނެ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

އޭގެ ބަދަލުގައި، އެ ޕާޓީން ބުނި ގޮތުގައި، ގައުމުގެ އިގްތިސާދީ، މާލީ، އިޖްތިމާއީ އަދި ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ގައިސް މަސައްކަތްޕުޅު ކުރައްވަންވީ، ގާނޫނު ހަދާ މަޖިލީހުގެ އިތުބާރު ލިބިގެންވާ ސަރުކާރެއް، ގާނޫނީ އިމުގެ ތެރެއިން އުފެއްދުމަށެވެ. ގައުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކޮށް، ދުސްތޫރީ މުއައްސަސާތައް އަލުން ބިނާކުރުމަށްޓަކައި، ގައުމީ އެއްބައިވަންތަކަމުގެ މަޝްވަރާތައް، ހުރިހާ ސިޔާސީ ޕާޓީތަކާ އެކުގައި ފެށުމަށް ވެސް، ނަހްޟާ ޕާޓީން ގޮވައިލި އެވެ.

ޖުލައި 25 ވަނަ ދުވަހު ސަރުކާރު އުވައިލެއްވުމަށް ފަހު، ސަރުކާރު ހިންގުމުގެ ޒިންމާތަކާ އަމިއްލަފުޅަށް ހަވާލުވެވަޑައިގެން މިހާރު ހުންނެވީ ރައީސް ގައިސް އެވެ.