ތޫނިސްގެ ބޮޑުވަޒީރުގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރި، ނަޖްލާ ބޫދަން ރޮމްދާނީ، 63، އޭނާގެ ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުން، އިއްޔެ މަގާމުގެ ހުވާ ކުރައްވައި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.
ތޫނިސްގެ ބޮޑުވަޒީރުގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރި، ނަޖްލާ ބޫދަން ރޮމްދާނީ، 63، އޭނާގެ ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުން، އިއްޔެ މަގާމުގެ ހުވާ ކުރައްވައި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.
ތޫނިސްގައި އާ ސަރުކާރެއް މި އެކުލަވައިލީ، ކުރިން ހުންނެވި ބޮޑުވަޒީރު މަގާމުން ދުރުކުރައްވައި، ސަރުކާރު އުވައިލެއްވުމަށް ފަހު، ގާނޫނު ހަދާ މަޖިލިސް ބަންދުކޮށް، ރައީސް ގައިސް ސައީދު ވެރިކަމުގެ ބާރުތައް އަމިއްލަ ކުރައްވައިގެން ހުންނަވާތާ 11 ހަފުތާ ފަހުންނެވެ. މި އަހަރުގެ ޖުލައި 25 ވަނަ ދުވަހު ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރެއްވުމާ ގުޅިގެން، ތޫނިސް ވަނީ ސިޔާސީ ވަރަށް ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ.
ސިޔާސީ ވާދަވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެކަން ސިފަ ކުރެއްވީ، ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް ފަހު، މުޅި ދައުލަތާ ދެކޮޅަށް ރައީސް ގެންނެވި ބަގާވާތެއްގެ ގޮތުގަ އެވެ.
ތޫނިސްގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނި ގޮތުގައި، ބޮޑުވަޒީރު ނަޖްލާ އޭނާގެ ކެބިނެޓް އެކުލަވާލާފައިވަނީ އިގްތިސާދީ ހަލުވި ފިޔަވަޅުތަކަކަށް އިސްކަން ދެއްވައިގެންނެވެ. އިގްތިސާދާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވީ، ބޭންކު ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސާމިރު ސައީދު އެވެ.
ހާރިޖީ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވީ، އުވައިލި ސަރުކާރުގައި ވެސް އެމަގާމުގައި ހުންނެވި އުސްމާން ޖަރަންދީ އެވެ. މާލީ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވީ ވެސް ކުރީ ސަރުކާރުގައި އެ މަގާމުގައި ހުންނެވި ޝިހާމް ބުޣްދީރީ އެވެ.
ތޫނިސްގެ ބޮޑުވަޒީރުގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރި، ނަޖްލާ ބޫދަން ރޮމްދާނީ
މިފަދަ ބޭފުޅުން ކެބިނެޓްގައި ހިމެނުނަސް، ކެބިނެޓްގެ ގިނަ މެމްބަރުންނަކީ ސިޔާސީ ދާއިރާ އަށް މުޅިން އާ ބޭފުޅުންނެވެ. ގިނަ ބޭފުޅުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ވެސް ހިމެނޭ ބޭފުޅުންނެއް ނޫނެވެ.
ކެބިނެޓްގެ ގިނަ ބޭފުޅުންނަކީ ތަޢުލީމީ ދާއިރާގެ ބޭފުޅުންނެވެ. ގިނަ ބޭފުޅުންނަކީ ޔުނިވަސިޓީތަކުގެ ޕްރޮފެސަރުން ނުވަތަ ލެކްޗަރާއިންނެވެ. ކެބިނެޓްގެ ތިން ބައިކުޅަ އެއްބައި މެމްބަރުންނަކީ އަންހެން ބޭފުޅުންނެވެ. އަންހެން ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރެއްވި ބޭފުޅުންނެވެ. އަދި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުކަން ކުރެއްވި ބައެއް އަންހެން ބޭފުޅުން ވެސް ހިމެނެ އެވެ.
ތޫނިސްގައި އާ ސަރުކާރެއް މި އެކުލަވައިލީ، އެކަމަށް އެދި ބައިނަލްއަގުވާމީ މުޖްތަމައުން ވަރަށް ބޮޑަށް، ރައީސް ގައިސް ސައީދަށް ފިއްތުންތައް ކުރިމަތިކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އާ ސަރުކާރު ހުވާކުރެއްވުމަށް ފަހު، ބޮޑުވަޒީރު ނަޖްލާ ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދައުލަތުގެ ތެރޭގައި ފެތުރިފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށެވެ. އޭގެ އިތުރުން ސަރުކާރާއި ދައުލަތާ މެދު ރައްޔިތުންގެ ހިތްތަކުގައި އަލުން އިތުބާރު އުފެއްދެވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ނަޖްލާ ވިދާޅުވި އެވެ.
ތޫނިސްގައި އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގަނީ
އިންތިހާބަށް ފަހު ސިފައިން ސިޔާސީ ކަންކަމާ ދުރުވާނެ
ލީބިޔާގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި
ސޫދާނު ސިފައިން، ބޮޑުވަޒީރު ހަމްދޫކު ހައްޔަރުކޮށްފި
އަފްގާނުގައި ރަސްކަމުގެ ދުސްތޫރު ހިންގަން ފަށަނީ
އަރަބި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ތޫނިސްގައި
ތޫނިސްގެ ރައީސް ބާރު ގަދަކުރައްވަނީ، އިދިކޮޅު ރަތަށް
ތޫނިސްގެ ގާނޫނުއަސާސީ ބަދަލުކުރަނީ
ދުނިޔެ އިން ތާލިބާނުންގެ އާ ސަރުކާރު ބަލައިގަންނާނެތަ؟
ޓިއުނީޝިއާގެ ސަރުކާރު އުވާލައިފި