Roadha Mihaaru
އައިޝްވާރިއާ "ޕޮނިޔިން ސެލްވަން" ކުޅޭކަން ކަށަވަރު

އައިޝްވާރިއާ "ޕޮނިޔިން ސެލްވަން" ކުޅޭކަން ކަށަވަރުކޮށް ދީފި

21 ޖުލައި 2021

ދެހާސް ސޯޅައިގެ "އޭ ދިލް ހެ މުޝްކިލް" އަށް ފަހު މިހާތަނަށް އެއްވެސް ފިލްމަކުން ފެނިފައި ނުވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީ، ޑައިރެކްޓަރު މަނީ ރަތުނަމްގެ ތާރީހީ ތަމަޅަ ބޮޑު ފިލްމު "ޕޮނިޔިން ސެލްވަން" ކުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ސޯޅައިގެ "އޭ ދިލް ހެ މުޝްކިލް" އަށް ފަހު މިހާތަނަށް އެއްވެސް ފިލްމަކުން ފެނިފައި ނުވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީ، ޑައިރެކްޓަރު މަނީ ރަތުނަމްގެ ތާރީހީ ތަމަޅަ ބޮޑު ފިލްމު "ޕޮނިޔިން ސެލްވަން" ކުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

ދެހާސް ނަވާރަ އިން ފެށިގެން މި ފިލްމުގެ ވާހަކަ ދެކެވެމުން އަންނަނިކޮށް ފިލްމުގެ ޕޯސްޓަރުތަކަކާ އެކު ފިލްމު ރަސްމީކޮށް އިއުލާންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު އޭރު "ޕޮނިޔިން ސެލްވަން" ގެ ބަތަލާ އަކީ އައިޝްވާރިއާކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ނަމަވެސް ކުރީގެ މިސް ވޯލްޑް މިހާރު ވަނީ ފިލްމުގެ އާ ޕޯސްޓަރަކާ އެކު ހޯމަ ދުވަހު ފިލްމުން އޭނާ ފެންނާނެކަން ކަށަވަރުކޮށް ދީފަ އެވެ. އިންސްޓަގްރާމްގެ އެ ޕޯސްޓާ އެކު އައިޝްވާރިއާ ބުނީ "ރަންޒަމާން ދިރިގެން އަންނަނީ" ކަމަށެވެ. އާ ޕޯސްޓަރުގައިވާ ގޮތުން އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖެހިފައިވާ "ޕޮނިޔިން ސެލްވަން" ގެ ފުރަތަމަ ބައެ އެވެ. މި ފިލްމަކީ ލިޔުންތެރިޔާ ކަލްކީ ކްރިޝްނަމުރުތީ "ޕޮނިޔިން ސެލްވަން" ގެ ނަމުގައި 1950 ގައި ގެނެސްދިން ތާރީހީ ވާހަކައަށް ބިނާކޮށް ހަދާ އެއްޗެކެވެ. މީގައި އިންޑިއާގެ ތާރީހުގެ މުހިއްމު ސޮފުތާކެއް ކިޔައިދެ އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގައި އައިޝްވާރިއާ ކުޅޭނީ ޑަބަލް ރޯލެކެވެ. އެއީ މަޔަކާއި ދަރިއެއްގެ ގޮތުގަ އެވެ. ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައިވާ ގޮތުން ވެސް އޭނަގެ ދެ ކެރެކްޓާއެއް ހިމެނެ އެވެ. އެއީ ނަންދިނީ އާއި މަންދާކިނީ ދޭވީ އެވެ.

ގާތްގަނޑަކަށް 500 ކްރޯޑް ރުޕީސް (67.01 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ އަދި އޭ ރަހްމާންގެ މިއުޒިކް ހިމެނޭ ފިލްމުގައި ބޮޑު ކާސްޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާގެ ދެކުނުގެ ތަރިންނެވެ. އެގޮތުން "ޕޮނިޔިން ސެލްވަން" އިން ފެންނާނެ ތަރިންގެ ތެރޭގައި ވިކްރަމް، ކާތީ، ޖަޔަމް ރަވީ، ޓްރިޝާ، ވިކްރަމް ޕްރަބޫ، ވިކްރަމް، އައިޝްވާރިއާ ލެކްޝްމީ، ޕްރަކާޝް ރާޖް އަދި ބޮލީވުޑްގެ ފިލްމުތައް ކުޅޭ ސޮބީތާ ދުލިޕާލިއާ ހިމެނެ އެވެ.

"ޕޮނިޔިން ސެލްވަން" އަކީ 1994 ގެ މިސް ވޯލްޑް ތާޖަށް ފަހު، 1997 ގައި ތަމަޅަ ފިލްމު "އިރުވަރު" އިން އައިޝްވާރިއާ އެކްޓިން އަށް ނެރެދިން ޑައިރެކްޓަރު ރަތުނަމް ހަދާ ފިލްމެކެވެ. އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2007 ގެ "ގުރޫ" އާއި 2010 ގެ "ރާވަން" ހިމެނެ އެވެ.