Roadha Mihaaru
އެމްބިއުލާންސްގައި ގެންދިޔައީ ފަރުވާ ބޭނުންވާ ކުއްޖެއް

ހަމަނުޖެހުމެއް ނުހިނގާ، އެމްބިއުލާންސްގައި ގެންދިޔައީ ފަރުވާ ބޭނުންވާ ކުއްޖެއް

19 ސެޕްޓެމްބަރ 2021

ދައުލަތުން ބަލަހައްޓާ ކުދިން ހުޅުމާލޭގައި ބައިތިއްބާ ފިޔަވަތީގައި މިއަދު ހަވީރު ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އެތަނުން އެމްބިއުލާންސެއްގައި މިއަދު ގެންދިޔައީ ނަފުސާނީ ފަރުވާ ބޭނުންވާ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތުން ބަލަހައްޓާ ކުދިން ހުޅުމާލޭގައި ބައިތިއްބާ ފިޔަވަތީގައި މިއަދު ހަވީރު ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އެތަނުން އެމްބިއުލާންސެއްގައި މިއަދު ގެންދިޔައީ ނަފުސާނީ ފަރުވާ ބޭނުންވާ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީ ބުނެފި އެވެ.

ފިޔަވަތިން ކުއްޖަކު އެމްބިއުލާންސަކަށް އަރުވައިގެން ގެންދާ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފަ އެވެ. މި ވީޑިއޯ އާންމުކުރި ސޯޝަލް މީޑިއާ ގްރޫޕް "އެމްވީ ކްރައިސިސް" އަށް ރައްދުކޮށް، މިނިސްޓްރީން ކުރި ޓުވީޓުގައި ބުނެފައި ވަނީ އެތަނުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.

"އެމްބިއުލާންސްގައި ގެންދާ ކުއްޖަކީ ނަފުސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމަށާއި އާއްމުވެފައި ވަނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދެވޭ މަންޒަރު ކަމަށް ވެސް ބުނެފައިވެ އެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް މީޑިއާގައި ހަމާކުރާއިރު މައުލޫމާތު ސައްހަކަން ކަށަވަރުކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޔަވަތީގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅާއި މި މައްސަލަ އަންނަނީ ބަލަމުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަން އެ ކޮމިޓީ އަށް ހުށަހެޅުއްވި ރިޕޯޓުގައި ވަނީ މި މައްސަލަ ރިޕޯޓްކުރުމުގައި މީޑިއާ އިން އަމަލު ކޮށްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހަމަނުޖެހުން ހިނގި ވަގުތު އެތަނަށް ވަދެވަޑައިގެންނެވި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއުގެ މައްސަލަ ބަލައިދޭން ވެސް ކޮމިޓީން މިއަދު ވަނީ އެލްޖީއޭ އަށް ހުށަހަޅައިފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަތީގެ ފުރާޅުމައްޗަށް ނޭރޭ ގޮތަށް ހެދުމަށް ވެސް ޖެންޑާ މިނިސްޓްރީ އަށް އެންގުމަށް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ފިޔަވަތީގައި މައްސަލަތައް ބޮޑުވެ، ބައެއް ކުދިން އެތަނުން ބޭރަށް ނުކުމެ، ފުރާޅު މައްޗަށް އަރައި އެތާނގައި ކުދިން ބަލަން ތިބޭ މީހުންނަށް ނުކިޔަމަންތެރިކަން ދައްކާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ރޭގެ ވަގުތެއްގައި ވެސް ފިޔަވަތީގެ ފުރާޅުމަތީގައި އެތައް ގަޑިއިރެއް ވަންދެން ކުއްޖަކު އިން ފޮޓޯތަކެއް އާންމުވި އެވެ. އަދި މައްސަލަ ބޮޑުވެ ހުކުރު ދުވަހު ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފަ އެވެ.