Roadha Mihaaru
މުސާރަ ބޮޑުނުކޮށް ހޭދަކުރަނީ އިންތިހާބަށް: ޝިޔާމް

މުސާރަ ބޮޑުކުރަން ހުރި ފައިސާ ހޭދަކުރަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް: ޝިޔާމް

20 ސެޕްޓެމްބަރ 2021

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުުގެ އިންތިހާބު ވަކި ކެންޑިޑޭޓުންތަކަކަށް ކާމިޔާބުކޮށްދޭން، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހުރި ދައުލަތުގެ ފައިސާ ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރުު ދާއިރާގެ މެމްބަރު އަހުމަަދު ޝިޔާމް މިއަދު ތުހުމަތުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުުގެ އިންތިހާބު ވަކި ކެންޑިޑޭޓުންތަކަކަށް ކާމިޔާބުކޮށްދޭން، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހުރި ދައުލަތުގެ ފައިސާ ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރުު ދާއިރާގެ މެމްބަރު އަހުމަަދު ޝިޔާމް މިއަދު ތުހުމަތުކުރައްވައިފި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މުސާރައިގެ އޮނިގަނޑުތައް އެކުލަވައިލުން އަވަސްކުރުމަށް ގޮވާލައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ދަތުރުތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށެވެ. ސަރުކާރުން އެގޮތަށް ކަންތައް ކުރާއިރު ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް މިހާރު ލިބޭ ކުޑަަ މުސާރަކޮޅު ވެސް ހަމައަށް ނުލިބި އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރައްވަމުން ގެންދަވަނީ ކޯލިޝަން ޕާޓްރަރުން ރުއްސަން ކަމަށް ވެސް ޝިޔާމް ތުހުމަތުކުރެއްވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާދަކުރަން ތިބި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބޭބޭފުޅުންނަށް ހޭދަކޮށްގެން، ސިވިލް ސާވިސްގެ މުވައްޒަފުންގެ ފައިސާކޮޅު ވެސް ހުސްކުރާތަން އަޅުގަނޑުމެނަށް މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި އެއް ބިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެ ކަމަށާއި އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދޮންބިލެތް ހަލީީމު މިއަދު ހުށަަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުން ދެމުން ގެންދާ ހިދުމަތަށް ބަލާއިރު، އެ މީހުންނަށް ދެނީ އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށްް އެ ޕާޓީން އަބަދުވެސް ދެކޭ ކަމަށެވެ. އެހެންވެ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑު އަވަސްކުރަން އޭނާ ގޮވައިލެއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެމްބަރުންންގެ އިއްްތިފާގުންނެވެ.

މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލުން އަވަސްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އިރު، ސަރުކާރުން މިއަދު ބުނީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތާލައި، އެއް ހަމައަކުން މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އޮނިގަނޑަށް މުވައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.