Roadha Mihaaru
ދިވެހި ސިފައިންގެ ޕައިލެޓުން އޮޕަރޭޝަނަށް ނުކުންނަނީ

އިންޑިއާއިން ތަމްރީނު ކުރި ޕައިލެޓުން ވަރަށް އަވަހަށް މަތިންދާބޯޓު ދުއްވަން ފަށާނެ: އެމްއެންޑީއެފް

21 ސެޕްޓެމްބަރ 2021

އިންޑިއާގެ އެހީގައި ތަމްރީނު ކޮށްފައިވާ ދިވެހި ސިފައިންގެ ޕައިލެޓުން މަތިންދާބޯޓުތައް ދުއްވަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ އެހީގައި ތަމްރީނު ކޮށްފައިވާ ދިވެހި ސިފައިންގެ ޕައިލެޓުން މަތިންދާބޯޓުތައް ދުއްވަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ދިވެހި އަސްކަރިއްޔާ އިން މިހެން ބުނީ، އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ސިފައިންގެ ޕައިލެޓުން ތަމްރީނު ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ތިން ޕައިލެޓަކު ތަމްރީނުތައް ނިންމައިގެން އެނބުރި އައިސްފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު "މިހާރު" އަށް ވިދާޅުވުމާ ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ، އިންޑިއާ އިން މިހާރު އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީނު ކޮށްފައިވާތީ، މިހާރު ކުރިއަށް ގެންދަނީ ޕައިލެޓުންނާ އެޕޮއިންޓްމަންޓް ހަވާލުކުރުމާއި އެހެނިހެން އިދާރީ ކަންކަމާ ވާން ޖެހޭ ތައްޔާރީތައް ކަމަށެވެ.

ނަމަވެސް އިތުރު ތަފުސީލެއް އެމްއެންޑީއެފަކުން އަދި ނުދެ އެވެ.

އިންޑިއާގެ ސަފީރު "މިހާރު" އަށް މިދިޔަ އާދިއްތަ ދުވަހު ދެއްވި އިންޓަވިއުގައި ވިދާޅުވީ، ޕައިލެޓުންގެ އިތުރުން، ޑޯނިއާ މަތިންދާބޯޓަށް ބޭނުންވާ ފަންނީ މީހުން ވެސް އިންޑިއާ އިން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.

"އެމްއެންޑީއެފަށް އަޅުގަނޑުމެން ތަމްރީނުގެ ފުރުސަތުތައް ދޭއިރު، އޭގެ ތެރޭގައި އޭވިއޭޝަން ދާއިރާގެ ޖާގަތައް ވެސް ހިމެނޭ. މި އަހަރު ވެސް އަޅުގަނޑުމެން ފުރުސަތު ދީފިން ދިވެހިން ތަމްރީނުވާން 42 ޖާގަ. ހަމައެކަނި އޭވިއޭޝަން ދާއިރާއިން 42 ޖާގަ،" ސަފީރު ވިދާޅުވި އެވެ.

"ދިވެހި ތިން ޕައިލެޓުން ތަމްރީނު ވެގެން އެނބުރި އައިސްފި މިދިޔަ އެއް މަސްދުވަހުގެ ތެރޭގައި."

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ ބޯޓުތަކަކީ މަދަނީ އުދުހުންތަކުގައި ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓުތަކާ ހިލާފަށް، އަސްކަރީ ސާވައިލެންސް މަސައްކަތްތަކަށް ބޭނުންވާާ ވަސީލަތްތައް ގާއިމު ކޮށްފައިވާ އުޅަނދުތަކެކެވެ. ހަަމައެކަނި ޕައިލެޓް ތަމްރީނު ހަދައިގެން އެފަދަ ބޯޓުތައް އޮޕަރޭޓް ނުކުރެވެނީ އެހެންވެ އެވެ.

މަތިންދާބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާގެ ޕައިލެޓުންނާއި ޓެކްނިކަލް މީހުން ހަރަކާތްތެރިވާތީ އިދިކޮޅު ބައެއް ފަރާތްތަކުން އިންޑިއާއަށާއި ދިވެހި ސަރުކާރަށް ވެސް ގެންދަނީ ފާޑުކިޔަމުންނެވެ.

އެ އުޅަނދުތައް އޮޕަރޭޓްކުރަން އިންޑިއާ ސިފައިން ތިބެނީ ދިވެހިން އަދި ތަމްރީނު ނުވާތީ ކަމަށް ސަަރުކާރުން ކުރިން ބުންޏެވެ. މިއީ އާއްމުންގެ ފާޑުކިއުން އަމާޒުވި ކަމެކެވެ.