Roadha Mihaaru
ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި

ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި

23 ސެޕްޓެމްބަރ 2021

އައްޑޫ ހުޅުދު އާއި މީދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ނުފޫޒު ގަދަވެ، އެ މީހުންގެ ފަރާތުން ނުކުންނަ މައްސަލަތައް ވެސް ވަރަށް ބޮޑަށް އިތުރުވެ، އެ ދެ އަވަށުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހުޅުދު އާއި މީދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ނުފޫޒު ގަދަވެ، އެ މީހުންގެ ފަރާތުން ނުކުންނަ މައްސަލަތައް ވެސް ވަރަށް ބޮޑަށް އިތުރުވެ، އެ ދެ އަވަށުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒުއްރަހްމާން "މިހާރު" އަށް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނާ ގުޅުން ހުރި އެތައް މައްސަލައެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކުރާ މަސައްކަތްތަކާ ނުބައްދަލު އަގު ހޯދަން ޑިމާންޑްކުރުމާއި ރަށުގެ އާންމު ރައްޔިތުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި، އިންޒާރު ދިނުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބިދޭސީންގެ އުނދަގޫތަކާ ހެދި، މި ހަފުތާގައި ވެސް ރައްޔިތުންގެ ބަޔަކު އަވަށު އޮފީހަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"މިތަނުގައި މި އުޅޭ ބިދޭސީ މަސައްކަތްތެރިން މިހާރު އުޅެނީ ޔޫނިއަނެއްގެ ގޮތުގައި. އެގޮތަށް މަސައްކަތްތަކާ އެއްޗެހި ނަގައި ބޮޑު އަގު ހޯދަން ޑިމާންޑްކުރާތީ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކާ ވަނީ ކުރިމަތިލާން ޖެހިފައި. އެ މީހުން މަސައްކަތް ކޮށްފައި ޑިމާންޑްކުރާ އަގުތައް އުޅެނީ ރައްޔިތުން އަތްފޯރާ ހިސާބެއްގައެއް ނޫން،" ފައިޒު ވިދާޅުވި އެވެ.

"މި މީހުންގެ ނުފޫޒު ބޮޑުވެގެން ގޮސް މިހާރު އާންމު ރައްޔިތުންނަށް މަރުގެ އިންޒާރު ދިނުން ފަދަ ކަންކަން ވެސް އެބަކުރޭ. މިކަހަލަ ކަންތައްތަކާ ހެދި ބިދޭސީންގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް."

ހުޅުދޫ ކައުންސިލަރު ފައިޒު

ހުޅުދޫ ކައުންސިލަރު ފައިޒު

އޭނާ ވިދާޅުވި ގޮތުގައި މިކަން މިގޮތަށް ދިގުދެމިގެން ހިނގައްޖެ ނަމަ ބިދޭސީންގެ ކަންކަން ކޮންޓްރޯލުން ނެއްޓިދާނެ އެވެ. އެހެންވެ އެކަމާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ކުރެވޭނެ އެއް ކަމަކަށް ވާނެ އެ މީހުން ޑިމާންޑްކުރާ ވަރަކަށް އަގު ނުދިނުން. އެއް މަސައްކަތެއް އެކި މީހުންނަށް އެބަކޮށްދޭ އެތައް ގުނަ ބޮޑުކޮށް،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މަސައްކަތެއް ކުރުވާ އިރު ކުރީ ބައިގައި އަގަކަށް އެއްބަސްވެގެން މަސައްކަތްކުރުވުމަކީ ވެސް ވަރަށް މުހިއްމު."

ހުޅުދޫގައި މިހާރު ވެސް 100 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުންނެވެ.

"ކަންކަން ގޯހުން ގޯހަށް ނުދަނީސް އެބަޖެހޭ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރުކުރަން." ފައިޒު

މީދޫގައި ވެސް މިހާރު 170 އަށް ވުރެ ގިނަ ބިދޭސީން ތިބި އިރު އޭގެ ތެރޭގައި ވެސް ނިސްބަތުން ގިނަވާނީ ގަވައިދާ ހިލާފު މީހުން ކަމަށް އެ އަވަށު ކައުންސިލަރު އައިމިނަތު ސާލިހާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީދު އާއި ހުޅުދޫގައި އުޅޭ ބިދޭސީން ގުޅި، ހިތަދޫގައި އުޅޭ ބިދޭސީންތަކެއް ބޮޑު ނެޓްވޯކެއްގެ ގޮތަށް މަސައްކަތްކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ދެ އަވަށު އޮފީހުން ވެސް މިހާރު ތައްޔާރު ވަނީ އަންނަ ހަފުތާގެ ތެރޭގައި ދެ އަަށުގައި އުޅޭ ހުރިހާ ބިދޭސިންގެ މައުލޫމާތު އެއްކޮށް، ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށެވެ.

ފައިޒް ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ބޮޑުވަމުންދާތީ އެކަން ހައްލުކޮށްދޭން އިކޮނޮމިކް މިނިސްޓްރީގައި ވެސް އެދުމުން އެ މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް އައްޑު އަށް އަންނަ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި ބިދޭސީންގެ ފަރާތުން ދިމާވާ މައްސަލަތަކުގެ ވާހަކަ ފުލުހުންނާ ވެސް ހިއްސާކޮށްފައިވެ އެވެ.

މީދޫ ކައުންސިލަރު ހާލިސާ.

މީދޫ ކައުންސިލަރު ހާލިސާ.

"ކަންކަން ގޯހުން ގޯހަށް ނުދަނީސް އެބަޖެހޭ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރުކުރަން،" ފައިޒް ވިދާޅުވި އެވެ.

"މިކަމަށް ބޭހުން ވަނީ އަވަސް ހައްލެއް."

އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުވާނީ އާންމު ރައްޔިތުން ފަރުދީ ޒިންމާ ވެސް އަދާކޮށްގެންނެވެ. އެގޮތުން ރަށުތެރޭގައި ހުންނަ މަސައްކަތްތައް ރަށުގެ މީހުން ކުރަން ނުކުތުމަކީ ވެސް ވަރަށް މުހިިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ހާލިސާ ވެސް ވިދާޅުވީ ބިދޭސީންގެ އުނދަގޫ މިހާރު އޮތީ އެ މީހުން ހެދިހާ ގޮތެއް ހެދިގެން އާންމުން އުޅެން ޖެހޭ ފަދަ ހާލެއްގައި ކަމަށެވެ.

"ބިދޭސީންގެ މައްސަލަ ހައްލުކުރެވޭތޯ ކުރެވެން ހުރިހާ މަސައްކަތެއް އަހަރެމެން ކުރާނަން. މިކަމުގައި މަޑުން ތިބެވޭ ވަރަށް މި މީހުންގެ ފަރާތުން ނުކުންނަ މައްސަލަތައް." އޭނާ ވިދާޅުވި އެވެ.

އައްޑޫގައި އުޅޭ ބިދޭސީންގެ ސާފު އަދަދެއް ސާފު ނުވި ނަމަވެސް، އެ ސިޓީ އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެންމެ ގިނަ ވާނެ އެއް ތަން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މި މައްސަލަ ހައްލުކުރަން މީގެ ދެ އަހަރު ކުރިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ފައްޓަވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހަސަން (ހަނަފީ) ވެސް ވިދާޅުވެފައިވެ އެވެ.

ސައްހަ ލިޔެކިޔުން ނެތް އަދި ސަރުކާރުގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގައި ނުބައިތިއްބަން އައްޑޫ ސިޓީ ކައުންސިލުން ވެސް މިދިޔަ އަހަރު ނިންމާފައިވެ އެވެ. އެކަމަކު މިއީ މިހާތަނަށް ހައްލެއް ނުލިބި އޮތް އައްޑޫގެ އެންމެ ބޮޑު އެއް މައްސަލަ އެވެ.