Roadha Mihaaru
އަލިފާން ފަރުބަދަ ގޮވުމުން އެތައް ގެއެއް އަނދައިފި

އަލިފާން ފަރުބަދައިން ފޭބި ދިޔާ އަލިފާނުން އެތައް ގެއެއް އަނދައިފި

23 ސެޕްޓެމްބަރ 2021

ކެނެރީ އައިލޭންޑްސްގެ ލަ ޕާލްމާ ޖަޒީރާގައި ހުރި ކުމްބްރީ ވިއޭޚާ ކިޔާ އަލިފާން ފަރުބަދަ ގޮވުމުން ނުކުތް ދިޔާ އަލިފާންތައް، ފަރުބަދައިގެ ވާދީގެ ތެރެއަށް ފައިބައިގެން ގޮސް، އެ ވާދީގައި ހުރި އެތައް ސަތޭކަ ގެއެއް އަލިފާނުގެ ތެރޭގައި ވަޅުލެވިއްޖެ އެވެ.

ކެނެރީ އައިލޭންޑްސްގެ ލަ ޕާލްމާ ޖަޒީރާގައި ހުރި ކުމްބްރީ ވިއޭޚާ ކިޔާ އަލިފާން ފަރުބަދަ ގޮވުމުން ނުކުތް ދިޔާ އަލިފާންތައް، ފަރުބަދައިގެ ވާދީގެ ތެރެއަށް ފައިބައިގެން ގޮސް، އެ ވާދީގައި ހުރި އެތައް ސަތޭކަ ގެއެއް އަލިފާނުގެ ތެރޭގައި ވަޅުލެވިއްޖެ އެވެ.

ލަ ޕާލްމާ ޖަޒީރާގެ މުނިސިޕަލް އޮފީހުން އިއްޔެ ބުނި ގޮތުގައި އެ ސަރަހައްދުގެ 320 އަށް ވުރެ ގިނަ އިމާރާތް މިހާރު ވަނީ އަނދައި އަޅިއަށް ވެފަ އެވެ. ކެނެރީ އައިލޭންޑްސްއަކީ މޮރޮކޯގެ ހުޅަނގުން އެޓްލާންޓިކް ކަނޑު ތެރޭގައި އޮންނަ، ސްޕޭންގެ ޖަޒީރާތަކެކެވެ.

މިދިޔަ އާދީއްތަ ދުވަހު ގޮވަން ފެށި އަލިފާން ފަރުބަދައިން، ދިޔާ އަލިފާންތައް މިހާރު ވަނީ 154 ހެކްޓަރު (1.54 މިލިއަން އަކަ މީޓަރު)ގެ ސަރަހައްދަކަށް ފެތުރިފަ އެވެ. ދިޔާ އަލިފާނުގެ ގޮތުގައި ފައިބަނީ ފަރުބަދައިގެ ތެރޭގައި، ހޫނުގަދަ އަލިފާނުގެ ސަބަބުން ވިރިކެކޭ ހިލަޔާއި އެކި ބާވަތުގެ މައުދަންތަކެވެ.

ކެނެރީ އައިލޭންޑްސްގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި އެ ސަރަހައްދުގެ 6،100 މީހަކު މިހާރު ވަނީ ރައްކާތެރި އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ހޮޓަލެއްގައި ތިބި 400 ޓޫރިސްޓުން ވެސް ހިމެނެ އެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ވާދީގެ ތެރެއަށް އެޅެމުންދާ ދިޔާ ހިލަ އާއި އަޅީގެ ސަބަބުން، އިމާރާތްތަކާއި ގެދޮރަށާއި މުދަލަށް ގެއްލުން ލިބުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބެ އެވެ. ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި ލިބޭ ގެއްލުން 400 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ.

ފަރުބަދައިން ފައިބައިގެން އަންނަ ދިޔާ ހިލަތައް، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފައިބަމުން ދާތީ، އަލިފާން ނިއްވާ މީހުން ދަނީ، ބޮޑެތި އެކްސްކަވޭޓަރުތައް ބޭނުންކޮށްގެން ކޯރު ކޮނެ، ދިޔާ ހިލަތަކުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަލިފާން ފަރުބަދަ އަދިވެސް އިތުރު ދުވަސްތަކަކަށް ގޮވަމުން ދާނެ ކަމަށް ބެލެވޭ އިރު، މިހާރު ފަރުބަދަ އިން ފައިބާ ދިޔާ އަލިފާނާއި ހިލަތައް ތިރިއަށް ފައިބަމުން ދަނީ، ފަރުބަދައިގެ އުތުރަށާއި ދެކުނަށެވެ.

އަލިފާން ފަރުބަދަ އިން އަލިފާނުން ކަޅިވެގެން ފައިބާ ދިޔާ ހިލަތައް ފަރުބަދަ މަތިން ތިރިއަށް ސޮހެމުން އަންނަނީ ވަރަށް ލަސް ދުވެއްޔެއްގައި، ލަ ޕާލްމާ ޖަޒީރާގެ ހުޅަނގު ފަރާތު އައްސޭރިއާ ދިމާއަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ހޫނުމިން 1100 ޑިގްރީ ސެލްސިއެސްގައި ހުންނަ ދިޔާ ހިލަތައް ކަނޑުގެ ލޮނުގަނޑަށް އެޅެމުންދާ ވަރަކަށް ގޮވުންތައް ގޮވަން ފަށާނެ އެވެ. އަދި އެ ގޮވުންތަކާ އެކުގައި ވިހަ ގޭސްތައް ޖައްވަށް އަރަން ފަށާނެ އެވެ. ހަމައެއާ އެކު، ބައެއް ފަހަރަށް، ހިލަ ގުޅަގުޅަ މިސައިލެއް ފަދައިން ދުނިޖަހާފައި މައްޗަށް އަރައިގެންދާ މަންޒަރު ފެންނާނެ އެވެ.

ހަވާއީގެ ކިލާއުއޭ އަލިފާން ފަރުބަދަ 2018 ވަނަ އަހަރު ހިނގި އިރު ވެސް މި މަންޒަރު ފެނިފައިވެ އެވެ. އެފަރުބަދައިން ފޭބި ދިޔާ ހިލަތައް ކަނޑުގެ ލޮނުގަނޑު ތެރެއަށް އެޅުމުން ގޮވަން ފެށި ގޮވުންތަކުގެ ސަބަބުން، އެ ސަރަހައްދުގައި ތިބި 16 މީހަކު ޒަހަމްވި އެވެ. އަދި ދުނިޖަހާފައި އަރައިގެން ދިޔަ ހިލައިގެ ގުޅަވަރަކުން ޖެހި، އެކަކުގެ އެއް ފައި ބުރިވި އެވެ.

އެ ފަރުބަދައިން ފޭބި ދިޔާ ހިލަތައް ކަނޑުގެ ތެރެއަށް ފޭބުމުން ގޮވި ގޮވުންތަކާއެކު ޖައްވަށް އަރައިގެން ދިޔަ ވިހަ ގޭސްތަކުގެ ސަބަބުން، އެ ސަރަހައްދުގެ ޖައްވުގެ ތެރޭގައި އެސިޑްގެ ވިލާތަކެއް އުފެދުނެވެ. އެ ހާލަތުގައި އެ ސަރަހައްދުން އަރާ ވިހަ ގޭހުގެ ތެރެއަށް ނޭވާ ލެވިއްޖެ ނަމަ، ފުރާނައަށް ގެއްލުންވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.