Roadha Mihaaru
ނަސްރުގެ މެރަތަންގެ އަދަދު 90 އަށް

ނަސްރުގެ މެރަތަންގެ އަދަދު 90 އަށް

21 މެއި 2023

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދުގެ 90 ވަނަ މެރަތަން ސިންގަޕޫރުގައި ފުރިހަމަކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދުގެ 90 ވަނަ މެރަތަން ސިންގަޕޫރުގައި ފުރިހަމަކޮށްފި އެވެ.

ނަސްރުގެ 90 ވަނަ މެރަތަންގެ ފިނިޝިން މެޑަލް ހަދިޔާ ކުރަން އޭނާ ނިންމާފައި ވަނީ، އެމްއެންޑީއެފްގެ ކާނަލް އަހުމަދު ޝާރިމް އަށެވެ. އެމްއެންޑީއެފްގެ މިލްޓަރީ އިންޖިނިއަރިން ޑިޕާޓްމެންޓްގައި ވަޒީފާ އަދާ ކުރަމުން އަންނަ ނަސްރުގެ 80 ވަނަ މެރަތަންގެ މެޑަލް މިދިޔަ އަހަރު އޭނާ ހަދިޔާ ކުރީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށެވެ.

ކުރިން ނަސްރު ޓާގެޓްކޮށްގެން ހުރީ މި އަހަރު 100 ވަނަ މެރަތަން ފުރިހަމަ ކުރުމެވެ. އެކަމަކު މިއަދު އޭނާ ބުނީ މި އަހަރުގެ ޓާގެޓަކީ 99 އެއް ހަމަ ކުރުން ކަމަށެވެ.

ސިންގަޕޫރު މެރަތަންގައި ނަސްރު ވާދަ ކުރަން އޭނާ އަށް އެހީތެރިވި ކުރީގެ ފިލުމީ ތަރި އިސްމާއީލް ވަޖީހް އާއި އަދި ސިންގަޕޫރުގައި ދިރިއުޅޭ އެހެން ދިވެއްސެއް ކަމަށްވާ އިޖްޢާން

ސިންގަޕޫރު މެރަތަންގައި ނަސްރު ވާދަ ކުރަން އޭނާ އަށް އެހީތެރިވި ކުރީގެ ފިލުމީ ތަރި އިސްމާއީލް ވަޖީހް އާއި އަދި ސިންގަޕޫރުގައި ދިރިއުޅޭ އެހެން ދިވެއްސެއް ކަމަށްވާ އިޖްޢާން

"އަޅުގަނޑުގެ 100 ވަނަ މެރަތަން އަށް އަޅުގަނޑުގެ ޓީމު ގޮވައިގެން ލަންޑަން ނޫނީ ޓޯކިޔޯގައި ފުރިހަމަ ކުރަން ޓާގެޓަކީ، އަންނަ އަހަރަށް 100 ހަމަ ކުރުން މިހާރު ޓާގެޓަކީ،" ނަސްރު މިއަދު ބުންޏެވެ.

ދެކުނު އޭޝިއާގައި ވެސް އެންމެ ގިނަ މެރަތަން ދުވި ދުވުންތެރިންގެ ތެރޭގައި ހިމެނޭ ނަސްރު ފުރަތަމަ މެރަތަންއެއްގައި ވާދަ ކުރީ މާލޭގައި 1999 ގައި ބޭއްވި އެމްޓީސީ މެރަތަން އެވެ.

މެރަތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އެ 13 މެރެތަން ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމި އެވެ. މިދިޔަ އަހަރު ނަސްރު ވަނީ 10 މެރެތަން ފުރިހަމަކޮށްފަ އެވެ.