Roadha Mihaaru
ބޮޑެތި ކުށްވެރިން ހުކުމް ތަންފީޒު ކުރުމެއް ނެތް!

ނުރައްކާތެރި ކުށްވެރިން ހުކުމް ތަންފީޒު ކުރުމެއް ނެތް!

26 ސެޕްޓެމްބަރ 2021

ބޮޑެތި ކުށްތަކަށް އަރައިގެންފާނެ އަދި އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ކުށްވެރިންތަކެއް ހުކުމް ތަންފީޒު ނުވެ ދޫވެފައި ތިބޭތީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑެތި ކުށްތަކަށް އަރައިގެންފާނެ އަދި އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ކުށްވެރިންތަކެއް ހުކުމް ތަންފީޒު ނުވެ ދޫވެފައި ތިބޭތީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މިދިޔަ ހަފުތާގައި "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ނުރައްކާތެރި މީހުންގެ މައްޗަށް ހިންގަން ޖެހޭ ޝަރީއަތްތައް ހަލުވި ސްޕީޑުގައި ހިންގަން ޖެހޭ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ތިބެން ޖެހޭނީ މުޖުތަމައުން އެކަހެރިވެފައި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި މި ފެންނަނީ ހުކުމް ތަންފީޒުކުރުން މިއީ އެހާ އޮންނަ ކަމެއް ނޫން. ކިތަންމެ ނުރައްކާތެރި ކުށްކުރާ މީހެއް ކަމުގައި ވިޔަސް،" ކޮމިޝަނަރު ވިދާޅުވި އެވެ.

"ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހަކު ކަމުގައި ވިޔަސް މީހުން މަރާ މީހަކު ކަމުގައި ވިޔަސް ކުރިން މީހުން މަރާފައި ތިބި މީހުންނާއި އައިއީޑީއެއް އެސެމްބްލްކުރުމުގައި އިންދައި ފުލުހުން ގޮސް ހައްޔަރުކުރާ މީހުން ވިޔަސް ދޫވެފައި އެބަތިބި."

މިފަދަ މީހުންގެ މައްޗަށް ޝަރީއަތް ނުފެށުން ނުވަތަ ވަކި ހިސާބަކުން މަޑުޖެހި އެ މީހުން ދޫވުމާއި ކޯޓުން އެ ކުރާ ހުކުމް ތަންފީޒުކުރަން އެއްފަހަރަކު ގޭގައި ނުވަތަ އެހެން ތަނެއްގައި ބެހެއްޓުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

"މިއީ ބަދަލުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮމިޝަނަރު ވިދާޅުވި ގޮތުގައި މުޖުތަމައަށް ނުރައްކާތެރި ފުރާނައަށް ނުރައްކާތެރި އަމަލުތަކެއް ހިންގަން ފަސްނުޖެހޭނެ ފަދަ ގިނަ އަދަދެއްގެ ކުށްވެރިންތަކެއް މިހާރު ވެސް ތިބީ ދޫވެފަ އެވެ.

އޭގެތެރޭގައި މާލެ ސަރަހައްދުގައި އެންމެ ހަރަކާތްތެރިކޮށް އުޅޭ ހައެއްކަ ގޭންގުގައި ވަޅި އާއި މަރުތެޔޮ ހިފައިގެން އާއްމުންގެ ތެރޭގައި މާރާމާރީ ހިންގައި ސައިކަލަށް އަރައިގެން ބާރަށް ދުއްވާ ގިނަ ބަޔަކު އެބަތިއްބެވެ.

ކޮމިޝަނަރުގެ އަނެއް ކަންބޮޑުވުމަކީ ހަރުކަށި ފިކުރުގައި ނުރައްކާތެރި އަމަލެއް ކޮންމެ ފަދަ ވަގުތެއްގައި ވެސް ހިންގަފާނެ މީހުން ތިބުމެވެ.

"މި މީހުން މޮނިޓަކުރުމަށް އެބަހުރި ގޮންޖެހުންތައް،" ކޮމިޝަނަރު ވިދާޅުވި އެވެ.

މޮނިކޮން އަމުރެއްގެ ދަށުން ޓެގު އަޅުވައި ބަލަހައްޓަމުން މިހާރު އަންނަނީ ހަ މީހެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ނުރައްކާތެރި ކުށްވެރިން މޮނިޓަކުރަމުން އަންނަނީ ހަމައެކަނި ޓެގު އަޅުވައިގެން ނޫނެވެ. އެ މީހުން ތިބޭ ތަންތަނަށް ކުރިން އެންގުމަކާ ނުލައި ގޮސްގެން ބެލުމާއި ވަކި ކަންކަމަށް ޝަރުތުކުރުން ފަދަ ކަންކަން ވެސް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ މިކަން ރަނގަޅުކުރަން ބަލާއިރު ކޯޓުތަކުން ދައްކަނީ މިފަދަ މައްސަލަތަކުގައި ހެކި ބަސް ދޭނެ މީހުން ކޯޓަށް ހާޒިރުކުރަން ނުކުޅެދިފައިވާ މައްސަލަ ކަމަށެވެ.

"ބައެއް ފަހަރަށް ފުލުހުންގެ ތަހުގީގަށް ހެކި ބަސް ދޭ ފަރާތްތަކަށް ބިރު ދައްކާ ކަންތައް ކުރާ ވާހަކަ. އޭގެ ސަބަބުން ޝަރީއަތްތައް ކުރިއަށް ގެންދަން ހުރަސްތަކެއް މެދުވެރިވޭ. ނުރައްކާތެރި ކުށްވެރިންނާ ގުޅޭ ގޮތުން ހިންގާ ޝަރީއަތަށް ވެސް އަޅުގަނޑުމެން ދެކޭ ގޮތުގައި އެކި ކަހަލަ ނުފޫޒު އެބަ ފޯރާ."

ކުށެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި: ބޮޑެތި ކުށްވެރިންތަކެއް ދޫވެފައި އެބަތިބި. -- ފޮޓޯ/މިހާރު

ކުށެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި: ބޮޑެތި ކުށްވެރިންތަކެއް ދޫވެފައި އެބަތިބި. -- ފޮޓޯ/މިހާރު

މީގެ ސަބަބުން ޝަރީއަތްތައް ދިގުލައިގެން ދިއުމާއި ހެކި ހުއްޓަސް މުޖުތަމައުގެ ސަލާމަތަށްޓަކައި ނުކުންނަން ޖެހޭ ނަތީޖާ ނުނިކުތުން މެދުވެރިވާ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަރު ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލަ ހައްލުވާން އޮތީ މުޅި ސިސްޓަމް ހިނގައިގެންނެވެ. ކޯޓުތަކާއި ފުލުހުންނާއި ޕެރޯލް އާއި ކްލެމެންސީގެ އުސޫލްތައް ކަމުގައި ވިޔަސް ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ރަނގަޅަށް ހިންގަން ޖެހެ އެވެ.

އެންމެ ތެދުވެރިކަމާ އެކު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމުން ނޫން ގޮތަކަށް މައްސަލަ ހައްލުނުވާނެ ކަމަށް ވިދާޅުވި އެވެ.

"މި މަގަށް ދާ ތަނެއް އަދި އަޅުގަނޑުމެންނަކަށް ނުފެނޭ." ހަމީދު ވިދާޅުވި އެވެ.