Roadha Mihaaru
މަހުން ނަގާ ޑިއުޓީ ކަނޑަން ޔޫރަޕްގެ ހުށަހެޅުމެއް

ރާއްޖޭގެ މަހަށް ޔޫރަޕުން ނަގާ ޑިއުޓީ ކަނޑައިލަން ހުށަހެޅުމެއް އެބައޮތް: މިނިސްޓަރު

27 ސެޕްޓެމްބަރ 2021

ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 11 ޕަސެންޓްގެ ޑިއުޓީ މާފު ކުރެވިދާނެ ފަދަ ހުށަހެޅުމެއްް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ،މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 11 ޕަސެންޓްގެ ޑިއުޓީ މާފު ކުރެވިދާނެ ފަދަ ހުށަހެޅުމެއްް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ،މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ރާއްޖެ އިން ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރެވޭތޯ ވަރަށް ފަހުން ވެސް އީޔޫގެ ކަމާ ބެހޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމާއެކު، ދެމެހެއްޓެނިވި ތަަރައްގީ އަށް މަސައްކަތް ކުރާ ގައުމުތަކަށް "ޑިއުޓީ އެގްޒެމްޕްޝަން" އެއް ދޭން އީޔޫއިން ހުށަހަޅާފައިވާ ކަމަށެވެ.

"އެ މަސައްކަތް ދިވެހި ސަރުކާރާ އެކުގައި އެބަ ކުރެވޭ. އެ މަސައްކަތް ކާމިޔާބު ކުރެވުނީމާ ޔޫރަޕިއަން ޔޫނިއަން އަށް އަޅުގަނޑުމެން މިހާރު މި ދައްކާ ޑިއުޓީ ނުދައްކައި، އެހެން ބައެއް ގައުމުތަކާ އެއްގޮތަށް މަސައްކަތް ކުރެވުނީމާ، މަހުގެ އަގު މައްޗަށް ގެންދެވިދާނެ،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހަށް ލިބޭ އަގު ބޮޑުކުރުމަށްޓަކައި މިހާރަށް ވުރެ ގިނަ މާކެޓްތަކަށް މަސް އެކްސްޕޯޓްކުރަން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތުރުކީ އާއި ރަޝިއާ އަދި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކަށް މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެންނަށް ކުރެވުނީމާ މާކެޓަށް އެކްސެސް ވެވޭ ވަރު ބޮޑުވެގެން ދާނެ. އޭގެ ނަތީޖާއަކަށް ވާނީ މަސް ގަންނަން ކުންފުނިތަކުން މިހާރަށް ވުރެ ބޮޑު އަގުގައި ގަތުމުގެ ގާބިލުކަން އިތުރުވާނެ،" މިނިސްޓަަރު ވިދާޅުވި އެވެ.

އެ މަސައްކަތް [ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑައިލުމުގެ މަސައްކަތް] ދިވެހި ސަރުކާރާ އެކުގައި އެބަ ކުރެވޭ. އެ މަސައްކަތް ކާމިޔާބު ކުރެވުނީމާ ޔޫރަޕިއަން ޔޫނިއަން އަށް އަޅުގަނޑުމެން މިހާރު މި ދައްކާ ޑިއުޓީ ނުދައްކައި، އެހެން ބައެއް ގައުމުތަކާ އެއްގޮތަށް މަސައްކަތް ކުރެވުނީމާ މަހުގެ އަގު މައްޗަށް ގެންދެވިދާނެ--- ފިޝަރީޒް މިނިސްޓަރު

ނަމަވެސް އެ ހުށަހެޅުމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން ކުރަމުން އަންނަނީ ސީދާ ކޮން މަސައްކަތެއް ކަމެއް މަސްވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މަސްވެރިކަމުގެ ވިޔަފާރި ސަރުކާރުން ދޫކޮށްލައި އާއްމު ފަރާތްތަަކަށް އެކަން ދޫކޮށްލާނީ ކޮން އިރަކުންތޯ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ކަމަށް މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މަސްގަތުން ސަރުކާރުން ހުއްޓައިލާނެ ދުވަހެއް ސީދާ ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ގިންތީގައި 2011 ވަނަ އަހަރު ރާއްޖެ ހިމެނުމުން، އީޔޫގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށި އެވެ. އެހެންވެ އެކަށީގެންވާ އަގެއް ނުހޯދޭތީ އެކަމުގައި ލުޔެއް ހޯދަން ކުރީގެ ދެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މީގެ ކުރިން ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ރާއްޖޭގެ މަހަށް ޔޫރަޕުން ނަގާ ޑިއުޓީ ކަނޑައިލުމުގެ ހުށަހެޅުމެއް އެބަ އޮތްކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މީގެ ކުރިން ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ރާއްޖޭގެ މަހަށް ޔޫރަޕުން ނަގާ ޑިއުޓީ ކަނޑައިލުމުގެ ހުށަހެޅުމެއް އެބަ އޮތްކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެގޮތުން ޖެނެރަލައިޒްޑް ސިސްޓަމްސް އޮފް ޕްރިފަރެންސަސް ޕްލަސް (ޖީއެސްޕީ ޕްލަސް) ހޯދަން ކުރީ ސަރުކާރުން ހުށަހެޅި ނަމަވެސް އެ ކަންތައް ކާމިޔާބެއް ނުވި އެވެ. ޖީއެސްޕީ ޕްލަސް އަކީ ޑިއުޓީ ދެއްކުމުގައި ލުއިތަކެއް ދިނުމަށް އީޔޫ އިން ގެންގުޅޭ ސްކީމެކެވެ.

އެ އިނާޔަތް ރާއްޖެ އަށް ދިނުމަށް ކުރިން ދެކޮޅު ހެދި ސަބަބުތަކުގެ ތެރޭގައި ރާއްޖެ އިން ބައެއް މުއާހަދާތަކުގައި ސޮއިކުރިއިރު ބައެއް ރިޒަވޭޝަންތައް ހަދާފައި އޮތުން ހިމެނެ އެވެ.