Roadha Mihaaru
ހިޔާ ފްލެޓްތަކުގައި 3،000 އެއްހާ ކެމެރާ ހަރުކުރަނީ

ހިޔާ ފްލެޓްތަކުގައި 3000 އަށް ވުރެ ގިނަ ކެމެރާ ހަރުކުރަނީ

28 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކެމެރާ ހަރުކުރުމުގެ މަަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކެމެރާ ހަރުކުރުމުގެ މަަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ، 25 ބުރީގެ 16 ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ މާބޮޑު ތަފްސީލެއް ހިއްސާނުކުރި ނަމަވެސް އެޗްޑީސީން ބުނީ، އޭގެ ތެރެއިން އެއް ޕްރޮޖެކްޓް މިހާރު އެވޯޑް ކޮށްފައިވާ ކަމަށެވެ. ބާކީ ތިން ޕްރޮޖެކްޓް މި ހަފުތާގެ ތެރޭގައި ބީލަމަށް ލާނެ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީން ނިންމާފައި އޮތީ 16 ޓަވަރުގައި 3،000 އެއްހާ ކެމެރާ ހަރުކުރުމަށެވެ. ކޮންމެ ބުރިއެއްގައި ހަރުކުރަނީ ހަތް ކެމެރާ ކަމަށް އެޗްޑީސީން ބުނެ އެވެ.

ފްލެޓްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން އެޗްޑީސީން ނިންމިއިރު މި ޕްރޮޖެކްޓް ނިމޭނެ ސީދާ ދުވަހެއް ނޭނގެ އެވެ.

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދު އަނދިކަމުން އެ ތަން ކުށްތަކުގެ ހާއްޔަކަށް ވެފައިވާ ކަމަށް މީހުން ބުނެ އެވެ.

ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް އަންނަ ނޮވެމްބަރަށް ނިމޭނެ ކަމަށް ބެލެވުނަސް އެ ތަނުގައި މަގު ބައްތި ޖަހައި އަލިކުރެވޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. ފްލެޓްތަކުގެ ކޮރިޑޯތަކުގައި ހަރުކޮށްފައި ހުރީ ވޮއިސް ޑިޓެކްޓެޑް ލައިޓުކަމުން ގަދަ އަޑެއް އިވުމުން ނޫނީ އެ ލައިޓްތައް ނުދިއްލެ އެވެ. އެހެންވެ، އެ ތަނުން މީހުން ވައްކަން ކުރިޔަސް ނޭނގޭނެ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެޗްޑީސީން މިހާރު ނިންމާފައި އޮތީ ފްލެޓްތަކުގެ ލައިޓްތައް ބަދަލުކުރުމަށެވެ.