Roadha Mihaaru
ސޮއިކުރެވުނުހާ އަވަހަކަށް ގޭސްހޮޅި އަޅަން ފަށާނެ

ހިޔާގެ ފްލެޓްތަކަށް ގޭސްހޮޅި އެޅުން ލަސްވަނީ އެއްބަސްވުމުގައި ސޮއިނުކުރެވޭތީ

29 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓުތަކަށް ގޭސްހޮޅި އެޅުމަށް ކުރަން ޖެހޭ ސާވޭ ނިންމައި އެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވް ގޭސް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާ ފްލެޓުތަކަށް ގޭސްހޮޅި އެޅުމަށް ކުރަން ޖެހޭ ސާވޭ ނިންމައި އެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވް ގޭސް އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މަސައްކަތް ނުފެށެނީ އެއްބަސްވުމުގައި ސޮއި ނުކުރާތީ ކަމަށާއި އެކަމަކު އެކަމާ ގުޅޭ އެންމެ ފަހުގެ ކަންކަން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ގޭސްހޮޅި އެޅުމުގެ މަސައްކަތް ކުރާނީ މޯލްޑިވް ގޭސްގެ އިތުރުން އެޗްޑީސީ އާއި އެމްއެންޑީއެފް ގުޅިގެންނެވެ. އެ މަސައްކަތެއް ކުރާނީ ސިފައިންގެ ބެލުމުގެ ދަށުން ކަމަށާއި އެމްއެންޑީއެފުން ވެސް ހުއްދަ ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ގޭސްހޮޅި އަޅަން ސާވޭތައް ނިންމައި އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ހުރިހާ ކަމެއް ކުރާނީ އެމްއެންޑީއެފާ ކޮންސަލްޓް ކޮށްގެން، ހާއްސަ ހުއްދައިގެ ދަށުން،" މޯލްޑިވް ގޭސްގެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުގެ މަސައްކަތްތައް ނިންމައި ބައެއް މީހުން މިހާރު ފްލެޓުތަކުގައި ދިރިއުޅެން ފަށާފައިވާއިރު، ބޭނުން ކުރަނީ ގޭސް ފުޅިތަކެވެ. ނަމަވެސް ގޭސްހޮޅި އެޅުމުގެ މަސައްކަތް ނިމުމުން އެ ފްލެޓުތަކުގައި ގޭސްފުޅި ބޭނުން ކުރުން މަނާވާނެ އެވެ.