Roadha Mihaaru
އައްޑޫގައި ފުލުހުންގެ ހާލަތު ވަރަށް ގޯސް!

އައްޑޫގައި ފުލުހުންގެ ހާލަތު ވަރަށް ގޯސް، އަދަދު މަދު، އެކަށީގެންވާ ވަރަށް ވެހިކަލެއް ނެތް!

29 ސެޕްޓެމްބަރ 2021

އައްޑޫ ޕޮލިސް ސްޓޭޝަނުގައި ފުލުސް އޮފިސަރުންނާއި ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަން ހޯމް މިނިސްޓްރީގެ ސަމާލުކަމަށް ގެނައިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް، އެ މައްސަލަ އަށް ހައްލެއް ނުލިބުނު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ޕޮލިސް ސްޓޭޝަނުގައި ފުލުސް އޮފިސަރުންނާއި ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަން ހޯމް މިނިސްޓްރީގެ ސަމާލުކަމަށް ގެނައިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް، އެ މައްސަލަ އަށް ހައްލެއް ނުލިބުނު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މި މަހުގެ 17 ގައި އައްޑޫ ހިތަދޫގައި ހިންގި މާރާމާރީތަކާ ގުޅިގެން، ޖެހިގެން އައި ދުވަހު ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި ބުނެފައި ވަނީ އެ ސިޓީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ އަދަދު މަދުވުމުން ހިދުމަތް ދޭން އުނދަގޫ ވެފައިވާ މައްސަލަ މިދިޔަ މަހުގެ ހަތަރެއްގައި ހޯމް މިނިސްޓްރީ އަށް ލިޔުމަކުން އަންގާފައިވާ ކަމަށެވެ.

އެ ސިޓީގެ ޖަވާބު ހޯމް މިނިސްޓްރީން މިދިޔަ މަހުގެ 22 ގައި ސިޓީ ކައުންސިލަށް ފޮނުވާފައިވާއިރު، އެކަން ހައްލު ކޮށްދޭނެ ކަމަށް ބުންޏެވެ.

މި މައްސަލައިގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުއާއު "މިހާރު" އަށް ވިދާޅުވީ، އޭގެ ފަހުން އެ މައްސަލައިގެ އެއްވެސް "އަޕްޑޭޓެއް" ހޯމް މިނިސްޓްރީގެ ފަރާތުން ނުލިބޭ ކަމަށެވެ.

އައްޑޫ މަރަދޫގެ ބޮޑުމަގު.-- ފައިލް ފޮޓޯ

އައްޑޫ މަރަދޫގެ ބޮޑުމަގު.-- ފައިލް ފޮޓޯ

"އައްޑޫގައި މިހާރު ކުށްކުރުން ގިނަވެފައި ވުމާއި އަދި އެހާ ގިނަ އަވަށްތައް ދުރުދުރުގައި ހުރިއިރު ފުލުހުންނާއި ވެހިކަލްގެ ދަތިކަން ހުރުމުން ހިދުމަތް ދޭން ވަރަށް އުނދަގޫވޭ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ހުރި ލިމިޑެޓް ރިސޯސަސްތަކާ އެކު އައްޑޫގެ ފުލުހުން ވަރަށް ބުރަ މަސައްކަތެއް އެބަކުރޭ."

ގާތްގަނޑަކަށް 34،000 މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫގައި އިޖުތިމާއީ މައްސަލަތައް އިންތިހާ އަށް އިތުރުވެފައި ވާތީ، ތަކުރާރުކޮށް ފުލުހުންގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރި ކަމަށާއި އައްޑޫގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދުގެ އެނަލަސިސްއެއް ހަދައި، އެ ވެސް ހޯމް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ހިތަދޫގައި މި މަހުގެ 17 ގައި ހިންގި ދެ މާރާމާރީގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެ ދުވަހު ފުރަތަމަ މާރާމާރީ ހިންގީ ހެނދުނު ހިތަދޫ ފުލެޓް ސަރަހައްދުގަ އެވެ. ފްލެޓެއްގެ ތެރޭގައި ހުއްޓައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

ހަމަ އެ ދުވަހުގެ ރޭ ހިތަދޫގައި ވަނީ ސައިކަލަކުން ދިޔަ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ. އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެކެވެ. އެ ތަނުން ފިރިހެން މީހާގެ ކަނާތު ކޮނޑު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ކަފާލައިފަ އެވެ. އަންހެން މީހާ އަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.

މި ދެ މައްސަލައާ ގުޅިގެން ވެސް މިހާރު ވަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފަ އެވެ.