Roadha Mihaaru
ރާއްޖެ ޕްރޮމޯޓްކުރަން އެކްޓަރު ކަރެންވީރުގެ ދެމަފިރިން

ރާއްޖެ ޕްރޮމޯޓްކުރަން އެކްޓަރު ކަރެންވީރުގެ ދެމަފިރިން

23 ނޮވެމްބަރ 2021

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އިންޑިއާގެ އެކްޓަރު ކަރެންވީރު ބޮހޮރާއި އާއި އަންހެނުން ތީޖޭ ސިދޫ ރާއްޖެ ގެނެސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އިންޑިއާގެ އެކްޓަރު ކަރެންވީރު ބޮހޮރާއި އާއި އަންހެނުން ތީޖޭ ސިދޫ ރާއްޖެ ގެނެސްފި އެވެ.

މި ވާހަކަ ވިޒިޓް މޯލްޑިވްސް އިން ވެސް ހިއްސާ ކޮށްފައިވާ އިރު ކަރެންވީރު އަންހެނުންނާއި ތިން ކުދިންނާ އެކު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރާ ދަތުރުގައި ރާއްޖެ ޕްރޮމޯޓް ކުރާނީ އާއިލާތައް ޗުއްޓީ ހޭދަކުރަން ވަރަށް ހާއްސަ މަންޒިލެއްގެ ގޮތުގަ އެވެ. އެގޮތުން އެ މީހުން ތިބޭ ޕެރަޑައިސް އައިލޭންޑް ރިސޯޓްގެ ތަޖުރިބާތައް ދެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާ ކުރާނެ އެވެ.

ޓީވީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވި ކަރެންވީރަކީ މި ފަހުން ފިލްމުތަކުން ވެސް ފެންނަ އެކްޓަރެކެވެ. މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 10 ގައި ވާދަކޮށްފައިވާ ކަރެންވީރު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކިޔުކީ...ސާސް ބީ ކަބީ ބަހޫތީ"، "ކަސޯޓީ ޒިންދަގީ ކޭ"، "އިޝްގްބާޒް" އަދި "ނާގިން" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.

އޭނާ މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި 2019 ގެ "ހަމޭ ތުމްސެ ޕިޔާރު ކިތުނާ" އަދި 2017 ގެ "ޕަޓޭލް ކީ ޕަންޖާބީ ޝާދީ" ހިމެނެ އެވެ.

އިންޑިއާގެ މާ މަޝްހޫރު ނޫން އެކްޓަރަކު ރާއްޖެ ޕްރޮމޯޓް ކުރަން ގެނައި އިރު، އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އަށް ޒިޔާރަތްކުރެ އެވެ.