Roadha Mihaaru
ތޫފާން ޝާހީންގެ ސަބަބުން އޮމާން އެއާޕޯޓް ބަންދުކޮށްފި

ތޫފާން ޝާހީންގެ ސަބަބުން އޮމާން އެއާޕޯޓް ބަންދުކޮށްފި

03 އޮކްޓޯބަރ 2021

ގަލްފު އޮފް އޮމާންގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، މިހާރު ޝާހީންގެ ނަން ދީފައިވާ ތޫފާން އޮމާންގެ އެއްގަމަށް އަރަން ތައްޔާރުވެފައިވާތީ، ވެރިރަށް މަސްކަތުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ބަންދުކޮށްފި އެވެ.

ގަލްފު އޮފް އޮމާންގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، މިހާރު ޝާހީންގެ ނަން ދީފައިވާ ތޫފާން އޮމާންގެ އެއްގަމަށް އަރަން ތައްޔާރުވެފައިވާތީ، ވެރިރަށް މަސްކަތުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ބަންދުކޮށްފި އެވެ.

ތޫފާނުގެ ވައި ބާރުވާން ފަށާފައިވާތީ، އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި އެހެން ހިސާބުތަކަށް ދަތުރު ކުރުމަށް، ސަރުކާރުން މިހާރު އަންނަނީ ބާރު އަޅަމުންނެވެ. މިހާރު ވެސް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކާއި މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. މިއަދު ހެނދުނު ކުރި ވިއްސާރައިގައި މަގުމަތީ ބޮޑުވި ފެންގަނޑުގެ ތެރެއަށް ބާރު އޮޔާއެކު ދަމައިގަތް ކުޑަ ކުއްޖަކު، އޭގެ އިރުގަނޑެއް ފަހުން ފެނުނީ މަރުވެފައި އޮއްވަ އެވެ.

ވެރިރަށް މަސްކަތާ ދިމާލަށް ތޫފާނުގެ މިސްރާބު ހުރި އިރު، މިހާރު ވެސް ގަޑިއަކު 139 ކިލޯ މީޓަރު (ގަޑިއަކު 86 މޭލު) ބާރުމިނުގައި ވައި ޖެހެމުންދެ އެވެ. ގަތަރުގެ މޫސުމާ ބެހޭ އިދާރާ އިން ނެރެނު ބަޔާނެއްގައި ބުނީ، ތޫފާން ޝާހީންގެ ސީދާ އަސަރު، އަލް ބަތީނާ، އައްޒާހިރާ، އަލްބުރައިމީ އާއި އައްދާޚިލިއްޔާ އަށް ކުރާނެ ކަމަށެވެ.

އެ ތަންތަނުގެ ތެރެއިން ވަރަށް ބޮޑު ސަރަހައްދަކީ ފަރުބަދަމަތީ ސަރަހައްދުތައް ކަމަށްވާތީ، އެ ތަންތަނަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށާއި، ވައި ޖެހޭ ބާރުމިން ވެސް މަތިވާނެ އެވެ. އޭގެ އިތުރުން، މިތޫފާނުގެ އެންމެ ބޮޑު ނުރައްކަލަކީ، މި ތޫފާން ދަތުރު ކުރާ ސަރަހައްދުގެ ބޮޑު ބަޔަކީ، ބިންގަނޑު ހަރު ސަރަހައްދަކަށް ވުމުން، ވާރޭ ވެހުމުން ބޮޑުވާ ފެންގަނޑު ބިމަށް ހިނދިގެން ދިއުމުގެ ފުރުސަތު ކުޑަވުމެވެ. ނުވަތަ ބިމަށް ހިނދެން ގިނަ ވަގުތު ހޭދަވުމެވެ.

މި ދެ ސަބަބަށްޓަކައި، ޝާހީން ތޫފާންގައި ވެހޭ ވާރޭގެ ސަބަބުން އޮމާންގައި ފެންބޮޑުވުމުގެ ނުރައްކާ، އެހެން ސަރަހައްދުތަކާ އަޅައި ބަލާއިރު ދެގުނަ ބޮޑެވެ.

ކުއްލި ހާލަތްތަކާ ބެހޭ ގައުމީ ކޮމިޓީން ބުނި ގޮތުގައި، ވެރިރަށް މަސްކަތުގެ އިރުން އޮންނަ އަލްގުރްމް އަވަށުން މިއަދު ކަރަންޓު ކަނޑައިލެވޭނެ އެވެ. އެއީ ތޫފާނުގައި ޖެހޭ ބާރު ވައިގެ ސަބަބުން، ކަރަންޓު ވިއުގައިގެ ތެރެއިން ނުރައްކާތެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށް އަޅާ ފިޔަވަޅެކެވެ. އެ ސަރަހައްދުގެ 2،700 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ރައްކާތެރި ހިޔާވަހިތަކަށް ބަދަލުކޮށްފަ އެވެ.

އޮމާންގެ އާބާދީގައި ހިމެނޭ ފަސް މިލިއަން މީހުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން ދިރިއުޅެނީ، ވެރިރަށް މަސްކަތުގައާއި މަސްކަތުގެ ވަށައިގެން އޮންނަ ސަރަހައްދުގަ އެވެ. އެހެންކަމުން އެ ސަރަހައްދުގައި މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ހުރިހާ މަގުތަކާއި ހައިވޭތަކާއި ބްރިޖްތައް މިހާރު ވަނީ އާންމު ދަތުރުތަކަށް ބަންދުކޮށްފަ އެވެ.

އޮމާން ސަރުކާރުން ބުނި ގޮތުގައި ތޫފާންގެ ނުރައްކާ ކުޑަވަންދެން، އެ ސަރަހައްދުގެ މަގުތަކުގައި ދަތުރުކުރެވޭނީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ދުއްވުމުގެ ހުއްދަ އޮންނަ އުޅަނދުތަކަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުގެ އުޅަނދުތަކަށް އެކަންޏެވެ.