Roadha Mihaaru
އައްޑޫގެ ބޮޑު އާބާދީ އަށް އެންމެ 128 ފުލުހުން

އައްޑޫގެ 35،000 މީހުންގެ އާބާދީއަށް ތިބީ އެންމެ 128 ފުލުހުން

10 އޮކްޓޯބަރ 2021

އައްޑޫގައި މިހާރު ތިބީ 128 ފުލުހުން ކަމަށާއި އެ އަދަދު އިތުރުކުރަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި މިހާރު ތިބީ 128 ފުލުހުން ކަމަށާއި އެ އަދަދު އިތުރުކުރަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.

އައްޑު އަށް ކުރެއްވި ދަތުރުގައި މީޑީއާއާ ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، އައްޑު އަކީ 35،000 އެއްހާ މީހުންގެ އާބާދީއެއް އޮތް ތަނަކަށް ވެފައި، އެކި ބާވަތުގެ ކުށްތަކުގެ މައްސަލަތައް ވެސް ބޮޑު ކަމަށެވެ.

"ހާއްސަކޮށް މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތައް. ދެން ކުށްތަތަކަށް އަރައިގަންނައޭ އަޅުގަނޑުމެން މި ކިޔާ ވައްތަރުގެ 12 ވަރަކަށް ގްރޫޕް [ގޭންގް] ވެސް އެބަ ހަރަކާތްތެރިވޭ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

އައްޑޫގައި ފުލުހުންގެ އަދަދު މަދުކަމުން އައްޑޫ ސިތީ ކައުންސިލުން ދާދި ފަހުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އެކަށީގެންވާ ވަރަށް ވެހިކަލްތައް ނެތުމާއި ފުލުހުންގެ އެހެނިހެން ވަސީލަތްތައް ނެތުން ހިމެނެ އެވެ.

ސީޕީ ވިދާޅުވީ އައްޑޫގައި ހުރި މައްސަލަތަކުގެ ތެރޭގައި ގްރޫޕްތަކުގެ މެދުގައި މާރާމާރީ ހިންގުމާއި ވަރަށް ޅަ އުމުރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި އެ ވިއްކަން އުޅުމާއި ވައްކަން ކުރުން ހިމެނޭ ކަމަށެވެ.

"ގާތްގަނޑަކަށް 1،540 ވަރަކަށް މީހުން އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެނގިފައިވޭ. މީގެ އިތުރުން ވައްކަމާއި އާންމު އުނދަގޫތައް ފަދަ ކަންކަން ކުރާ 19 ވަރަކަށް މީހުން ފާހަގަކުރެވިފައިވޭ،" ސީޕީ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އައްޑޫގެ ހާލަތުގައި މިފަދަ ގޮތަކަށް އޮތުމާ އެކު، ފުލުހުންގެ ވަސީލަތްތައް އިތުރުކުރަން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުންގެ އަދަދު އިތުރުކުރުމާއި ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ އުޅަނދުފަހަރު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2019 ގެ ފަހުން ވެސް އައްޑޫގައި ފުލުހުންގެ އަދަދު އިތުރުކުރަން ކުރި މަސައްކަތުގެ ތެރެއިން 20-25 ވަރަކަށް ފުލުހުން އިތުރުކުރި އެވެ.

"އެހެން ނަމަވެސް މިއަދު ވެސް ފެނިގެން ދަނީ މީހުން [ފުލުހުން] ގެ އަދަދު އިތުރުކުރަން ޖެހޭ ތަން،" ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ނިމުމުގެ ކުރިން ވެސް ފުލުހުންގެ ވަޒީފާތަކަށް އިތުރު މީހުން ވައްދަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް އައްޑު އަށް ފުލުހުންގެ އަދަދު އިތުރުކުރާނެ ކަމަށެވެ.

"ދެން ވެހިކަލް ފަދަ ބޭނުންވާ މުހިއްމު ވަސީލަތްތަކަށް ވެސް ހައްލު ހޯދުމުގެ މަސައްކަތްތައް އެބަކުރެވެމުންދޭ،" ސީޕީ ވިދާޅުވި އެވެ. "މިކަމަށް ކައުންސިލުންގެ ފރާތުން ވެސް އެއްބާރުލުން ލިބޭ. މިހާރު ވެސް ކައުންސިލްގެ އެހީތެރިކަމާއެކު އަމިއްލަ ފަރާތަކުން މިހާރު ވެސް ފުލުހުންގެ މަސައްކަތްތަކަށް ހައެއްކެ ސައިކަލު ދިނުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭ."