Roadha Mihaaru

ޕާކިސްތާނުގެ ނިއުކްލިއާ މަޝްރޫއުގެ ބާނީ އަވަހާރަވެއްޖެ

ޕާކިސްތާނުގެ ނިއުކްލިއާ މަޝްރޫއުގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައިވާ، އެ ގައުމުގެ ކުޅަދާނަ ނިއުކްލިއާ ސައެންސްވެރިޔާ އަބްދުލްގަދީރު ޚާން، 85، މިއަދު އަވަހާރަވެއްޖެ އެވެ.

ޕާކިސްތާނުގެ ނިއުކްލިއާ މަޝްރޫއުގެ ބާނީ އަވަހާރަވެއްޖެ

ޕާކިސްތާނުގެ ނިއުކްލިއާ މަޝްރޫއުގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައިވާ، އެ ގައުމުގެ ކުޅަދާނަ ނިއުކްލިއާ ސައެންސްވެރިޔާ އަބްދުލްގަދީރު ޚާން، 85، މިއަދު އަވަހާރަވެއްޖެ އެވެ.

ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިގެންވާ ފުރަތަމަ އިސްލާމީ ގައުމުގެ ލަގަބު ޕާކިސްތާނަށް ހޯދައިދިން މަޝްހޫރު ސައެންސްވެރިޔާ، އަބްދުލްގަދީރަކީ ޕާކިސްތާނުގެ އާންމު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ކޮވިޑް ޖެހުމާ ގުޅިގެން، ނޭވާލާ ނިޒާމަށް މައްސަލަތަކެއް މެދުވެރިވުމުން، އަބްދުލްގަދީރު ހޮސްޕިޓަލުގައި އެނދުމަތިކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު، ހާލުކޮޅު ތަންކޮޅެއް ރަނގަޅުވުމުން ގެއަށް ބަދަލުކުރީ މީގެ ހަފުތާތަކެއް ކުރިންނެވެ.

ނަމަވެސް މިއަދު ހެނދުނު އަނެއްކާ ވެސް ނޭވާލާން އުނދަގޫވުމާ ގުޅިގެން އިސްލާމްއާބާދުގެ ހޮސްޕިޓަލަކަށް ގެންގޮސް އިތުރު ފަރުވާ ދޭން ފެށި އެވެ. ނަމަވެސް ފަރުވާ ދޭން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް އަވަހާރަވީ ކަމަށް ޕާކިސްތާނު ސަރުކާރުން ބުންޏެވެ.

ޕާކިސްތާނުގެ ދާހިލީ ވަޒީރު ޝައިޚް ރާޝިދު އަހްމަދު ވިދާޅުވި ގޮތުގައި، އަބްދުލްގަދީރު ޚާން ރަސްމީ އިއްޒަތުގައި ފަސްދާނުލުމުގެ ކަންތައް އިންތިޒާމު ކުރުމަށް ބޮޑުވަޒީރު އިމްރާން ޚާން ވަނީ އަންގަވައިފަ އެވެ. ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށް ފަހު އިސްލާމް އާބާދުގެ ފައިސަލް މިސްކިތުގައި ބާއްވާނެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި ގޮތުގައި، ނިއުކްލިއާ ސައެންސްވެރިޔާ އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. އަދި އޭނާއަކީ ޕާކިސްތާނަށް ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯއްދަވައިދެއްވުމުގެ ސަބަބުން، ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅެއްކަން ވެސް އިމްރާން ފާހަގަ ކުރެއްވި އެވެ.

ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިގެންވާ އަވައްޓެރިއެއްގެ ފަރާތުން ކުރިމަތިވެދާނެ އުދުވާނަކުން ސަލާމަތް ވުމުގެ ކުޅަދާނަކަން ޕާކިސްތާނަށް ހޯދައިދިނީ ވެސް އަބްދުލްގަދީރު ކަމަށް، ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި އެވެ.

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބްދުލްގަދީރަކީ 1982 ވަނަ އަހަރުން ފެށިގެން ދަންނަ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އަދި ޕާކިސްތާނަށް ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދައިދިނުމަށް އޭނާ ކުރެއްވި މަސައްކަތް، ޕާކިސްތާނު ރައްޔިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ވެސް ރައީސް އާރިފް އަލްވީ ވިދާޅުވި އެވެ.