Roadha Mihaaru
ޖެކްލީން "365 ޑޭޒް" ގެ ބަތަލާ އެކު

ޖެކްލީން "365 ޑޭޒް" ގެ ބަތަލާ އެކު

17 އޮކްޓޯބަރ 2021

މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދީގެން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ޕޮލޭންޑްގެ ފިލްމު "365 ޑޭޒް" ގެ އިޓަލީގެ ބަތަލު މިކޭލް މެރޮނީއާ އެކު، ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނަންޑޭޒް ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދީގެން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ޕޮލޭންޑްގެ ފިލްމު "365 ޑޭޒް" ގެ އިޓަލީގެ ބަތަލު މިކޭލް މެރޮނީއާ އެކު، ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނަންޑޭޒް ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފި އެވެ.

މީގެ ޝޫޓިން މިހާރު ދުބާއީގައި ކުރިއަށްދާ އިރު ސެޓުން ނަގާފައިވާ އަށް ސިކުންތުގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމު ވެފައިވެ އެވެ. އޭގައި ފަންނަނީ ކަޅު ކުލައިގެ ސޫޓެއްގައި ހުރި މިކޭލްއާ އެކު ރިހި ކުލައިގެ ވިދާ ގައުންއާ އެކު ޖެކްލީން ކެމެރާ އަށް ޕޯޒްކުރާ ތަނެވެ. ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ. މިއީ ބޮލީވުޑްގެ ފިލްމެއްތޯ ނުވަތަ އިންޓަނޭޝަނަލް ފިލްމެއް/ އިޝްތިހާރެއްތޯ ވެސް ކަށަވަރެއް ނުވެ އެވެ.

ބޮލީވުޑްގެ ބަތަލާއަކާ އެކު މިކޭލް ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައި މި ވަނީ ބޮލީވުޑަށް ވެސް ޝައުގުވެރިކަން ހުރި ކަމަށް 31 އަހަރުގެ އެކްޓަރު މިދިޔަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނިކޮށެވެ. ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ހިތްހަމަޖެހޭ ކަހަލަ ރަނގަޅު ފިލްމެއް ބޮލީވުޑުން ލިބިއްޖެ ނަމަ ގަބޫލުކުރާނެ ކަމަށެވެ.

މިކޭލްގެ "365 ޑޭސް" އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު އޭގެ ދެވަނަ ބައެއް ވެސް ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.