Roadha Mihaaru
ތިން އަހަރުން ރިސޯޓް ނުހުޅުވައިފި ނަމަ ރަށް އަތުލަނީ

ތިން އަހަރުން ރިސޯޓް ނުހުޅުވައިފި ނަމަ ރަށް އަތުލަނީ

19 އޮކްޓޯބަރ 2021

ޓޫރިސްޓު ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތައް، ތިން އަހަރުގެ ތެރޭގައި ނުހުޅުވައިފި ނަމަ އޮޓޮމެޓިކުން އަތުލެވޭ ގޮތަށް، އަލުން އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓޫރިސްޓު ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތައް، ތިން އަހަރުގެ ތެރޭގައި ނުހުޅުވައިފި ނަމަ އޮޓޮމެޓިކުން އަތުލެވޭ ގޮތަށް، އަލުން އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް އާ ބާރުތަކެއްދީ އިހްތިސޯސް ކަނޑައަޅައި، ރަށާއި އަތޮޅަށް ފައިދާ ހޯދުމުގެ ޒިންމާ މަތިކޮށްފައިވާތީ އެންމެ ބޮޑު ޝަކުވާއަކަށް މިހާރު ވެފައި އޮންނަނީ ރިސޯޓް ހަދަން ރަށް ނަގައި އަތް ނުލައި އެތައް އަހަރަކު ބާއްވާފައި އޮތުމެވެ.

ޓޫރިޒަމް މިނިސްޓްރީން 2020 ގައި އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ދޫކުރި ރަށްތަކުގެ ތެރެއިން 50 އަށް ވުރެ ގިނަ ރަށް ހުރީ ނުހެދި އެވެ. އޭގެތެެރެއިން 21 ރަށެއްގެ މުއްދަތު އިތުރުކޮށްދޭން ވެސް އެދިފައިވެ އެވެ. މީގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކޮށް 10-15 އަހަރުވެފައިވާ ރަށްތައް ވެސް ހިމެނެ އެވެ.

މި ގެންނަ ބަދަލާ އެކު ރައްޔިތުންނަށް ފެންނާނެ ރިސޯޓްތައް ހެދެމުންދާ ތަން. ނޫނީ ވަކިވެގެންދާ ތަން. -- މައުސޫމް

ޓޫރިޒަމްގެ އާ ޕްރޮޑަކްޓް، ހޯމް ސްޓޭއަށް ހިތްވަރު ދެއްވަން މި ހަފުތާ ބަންދުގައި މިނިސްޓަރު ޅ. އަތޮޅަށް ވަޑައިގަތުމުން ވެސް ބައެއް ކައުންސިލްތަކުން ވަނީ ރިސޯޓް ހަދަން ދޫކޮށްފައި ހުރި ރަށްތަކުން ފައިދާ ނުވާ މައްސަލައިގައި ހައްލެއް ހޯދައިދެއްވަން އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ރަށްތައް ނެގުމަށް ފަހު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައި އޮތުމަކީ ޓޫރިޒަމަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ބީލަމަށް ހުޅުވާލައި ރަށެއް ދޫކުރަނީ ޕްލޭނެއްގެ ތެރެއިން ކަަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބޭނުމަކީ އެ އަތޮޅެއްގައި ވަކި ވަރަކަށް އެނދު އުފެއްދުމަށާއި ވަޒީފާ އުފެއްދުމުގެ އިތުރުން ދައުލަތަށް އާމްދަނީ ހޯދުމެވެ.

"ރަށެއް ނުހުޅުވުނީމަ އެ އަތޮޅަކަށް ވަޒީފާތަކެއް ނާދޭ. ޓޫރިޒަމާ ގުޅިފައި ހުންނަ އެހެން ފައިދާތަކެއް ނުވޭ. ދައުލަތަށް ލިބެން ޖެހޭ ޓެކްސްތަކެއް ނުލިބޭ. އެތަން ހަމަ ދޫކޮށްފައި އޮންނަނީ،" މިނިސްޓަރުގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

ޅ. އަތޮޅަށް ކުރެއްވި ދަތުރުގައި ނައިފަރު ކައުންސިލާ މިނިސްޓަރު ބައްދަލު ކުރައްވަނީ. -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޅ. އަތޮޅަށް ކުރެއްވި ދަތުރުގައި ނައިފަރު ކައުންސިލާ މިނިސްޓަރު ބައްދަލު ކުރައްވަނީ. -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

އެކަމުގައި މިނިސްޓްރީން އަމަލުކުރާ ގޮތަކީ، މައުސޫމް ވިދާޅުވި ގޮތުގައި، ފަސޭހަ އިން ނުކުމެވެން ހުންނަ އެއްބަސްވުންތަކުގެ ތެރެއިން ނުކުތުމެވެ. އެކަމަކު އެއްބަސްވުންތަކާ ގުޅިގެން ކޯޓާ ހިސާބަށް ގޮސްފައި އޮތް ނަމަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެފަދަ އެއްބަސްވުން މިނިސްޓްރީއަށް ރޫޅާލަން ފަސޭހަ ނޫން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު މި ހަދާ ގޮތަކީ އެގްރިމެންޓްތައް ރޫޅާލެވޭނެ ގޮތަށް ހުރިހާ ތަނަކާ އެކު އަލުން ސޮއިކުރަނީ. އޭގައި މި އިންނަނީ ތިން އަހަރު ވާ އިރު ނުހުޅުވައިފިއްޔާ އޮޓެމެޓިކުން އެއްބަސްވުން ނިމޭނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުން ރޫޅާލަން ތިން އަހަރު ވަންދެން މިނިސްޓްރީން މަޑެއް ވެސް ނުކުރާނެ އެވެ. ރަށް ދޫކުރާތާ އާއްމުކޮށް ދޮޅު އަހަރުގެ ތެރޭގައި ރިސޯޓެއް ހަދައި ނިންމާލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދޮޅު އަހަރުވާ އިރު ހަދަން ނުފެށޭ ތަނެއް އަނެއް ދޮޅު އަހަރުގެ ތެރޭގައި ނުނިމޭނެ. އިރާދަކުރެއްވިއްޔާ މި ގެންނަ ބަދަލާ އެކު ރައްޔިތުންނަށް ފެންނާނެ ރިސޯޓްތައް ހެދެމުންދާ ތަން. ނޫނީ ވަކިވެގެންދާ ތަން،" މިނިސްޓަރު ވިދާޅުވި އެވެ.