Roadha Mihaaru
ލިމިޓެއްނެތި ޑޮލަރުން މުއާމަލާތުކުރެވޭ ކްރެޑިޓް ކާޑެއް

ލިމިޓެއް ނެތި ޑޮލަރުން މުއާމަލާތުކުރެވޭ ކްރެޑިޓް ކާޑެއް ތައާރަފްކޮށްފި

26 އޮކްޓޯބަރ 2021

ބޭރުގެ މުއާމަލާތްތަކަށް ބޭންކުން މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް، ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަ ވިސާ ކްރެޑިޓް ކާޑެއް ބީއެމްއެލް އިން މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭރުގެ މުއާމަލާތްތަކަށް ބޭންކުން މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް، ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަ ވިސާ ކްރެޑިޓް ކާޑެއް ބީއެމްއެލް އިން މިއަދު ތައާރަފުކޮށްފި އެވެ.

މި ކާޑުން ކޮންމެ ކަސްޓަމަރަކަށް ވެސް އެ މީހަކަށް އެޕްރޫވް ކޮށްފައިވާ ލިމިޓަކާ ހަމައަށް ޑޮލަރުން މުއާމަލާތްކުރެވޭނެ އެވެ.

ބީއެމްއެލްގެ މިހާރުގެ ކްރެޑިޓް ކާޑުތައް ބޭނުންކުރާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް ޑޮލަރު ކްރެޑިޓް ކާޑަށް އެދެވޭނެއެވެ. އަލަށް ކާޑު ހަދާ ނަމަ އޮންލައިންކޮށް އެދެވޭނެ އެވެ. އަދި މިހާރު ދޫކޮށްފައިވާ ކްރެޑިޓް ކާޑެއް، ޑޮލަރު ކާޑަކަށް ބަދަލުވެސް ކުރެވޭނެ އެވެ. މިކަން ވެސް އޮންލައިންކޮށް ކުރެވޭނެ އެވެ.

މި ކްރެޑިޓް ކާޑަށް އަނބުރާ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންނެވެ.

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭން ބޭރުގައި ޑޮލަރުން މުއާމަލާތްކުރާ މީހުންނަށް މި ކާޑުގެ ސަބަބުން، ބޭންކުން ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް ހައްލެއް ލިބޭނެ ކަމަށެވެ.

"ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެެއް ކޮށްފައިވާތީ ހާލަތަށް ރިއާޔަތްކޮށް، މިދިޔަ އަހަރު ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅާފައި. މި ވޭތުވެދިޔަ އަހަރުތެރޭ ބޭންކުން މިވަނީ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައި. ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ،” ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް އިން އަލަށް ތައާރަފު ކުރި މި ޑޮލަރު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށްވެސް ދޫކުރާނެ އެވެ.