Roadha Mihaaru
މަޑަވެލި-ހޯޑެއްދޫ އެއްފަސްކުރެވޭނީ ރައްޔިތުންގެ ވޯޓަކުން

މަޑަވެލި-ހޯޑެއްދޫ އެއްފަސްކުރެވޭނީ ރައްޔިތުންގެ ވޯޓަކުން: ހޯޑެއްދޫ ކައުންސިލް

26 އޮކްޓޯބަރ 2021

ގދ. މަޑަވެއްޔާއި ހޯޑެއްދޫ އެއްފަސްކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ގަރާރެއް ފާސްކުރި ނަމަވެސް ދެ ރަށް އެެއްފަސްކުރެވޭނީ ރައްޔިތުންގެ ވޯޓެއް ނަގައިގެން ފެންނަ ގޮތެއް ބެލުމަށް ފަހު ކަމަށް ހޯޑެއްދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގދ. މަޑަވެއްޔާއި ހޯޑެއްދޫ އެއްފަސްކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ގަރާރެއް ފާސްކުރި ނަމަވެސް ދެ ރަށް އެެއްފަސްކުރެވޭނީ ރައްޔިތުންގެ ވޯޓެއް ނަގައިގެން ފެންނަ ގޮތެއް ބެލުމަށް ފަހު ކަމަށް ހޯޑެއްދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އެއް ފަޅެއްގައި އޮންނަ މަޑަވެއްޔާއި ހޯނޑެއްދޫ އެއް ފަސްކުރަން ގޮވާލައި މިދިޔަ އާދިއްތަ ދުވަހު މަޑަވެލި ކައުންސިލްގެ ޕީޕީއެމް ފަސް ކައުންސިލަރުން ސޮއިކޮށް ގަރާރު ނެރުނީ ދެ ރަށް އެއްފަސްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއް ނަމަވެސް މިއަދާ ހަމައަށް އެ ވައުދު ފުއްދަވާފައި ނުވާ ކަމަށް ބުނެ އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ މަޑަވެއްޔަކީ ބިން ދަތި ރަށަކަށްވެފައި އެއް ގެއެއްގައި ގިނަ އާއިލާތަކެއް ވެސް ދިރިއުޅެމުން އަންނައިރު އެކަމަށް ހައްލެއް ހޯދުމަށް ދެރަށް އެއް ފަސްކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

އެ ގަރާރަށް ތާއިދުކުރޭތޯ "މިހާރު" އިން ސުވާލުކުރުމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވީ ދެ ރަށް އެއްފަސްކުރަން ދެކޮޅު ގިނަ ބަޔަކު ހޯޑެއްދޫގައި އެބަ އުޅޭ ކަމަށެވެ. އެކަމަކު އެއީ ރަށުގެ ކިހާ އަދަދެއްގެ ބައެއްކަން ސާފުވާނީ ވޯޓެއް ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ޖަޒީރާވަންތަ ސިޔާސަތަކަށް ތާއިދުކުރާ ބަޔަކަށްވެފައި ޖަޒީރާކަން ނަގާލައި ގޮތަކަށް ދެ ރަށް އެއްފަސްކުރަން މީހުން ބޭނުންނުވާ ކަމަށެވެ.

"ދެ ރަށް އެއްކުރުމަށް ވުރެ އެންމެން ގެންގޮސް ހުޅުމާލެއަށް ބަދަލުކުރަންވީ ނޫންތޯ. ޖަޒީރާކަން ނަގާލާނެ ގޮތަކަށް ދެ ރަށް އެއްފަސް ކުރަން އަޅުގަނޑު ވެސް ބޭނުމެއް ނުވޭ. މުޅި ކައުންސިލްގެ ސްޓޭންޑަކީ ކޮބައިކަން އެނގޭނީ އެކަމުގެ މަޝްވަރާކޮށްގެން،" ވާރިޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގައި ކައުންސިލުން ވަކި ގޮތަކަށް ގަބޫލުރިޔަސް ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. އޭނާ ވިދާޅުވީ ދެ ރަށް އެއްފަސް ކުރުމުގެ ކުރިން މަޑަވެލީ ރައްޔިތުންނާއި ހޯޑެއްދޫގެ ރައްޔިތުންގެ ވޯޓެއް ނަގައިގެން ކުރިއަށް ދިއުމުން ރަނގަޅުވާނެ ކަމަށެވެ.

"ގޮތް ނިންމުން ދޫކޮށްލާނީ ރައްޔިތުންނަށް. އަދި މަޑަވެލި ކައުންސިލުން ނެރޭ ހުރިހާ ގަރާރަކަށް ހޯޑެއްދޫ ކައުންސިލުން ތާއީދުކުރަން ނުޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއީ ދެ ރަށެއް،"

ހޯޑެއްދޫ އަކީ 1،400 ގެ އާބާދީއެއް އޮންނަ ބިން ބޮޑު ރަށެކެވެ. އެކަމަކު މަޑަވެލީގެ އާބާދީ އަކީ 1،700 އެވެ. އެ ރަށުގެ ބިން އޮތީ ފުރިފަ އެވެ. އެކަމަކު ރަށުން ފަހުން ހިއްކި ސަރަހައްދުން ބިން ދޫކުރަން ތައްޔާރުވަމުން އެބަދެ އެވެ.

ކޯޒްވޭއަކުން މި ދެރަށް ދެ ފަހަރެއްގެ މަތިން ގުޅާލި އެވެ. އެކަމަކު ބަޔަކު ނިކުމެ އެ ދެ ފަހަރު ވެސް ކޯޒްވޭ ކަަނޑާލީ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި، އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންވާ ކަމަށް ބުނެ އެވެ.

އެކަމަކު އަލުން ޑިޒައިންކޮށް ކޯޒްވޭ ހެދުމަށް އަލުން ބަޔަކާ ހަވާލުކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.