Roadha Mihaaru
ލ. ގަމުގައި ފުލުހުންގެ ކާރަކުން ބޮޑު އެކްސިޑެންޓެއް

ލާމު ލިންކު ރޯޑުން ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފި

27 އޮކްޓޯބަރ 2021

ލ. ގަމު ލިންކު ރޯޑުން ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލ. ގަމު ލިންކު ރޯޑުން ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި ފުލުހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ޕޮލިސް ކާރު ފޮރޮޅާލި އިރު އެ ކާރުގައި އިނީ ދުއްވަން އިން ފުލުސް މީހާ އެކަނި ކަމަށާއި އެއީ ވެހިކަލް ދުއްވުމުގެ ލައިސެންސް އޮންނަ ފުލުހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ފުލުހުންގެ ކާރު އެކްސިޑެންޓުވީ ލިންކު ރޯޑުގައި އޮންނަ ބޮޑު ބެންޑަކާ ދިމާލުން ކަމަށެވެ. އެއީ މީގެ ކުރިން ވެސް އެކްސިޑެންޓުތަކެއް ހިނގާފައި ހުރި ދިމާލެކެވެ.

"ގަމުން ފޮނަދޫއާ ދިމާލަށް ދާއިރު އިންނާނެ ބޮޑު ބެންޑެއް. އެހާ ހިސާބުން ފުލުހުންގެ ކާރު ކޮންޓްރޯލް ނުވެ ފޮރޮޅާލީ،" ޒަކީ ވިދާޅުވި އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުން ގަސްތަކުގެ ތެރޭގައި އޮތީ ފުށުން ޖެހިފަ އެވެ.

އެކްސިޑެންޓުގައި ފުލުސް މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ.