Roadha Mihaaru
ހައްގުތައް ގެއްލޭތަން ބަލަން ތިބެވޭކަށް ނެތް: ޓީއެމް

އިންސާނީ ހައްގުތައް ގެއްލިގެންދާ ތަން ބަލަން ތިބެވޭކަށް ނެތް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

07 ޑިސެމްބަރ 2016

ރާއްޖޭގައި އިންސާނީ ހައްގުތައް ދަނީ ގެއްލެމުން ކަމަށާއި އެކަން ބަލަން ތިބެވެން ނެތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އިންސާނީ ހައްގުތައް ދަނީ ގެއްލެމުން ކަމަށާއި އެކަން ބަލަން ތިބެވެން ނެތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ ހިއުމަން ރައިޓްސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ޝިއުނާ ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މިނިވަންކަމާއި އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ކޯޓުން މައްސަލައެއް ބަލާނެ ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރެވޭ ކަމަށެވެ.

"އަމިއްލަ ނަފުސާ އެބަ ސުވާލުކޮށްލަން ބިރެއްނެތި މިނިވަންކަމާއެކު ވާހަަކަދެއްކޭނެހޭ، ކޯޓުން މައްސަލައެއް ބަލާކަމުގައިވާ ނަމަ ސިޔާސީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި މައްސަލަ ބެލޭނެހޭ. ނަމަވެސް އެ ސުވާލުތަކުގެ ޖަވާބުގައި ބުނަންޖެހެނީ ނޫނެކޭ،" ޝިއުނާ ވިދާޅުވި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަނީ ގެއްލިފައި ކަމަށާއި އެފަދަ އިތުރު ހާދިސާއެއް ހިނގަންދެން މަޑުކުރެވޭކަށް ނެތްކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރަން ގާނޫނާއި ގަވާއިދުތަކެއް ހަދާފައި ހުރި ކަމުގައި ވިއަސް ފެންނަމުންދަނީ އެ ހައްގުތަކަށް އަރައިގަންނަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން ނޫސްވެރިންނާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހުން ރާއްޖެއިން ބޭރުގައި އަމިއްލަ އަށް އަރުވާލެވިގެން ދިރިއުޅެމުން އަންނަ ކަމަށެވެ. އެއީ ރާއްޖޭގެ ހާލަތު ހުރިގޮތް ކަމަށާއި އެކަންތައް ބަދަލުކުރަން އިންސާނީ ހައްގުތައް ހިމާޔަތްކުރަން ތެދުވަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބިދޭސީ މީހާގެ މުސާރަ ނުދީގެން އެކަމަށް ހައްލު ހޯދައިގެން އައިސްގެން، ނޫސްވެރިންނާއި ވަކީލުން ބިރުން އަމިއްލައަށް އަރުވާލެވިގެން މި މަސައްކަތް ކުރަނީ... މިއީ އަހަރެމެން ދިރިއުޅެމުން އަންނަ މުޖުތަމައުގެ ހަގީގީ މަންޒަރަކީ،" ޝިއުނާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށާއި އެ ހައްގުތައް ހިމާޔަތްކުރަން އެ ޖަމިއްޔާއިން ފަސްނުޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީ އަދި ޔޫއެން އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝޮކޯ ނޯޑާ ވިދާޅުވީ ސަރުކާރަކީ އިންސާނީ ހައްގުތައް ފޯރުކޮށްދިނުމުގެ ބޮޑު ޒިންމާއެއް ނަގަންޖެހޭ ބައެއް ކަމަށާއި އޭގެ ސަބަބުން އެކި ފަރާތްތަކާ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ޔޫއެންޑީޕީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝޮކޯ ނޯޑާ މިއަދު ވާހަކަދައްކަވަނީ.-- މިހާރު ފޮޓޯ

ޔޫއެންޑީޕީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝޮކޯ ނޯޑާ މިއަދު ވާހަކަދައްކަވަނީ.-- މިހާރު ފޮޓޯ

އިންސާނީ ހައްގުތައް ހިމާޔަތްކުރެވުމުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށާއި އެހެންކަމުން މިފަދަ ކޮންފަރެންސްތައް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންސާނީ ހައްގު ހިމާޔަތްކުރެވޭނީ ހުރިހާ އެންމެން ވެސް މަސައްކަތް ކޮށްގެން ކަމަށާއި އެ މަސައްކަތުގައި އަންހެނުންނާއި އަންހެން ކުދިން ވެސް ބައިވެރިކުރަން ޖެހޭނެ ކަމަށް ޝޮކޯ ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި އިންސާނީ ހައްގުތަކާ ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ. އޭގެ ތެރޭގައި އިސްލާމްދީނުގައި އިންސާނީ ހައްގުތައް އޮންނަގޮތާއި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތްގޮތާއި އަންހެނުންގެ ހައްގުތަކާއި ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރުގެ މައްޗަށް ވާހަކަދައްކާނެ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ސަރުކާރާއި އިންސާނީ ހައްގުތަކާ ގުޅޭ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 40 ވަރަކަށް މީހުން މި ވޯކްޝޮޕްގައި ބައިވެރިވި އެވެ.