Roadha Mihaaru
ބިންގަލުގައި އަމިއްލަ އަށް ފުރޮއިން ތަޅަނީ ކީއްވެ؟

ބިންގަލުގައި އަމިއްލަ އަށް ފުރޮއިން ތަޅަނީ ކީއްވެ؟

07 ނޮވެމްބަރ 2021

ދިވެހި އިގްތިސާދުގެ ބިންގާ ކަމަށްވާ ޓޫރިޒަމް ބިނާ ވެގެން އަންނަނީ މި ވެށީގެ ނަލަކަމާއި ރީތިކަމާއި ފަރިކަމުގެ މައްޗަށެވެ. މިވެށި މިގޮތުގައި، ނުބެލެހެއްޓިއްޖެ ނަމަ، ޓޫރިޒަމްގެ ސިނާއަތް ދެމިއެއް ނޯންނާނެ އެވެ. މިއީ، މި ވެއްޓަށް ހޭލައި، ބޮޑުވަމުން އަންނަ ކުޑަކުއްޖަކަށް ވެސް ދަސްކޮށްދޭން ޖެހޭ ފިލާވަޅެއް ނޫނެވެ.

ދިވެހި އިގްތިސާދުގެ ބިންގާ ކަމަށްވާ ޓޫރިޒަމް ބިނާ ވެގެން އަންނަނީ މި ވެށީގެ ނަލަކަމާއި ރީތިކަމާއި ފަރިކަމުގެ މައްޗަށެވެ. މިވެށި މިގޮތުގައި، ނުބެލެހެއްޓިއްޖެ ނަމަ، ޓޫރިޒަމްގެ ސިނާއަތް ދެމިއެއް ނޯންނާނެ އެވެ. މިއީ، މި ވެއްޓަށް ހޭލައި، ބޮޑުވަމުން އަންނަ ކުޑަކުއްޖަކަށް ވެސް ދަސްކޮށްދޭން ޖެހޭ ފިލާވަޅެއް ނޫނެވެ.

ރިސޯޓްތަކަށް ބިޑްކޮށް، ކުރެހުން ހުށަހަޅައި، ފާސްކޮށް، އިސްތިހާރު ކުރަނީ ތިމާވެށީގެ ގޮތުން އެންމެ ރައްކާތެރި މިންގަނޑުތަކަށް ވުރެ ދެތިން ދަރަޖަ މަތިން ހިންގާނެ ކަމަށް ބައިސާ ކަނޑަމުންނެވެ. ރާއްޖެ އަށް ޒިޔާރާތް ކުރާ ޓޫރިސްޓުން، ރާއްޖެ އަންނަނީ އަގުހެޔޮ ވެގެންނެއް ނޫނެވެ. އެ މީހުންގެ މަންޒިލަކީ މި ވެށްޓެވެ.

'ހިންދު މާ ކަނޑު ތެރޭން، ފެންނަ ޔާގޫތުތަކެކޭ ވިދާ، ހިތްއުފާ ވާނެހާ، ގުދުރަތުން ސާއްބަ ކޮށް ދޭ ނަޔާ ބޭރު މީހުން ރާއްޖެ ދެެކެނީ ދެވަނައެއް ނެތް ފަދައިން' ... އެވެ.

ހަމައެކަނި ވިޔަފާރީގެ ވާހަކަ ދައްކަމާ ހިނގާށެވެ. ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި 30-40 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ތިބި ވިޔަފާރިވެރިން، އެ އިންވެސްޓްމަންޓް ކުރީ އެބައިމީހުންގެ ވިޔަފާރީގެ ފައިދާއަށެވެ. އެ އިންވެސްޓްމަންޓުގެ ފައިދާ ބިނާ ވަނީ، ހަމައެކަނި ރަށުގެ އުމްރާނީ ބިނާތަކަކަށް ނޫނެވެ.

ރަށުގެ ގޮނޑުދޮށާއި، މޫދާއި، ފަޅާއި، ފަރާއި، ޖުމްލަކޮށް މުޅި ވެށި ހިމެނިގެން މެނުވީ މި އިންވެސްޓްމަންޓުން ފައިދާއެއް ނުނެރެވޭނެ އެވެ. ވިޔާފާރި ކުރާ ރިސޯޓެއްގެ ގޮތުގައި ދެމިއެއް ނޯންނާނެ އެވެ. ބެލެންސް ޝީޓުގައި ވަކިން ނުލިޔެވުނު ނަމަވެސް، މި ވެށްޓަކީ، އެ ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކުގެ އެންމެ އަގު ބޮޑު އެސެޓެވެ.

ކޮންމެ ވިޔަފާރިއަކުން ވެސް އެ ވިޔަފާރީގެ އެސެޓްތައް ސަލާމާތްކަން މަތީ ބަލަހައްޓައި، ގިނަ ދުވަހަށް ދަމަހެއްޓުމަށް މަސައްކަތް ކުރަންޖެހެއެވެ. މިއީ ކުންފުނީގެ މެނޭޖްމަންޓުގެ އެންމެ އިސް އެއް ވާޖިބެވެ. މި ޒިންމާ އަދާ ކުރޭތޯ ހިއްސާދާރުން ފާރަވެރިވުން ލާޒިމެވެ. އެހެން މީހަކަށް އިނގިލި ދިއްކޮށްފައި ބޯ ދަމައިގަނެވޭނެ މަސްއޫލިއްޔަތެއް ނޫނެވެ.

ބޮޑު އަގުގައި ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ރީތި މަންޒަރުތައް ބަލައިލާން: އެކަން ދަމަހައްޓަން ޖެހޭ

ބޮޑު އަގުގައި ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ރީތި މަންޒަރުތައް ބަލައިލާން: އެކަން ދަމަހައްޓަން ޖެހޭ

ރިސޯޓް އިންވެސްޓަރުންގެ އެންމެ މުހިންމު އެސެޓަކީ މި ވެއްޓެވެ. އެއީ މި ސިނާއަތުގެ ބިންގަލެވެ. އަސްލެވެ. އުފެދުމެވެ. އެހެންވީއިރު އެ ވެއްޓަށް ކުނިއަޅައި، އެ ސިނާއަތް ހަލާކު ކުރުމަށް މަސައްކަތް ކުރުމަކީ އިންވެސްޓްމަންޓަށް އިހާނެތިވުން ކަމުގައި ނުވޭ ހެއްޔެވެ؟ ފަރަށް ކުނިއަޅައި، އެސެޓްބޭސް ހީނަރުކުރަން މަސައްކަތްކުރާ މެނޭޖްމަންޓަކީ ހިއްސާދާރުންނަށް ގެއްލުންދޭން މަސައްކަތް ކުރާ ބަޔަކަށް ނުވާނެ ހެއްޔެވެ؟ އަމިއްލަ ބިންގަލުގައި ފުރޮއިން ތަޅައި ހަލާކު ކޮށްލަން މަސައްކަތް ކުރާ މެނޭޖްމަންޓާ މެދު، ހިއްސާދާރުން ހަރުކަށި ފިޔަވަޅު ނާޅައި ތިބެންވާނެ ބާވައެވެ؟

މުޅި ދުނިޔެ މިއަދު މިތިބީ ގްލާސްގޯ އަށް ކަނދުރާ އަނބުރައި، ކަންފަތް ދީގެންނެވެ. ތިމާވެށީގެ މުހިންމުކަމުގެ ވާހަކަ އެންމެ ފަށުއި އިބާރާތުން، އެންމެ އަޑުހަރުކޮށް ބުނެވެނީ ކާކަށްތޯ ބަލަން ބާޖުމަރައިގެންނެވެ. ނަމަވެސް ގައުމުގެ ވެށީގައި ގުގުމައިފައި ވަނީ ރިސޯޓްތަކުން ކަނޑަށް ކުނި އުކާ ވާހަކަ އެވެ. އެކަމުގެ ސަބަބުން ވެއްޓަށް ގެންލުން ލިބޭ ކަމުގެ ވާހަކަ އެވެ. އަދި އެއީ އެއް ރިސޯޓުން އެންމެ ފަަހަރަކު ކުރި ކަމެއް ކަމުގައެއް ވެސް ނުވެއެވެ. އެއް ރިސޯޓުން ކަނޑަށް އުކައިފައިވާ ކުނިކަމަށް ބުނެ އިގްބާލު ބިލާލު ނެގި ކުނި، ރަށުގެ ރިސެޕްޝަނާ ހަވާލުކުރީ ފޮޓޯ އާއި އެކުގަ އެވެ.

އަޅުގަނޑުމެން މިތިބީ 2030 ގެ ނިޔަލަށް ޒީރޯ އެމިޝަނަށް ދަތުރުކުރުމަށް ނިންމައި، ކަނޑަށް ނުކުމެ، ކަމަރު ބަނދެގެންނެވެ. އަޅުގަނޑުމެން ބުނަމުން ގެންދަނީ އެހެން މީހުންގެ އަމަލުތައް ރަނގަޅު ނުކޮށްފި ނަމަ ގަރުނު ނިމުމުގެ ކުރިން އަޅުގަނޑުމެން ނެތި ހިނގައިދާނެ ކަމަށެވެ.

ރިސޯޓް ދަނީ ހިނގަމުންނެވެ. ކުނި އެޅި މީހާ ހުރީ ރިސޯޓުން ބޭރުކޮށްފަ އެވެ.