Roadha Mihaaru
ޝާހްރުކާއި އެޓްލީގެ ފިލްމުގައި މަނީ ހައިސްޓްގެ ކުލަވަރު

ޝާހްރުކާއި އެޓްލީގެ ފިލްމުގައި "މަނީ ހައިސްޓް" ގެ ކުލަވަރު

08 ސެޕްޓެމްބަރ 2021

މި މަހުގެ 10 ގައި ރަސްމީކޮށް ޝޫޓިން ފަށާ، ޝާހްރުކް ޚާނާއި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމަކީ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "މަނީ ހައިސްޓް" ގެ ވާހަކައިން އިންސްޕަޔާވެގެން ހަދާ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 10 ގައި ރަސްމީކޮށް ޝޫޓިން ފަށާ، ޝާހްރުކް ޚާނާއި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމަކީ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "މަނީ ހައިސްޓް" ގެ ވާހަކައިން އިންސްޕަޔާވެގެން ހަދާ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމުގެ ޓީމުގެ ބަޔަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ނަން އަދި އިއުލާން ނުކުރާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނީ ސީދާ އެޓްލީ ކަމަށާއި ހުރިހާ ރަހަތަކެއް ހެޔޮވަރުކޮށްގެން ހަދަން ނިންމާފައިވާ ފިލްމުގެ އެންމެ ހާއްސަ އެެއް ކަމަކީ މީގެ ވާހަކައިގައި "މަނީ ހައިސްޓް" އިން ހިޔާލު ހޯދައިގެން އެ ފިލްމުގެ ބައެއް އިލެމަންޓްތައް ފިލްމުގައި ވަރަށް ތަފާތު އަދި ޝައުގުވެރިކޮށް ގެނެސްދޭން އޮތުމެވެ.

ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ސްކްރީންޕްލޭ އެޓްލީ ލިޔުނަސް މި ފިލްމު ޕްރޮޑިއުސްކުރާ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ކްރިއޭޓިވްގެ ޓީމްގެ ހިޔާލާއި މަޝްވަރާތަކާއި ލަފާތައް ސްކްރީންޕްލޭ އަށް ފައްތާފައިވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމުގެ ޕްލޮޓްގައި ސްޕެއިންގެ "މަނީ ހައިސްޓް" ގެ ރަހަ ހިމަނަން ނިންމި އިރު، އެ ސީރީޒްގެ ހިންދީ ވާޝަނަކަށް ރެޑް ޗިލީޒް އިން ކުރިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައި އޮތުމެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަހުބޫލުކަމެއް ހޯދި އެ ސީރީޒްގެ ފަހު އަދި ފަސް ވަނަ ސީޒަންގެ ވޮލިއުމް ދޭއް މި މަހުގެ 3 ގައި ވަނީ ސްޓްރީމްކޮށްފަ އެވެ. ފަހު ވޮލިއުމް ސްޓްރީމްކުރާނީ ޑިސެމްބަރު 3 ގަ އެވެ.

ޝާހްރުކް ޑަބަލް ރޯލެއް ކުޅެން އެޓްލީގެ ފިލްމުގައި އޭނާގެ ދެ ކެރެކްޓާ އަކީ ފުލުހެއްގެ ރޯލާއި ސްޕެޝަލް އޭޖެންޓެއްގެ ރޯލެވެ. މީގެ ޝޫޓިން އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފެށުމަށްޓަކައި ކާސްޓާއޮ ކްރޫ މި ވަގުތު ތިބީ ޕޫނޭގަ އެވެ. އަދި ޓީމްގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އެޓްލީގެ ފިލްމުގައި ޝާހްރުކާ އެކު ބަތަލާއިންގެ ރޯލުން ދެކުނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ނަޔަތަންރާ އާއި ޕްރިމަނީގެ އިތުރުން ސާނިއާ މަލްއުތުރާ ވެސް ހިމެނެ އެވެ. އަދި މީގެ ރޯލެއް ސުނިލް ގްރޯވާ ވެސް ކުޅޭނެ އެވެ.

ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ މި މަސާލާ އެންޓަޓައިނާގައި ބޮލީވުޑާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަސްހުނި ބޮޑު ކާސްޓެއް ހިމެނޭނެ އެވެ.