Roadha Mihaaru
ވަރަށް އަވަހަށް އެންގޭޖްވާނަން: ވިކީ

ވަރަށް އަވަހަށް އެންގޭޖްވާނަން: ވިކީ

19 އޮކްޓޯބަރ 2021

ޖުލައި މަހުގެ ތެރޭގައި ބަތަލާ ކެޓްރީނާ ކައިފާ އެންގޭޖްވި ވާހަކަ އަކީ ދޮގެއް ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެންގޭޖްވެ، އެކަން އިއުލާން ކުރާނެ ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖުލައި މަހުގެ ތެރޭގައި ބަތަލާ ކެޓްރީނާ ކައިފާ އެންގޭޖްވި ވާހަކަ އަކީ ދޮގެއް ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެންގޭޖްވެ، އެކަން އިއުލާން ކުރާނެ ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގައި ޑިސްކަވަރީ ނެޓްވޯކްގެ ޝޯއަކަށް ޝޫޓް ވެސް ކުރި 33 އަހަރުގެ ބަތަލު އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އެންގޭޖްވި ވާހަކަ އަކީ ރައްޓެހިންތަކެއް އެރުވި އަޑެއް ކަމަށެވެ. އަދި އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ވަރަށް އަވަހަށް އެ ވަގުތު އަންނާނެ ކަމަށް ބުންޏެވެ. ނަމަވެސް އިންޓަވިއުގައި ކެޓްރީނާއާ ރައްޓެހިވެގެން އުޅޭކަމެއް ވިކީ ޔަގީންކޮށް ދީފައެއް ނުވެ އެވެ. މި ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވެމުން އަންނަނީ 2018 އިން ފެށިގެންނެވެ. އެކަމަކު މިހާތަނަށް އެކަމާ ބެހޭ ގޮތުން ކެޓްރީނަ އާއި ވިކީ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ވިކީގެ އެންމެ ފަހުގެ ފިލްމު "ސަރުދާރު އުދަމް" ގެ ސްޕެޝަލް ސްކްރީނިން އަށް ގޮސް، ވިކީއާ ކެޓްރީނާއާ ބައްދައިލި ގޮތުން ވެސް އެ ދެ މީހުންނަކީ ލޯބިވެރިންކަން ދޭހަވާ ކަމަށް ބުނެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު ކޮށްފައިވެ އެވެ. ފިލްމު ބެލުމަށް ފަހު ވިކީ ތައުރީފުކޮށް ކެޓްރީނާ ބުނެފައި ވަނީ އޭނާ "ހުނަރުން ފުރިފައިވާ އެކްޓަރެއް" ކަމަށެވެ. ޝޫޖިތު ސިރްކާ ޑައިރެކްޓް ކޮށްފައިވާ "ސަރުދާރު އުދަމް" އަކީ އިންޑިއާގެ މިނިވަން ކަމަށް ކުރި މަސައްކަތާ ހެދި އިނގިރޭސިން ލަންޑަނުގައި މަރައިލި ސަރުދާރު އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ހިސްޓޮރިކަލް ޑްރާމާއެކެވެ. ކެޓްރީނާ، 38، ކުރިން ލޯބީގެ ގުޅުން ބޭއްވި ތަރިންގެ ތެރޭގައި ސަލްމާން ޚާނާއި ރަންބީރް ކަޕޫރް ހިމެނެ އެވެ.

ޖުލައި މަހުގެ ތެރޭގައި ކެޓްރީނާ އާއި ވިކީ އެންގޭޖްވި ކަމަށް އެރި އަޑާ އެކު ދެން މީޑިއާތަކުގައި އެންމެ ހޫނުކޮށް ދެކެވުނު ވާހަކަ އަކީ ދެ ތަރިން މި އަހަރުގެ ޑިސެމްބަރުގައި ކައިވެނި ކުރަން ތައްޔާރުވާ ވާހަކަ އެވެ. ފަހަރުގައި ވިކީ އެ ބުނާ "ވަރަށް އަވަހަށޭ" ބުނާ ބަހުގެ މާނަ އަކީ ވެސް ޑިސެމްބަރަށް ތައްޔާރުވުން ކަމަށް ވެދާނެ އެވެ.