Roadha Mihaaru
އައިޝްވަރިއާ ބަނޑުބޮޑު ކަމުގެ އަޑުތަކެއް

އަނެއްކާވެސް އައިޝްވަރިއާ ބަނޑުބޮޑު ކަމުގެ އަޑުތަކެއް

15 ނޮވެމްބަރ 2021

ބޮލީވުޑްގެ ބަތަލާ އައިޝްވަރިއާ ރާއީ ދެވަނަ ދަރިއަކަށް ބަލިވެއިން ކަމުގެ ވާހަކަތަކެއް އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ އައިޝްވަރިއާ ރާއީ ދެވަނަ ދަރިއަކަށް ބަލިވެއިން ކަމުގެ ވާހަކަތަކެއް އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ.

އަމީތާބް ބައްޗަންގެ ދަރިފުޅު އަބީޝެކް ބައްޗަނާ ކައިވެނި ކޮށްގެން އުޅޭ ކުރީގެ މިސް ވޯލްޑް ބަލިވެ އިން ވާހަކަ މިހާރު އަނެއްކާ ވެސް މާ ގަދައަށް ދެކެވެން ފެށީ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ.

އޭގައި ފެންނަނީ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ކާރަކުން އަބީޝެކާއި އައިޝްވަރިއާގެ އިތުރުން ދަރިފުޅު އަރާދިއާ ބައްޗަން، 9، ފައިބައިގެންދާ އިރު، އައިޝްވަރިއާ، އަބީޝެކްގެ ފަހަތުގައި ހުރެގެން، ބަނޑު ފޮރުވަން އަތްދަބަހުން ނިވާކުރަން އުޅޭ ކަހަލަ ގޮތަކަށް ދާ ތަނެވެ.

މި ވީޑިއޯ އަށް ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ބުނީ ވީޑިއޯގައި އައިޝްވާރިއާ އުޅޭ ގޮތުން އޭނާ ބަނޑު ބޮޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެހެންވެ ބަނޑު ފޮރުވަން މަސައްކަތް ކުރާކަން ވަރަށް ރީތިކޮށް، ހަރަކާތްތަކުން ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އައިޝްވަރިއާ، 48، ދެވަނަ ދަރިއަކަށް ބަލިވެއިނުމުގެ ވާހަކަ އަކީ ދޭތެރެ ދޭތެރެ އިން މީޑިއާތަކުގައި ދެކެވޭ ވާހަކައެކެވެ. އޭނާ އާއި އަބީޝެކް ކައިވެނި ކުރީ 2007 ގަ އެވެ.

ދާދި ފަހުން އައިޝްވަރިއާ ވަނީ ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮނިޔިން ސެލްވަން" ގެ މަސައްކަތް ވެސް ނިންމައިފަ އެވެ. ދެ ބަޔަކަށް ގެނެސްދޭ ފިލްމުގެ ފުރަތަމަ ބައި އަންނަ އަހަރު ރިލީޒް ކުރާނެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.