Roadha Mihaaru
ސަންޖޭގެ ދަރިފުޅު ކައިވެންޏަކަށް ތައްޔާރެއް ނޫން

ސަންޖޭގެ ދަރިފުޅު ކައިވެންޏަކަށް ތައްޔާރެއް ނޫން

17 ނޮވެމްބަރ 2021

ކައިވެންޏަށް އަދި ތައްޔާރު ނޫން ކަމަށާއި އެހެންވެ ކައިވެނި ކުރާނެ އިރެއް ވެސް ނޭނގޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ދޮށީ އަންހެން ދަރިފުޅު ޓްރިޝަލާ ދަތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެންޏަށް އަދި ތައްޔާރު ނޫން ކަމަށާއި އެހެންވެ ކައިވެނި ކުރާނެ އިރެއް ވެސް ނޭނގޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ދޮށީ އަންހެން ދަރިފުޅު ޓްރިޝަލާ ދަތު ބުނެފި އެވެ.

މަންމަ އަދި ކުރީގެ ބަތަލާ ރިޗާ ޝަރުމާގެ އާއިލާގެ މީހުންނާ އެކު ކުޑައިރުއްސުރެން ފެށިގެން އެމެރިކާގައި ދިރިއުޅޭ 33 އަހަރުގެ ޓްރިޝަލާ ހޯމަ ދުވަހު އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ "އާސްކް މި އެނީތިން" ސެޝަންގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ބުނީ ކައިވެންޏަކާ ދޭތެރޭ މި ވަގުތު ސީރިއަސްކޮށް ނުވިސްނާ ކަމަށެވެ.

އެކަމަކު ކޮންމެވެސް ދުވަހަކުން ކައިވެނި ކުރާނެ ކަމަށް ސައިކޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޓްރިޝަލާ ބުންޏެވެ.

"ފުރަތަމަ ކަމަކަށް އެބަޖެހޭ ރަނގަޅު ބައިވެރިޔަކު ހޯދަން. އަހަރެން ކައިވެނި ކުރާނީ ވަރަށް ލޯބިވާ މީހަކު ލިބުނު އިރަކުން. އެ މީހަކު ވާން ޖެހޭނީ އަހަންނަށް ވަރަށް އަޅާލާ އިހުތިރާމުކުރާ މީހަކަށް،" އޭނާ ބުންޏެވެ. "އަދި އެ މީހަކީ އަހަރެންގެ ފަރާތުން ވެސް މި ބުނި ކަންތައްތައް ލިބޭ ވަރުގެ މީހަކަށް ވާން ޖެހޭނެ. އަހަރެން ގަބޫލު ކުރަނީ ހެލީ ލައިފެއް ލިބޭނީ ހެޕީކޮށް އަންބަކު ގެންގުޅެން އެނގޭ ފިރިހެނުންނަށޭ."

މި ވަގުތު އެއްވެސް މީހަކާ ޑޭޓް ކުރަންތޯ ސުވާލުކުރުމުން އޭނާ ބުނީ މިހާރު އަމިއްލަ އުމުރަށް ބަލާ އިރު ޑޭޓްކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"ގިނަ ފަހަރަށް މީހަކާ ޑޭޓްކުރެވެނީ ކައިވެންޏަކާ ހަމައަށް ދާއިރު ގުޅުން ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް އުންމީދުކޮށްގެން. އެކަމަކު ޑޭޓްކުރުމަކީ މިހާރު ހަލާކެއް." ޓްރިޝަލާ ބުންޏެވެ.

ވަރަށް ކުޑައިރު ކެންސަރު ބަލީގައި މަންމަ މަރުވި ޓްރިޝަލާގެ ކައިވެނީގެ ހިޔާލެއް މި ވަގުތު ނެތަސް، އޭނާ ވަރަށް ސީރިސްކޮށް ލޯބީގެ ގުޅުމެއް ބޭއްވި މީހަކު 2019 ގައި މަރުވެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ލިބުނު ހިތްދަތިކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހިއްސާކޮށްފައިވެ އެވެ. އެކަމަކު އެ މީހާގެ ނަމާއި އޭނާއާ ބެހޭ އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ.