Roadha Mihaaru
ދިރުވާލައިގެން އެތެރެކުރި ރަންތަކެއް ދައުލަތަށް ނަގައިފި

ދިރުވާލައިގެން ރަން އެތެރެކުރި މީހަކު ޖޫރިމަނާކޮށް ރަންތައް ދައުލަތަށް

20 ނޮވެމްބަރ 2021

ރާއްޖެ އައި އިރު ދިރުވާލައިގެން ރަނާއި އެހެން ބައެއް މައުދަންތައް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ޖޫރިމަނާކޮށް އޭނާ އެތެރެކުރި ތަކެތި ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރާއްޖެ އައި އިރު ދިރުވާލައިގެން ރަނާއި އެހެން ބައެއް މައުދަންތައް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ޖޫރިމަނާކޮށް އޭނާ އެތެރެކުރި ތަކެތި ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަބްދުލްމަނާފް އަޔަންކޯލީ މީތަލް މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނު ރާއްޖެ އައިތަނުން ހައްޔަރުކުރީ އޭނާއާ މެދު ޝައްކުވެ އޭނާގެ ލަގެޖާއި ހަށިގަނޑު ޗެކްކުރި އިރު، ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބެލެވިގެންނެވެ.

އަބްދުލްމަނާފްގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން ކަސްޓަމްސްގެ ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަނުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ސީޓީ ސްކޭނެއް ހެއްދި އިރު "ލައިކްލީ މެޓަލިކް ފޮރިން ބޮޑީސް" ހުރި ކަމަށް ދެއްކި އެވެ. އެހެންވެ އައިޖީއެމްއެޗްގައި އޭނާ ބާއްވައި، ބޮޑުކަމު ދިޔައިރު ބޭރުވި ހަތަރު ބުލެޓުން 605.8 ގްރާމްގެ ރަނާއި އެހެން ބައެއް މައުދަންތަކުގެ މިކްސްޗާއެއް ފެނުނެވެ.

މި މައްސަލާގައި އަބްދުލްމަނާފަށް ކުރީ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާ އެވެ. މި ކުށަށް އަސާސީ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމަކާ އެކު 10،000ރ. އާއި 240،000ރ. އާ ދެމެދުގެ ޖޫރިމަނާއެއް އޮވެ އެވެ.

އެކަމަކު އަބްދުލްމަނާފް ކުށަށް އިއުތިރާފްވެ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދައި އެންމެ ކުޑަ އަދަބު ކަނޑައަޅައިދޭން އެދުމުން އެގޮތަށް އެއްބަސްވެ އަދަބެއްގެ ގޮތުގައި ކަނޑައެޅީ 60،000ރ. އިން ޖޫރިމަނާކުރާށެވެ. އަދި ދައުވާގައި އެދިފައިވާ ގޮތަށް، އަބްދުލްމަނާފް ވަގަށް އެތެރެކުރި ތަކެތި ވެސް ދައުލަތަށް ނަގަން ހުކުމްކުރީ އެވެ.

މި މަހުގެ 8 ގައި ހުށަހަޅައި، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލާގައި ހުކުމް ކުރެއްވީ ގާޒީ ސަފްއަތު ހަބީބެވެ.