Roadha Mihaaru
ނެދަލޭންޑްސްގެ ކޮވިޑް މުޒާހަރާ ކޮންޓްރޯލުން ނެއްޓެނީ

ނެދަލޭންޑްސްގެ ކޮވިޑް މުޒާހަރާ ކޮންޓްރޯލުން ނެއްޓެނީ

21 ނޮވެމްބަރ 2021

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ނެދަލޭންޑްސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް، އެ ގައުމުގެ އާންމު ރައްޔިތުން މަގުތަކަށް އެއްވެ ކުރަން ފަށާފައިވާ މުޒާހަރާތައް، އިތުރަށް ވަރުގަދަވެ އޮބިނޯންނަ ހިސާބަށް ހިނގައްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ނެދަލޭންޑްސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް، އެ ގައުމުގެ އާންމު ރައްޔިތުން މަގުތަކަށް އެއްވެ ކުރަން ފަށާފައިވާ މުޒާހަރާތައް، އިތުރަށް ވަރުގަދަވެ އޮބިނޯންނަ ހިސާބަށް ހިނގައްޖެ އެވެ.

ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ފެށި މުޒާހަރާތައް ދެ ވަނަ ރެއަކަށް ދެމިގެން ދިޔަ އިރު، ފުރަތަމަ ރެޔަށް ވުރެ ދެ ވަނަ ރޭ ހިނގި ހަމަނުޖެހުންތައް ގިނަ އެވެ. ރޭ ކުރި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ހޭގްގައި ރޭ ކުރި މުޒާހަރާގެ ބައިވެރިން ސުލްހަވެރިކަމާ އެކުގައި މުޒާހަރާ ފެށި ނަމަވެސް، ވަކި ހިސާބަކުން މުޒާހަރާގެ ތެރެއިން ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ފެށި އެވެ. އެއާ އެކު މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާއަށް އެއްޗެހި އުކަން ފެށުމުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އެމީހުން މައިތިރި ކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާ ދިނުމުގައި ފަޓާހާއި ހިލަ ބޭނުން ކުރި އެވެ. ފަޓާހުގައި ރޯކޮށްފައި ފުލުހުންގެ ތެރެއަށް އުކުމުންނާއި މުޒާހަރާގެ ބައިވެރިން އުކި ހިލަތަކުން ޖެހި ފުލުހުންގެ ފަސް މީހަކު ޒަހަމްވެގެން ފަރުވާ ދޭން ޖެހުނެވެ. ފުލުހުންނަށް ހަމަލާ ދިނުމުގެ ތުހުމަތުގައި މަދުވެގެން 28 މީހަކު ރޭ ހައްޔަރު ކުރި އެވެ.

ރޭ މުޒާހަރާ ކުރި މީހުން މައިތިރި ކުރުމަށް ފުލުހުން ނުކުމެ ތިބީ އަސްތަކަށް ސަވާރުވެގެންނެވެ. ރޭގެ މުޒާހަރާތައް ވެރިރަށް ހޭގްގެ އިތުރުން، ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ލިމްބާގް އާއި އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ފްލެވޮލޭންޑްގައި ވެސް ކުރިއަށް ދިޔަ އެވެ. އަދި އާކް ސަހަރުގައި ވެސް މުޒާހަރާ ކުރި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ކުރިއަށް ދިޔަ ވަގުތު ކުޅެމުން ދިޔަ ދެ ފުޓްބޯޅަ މެޗަކަށް ވެސް، މުޒާހަރާގެ ބައިވެރިން ހުރަސް އެޅި އެވެ. އެ ދެ މެޗު ވެސް އޭރު ކުޅެމުން ދިޔައީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ބެލުންތެރިން ދަނޑަށް ނުވައްދަ އެވެ.

މުޒާހަރާގެ ބައިވެރިން ދެ ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގަން ފެށުމުން، ދެ ދަނޑުގައި ކުޅެމުން ދިޔަ މެޗް، މިނިޓްތަކެއް ވަންދެން މެދުކަނޑައިލަން ޖެހުނެވެ. ނަމަވެސް ދެ މެޗަށް ހުރަސްއެޅި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި މުޒާހަރާގައި އާންމުންގެ ބަޔަކު ފުލުހުންނަށް ހަމަލާ ދިނުމާ ގުޅިގެން، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑިޖަހައި ތިން މީހަކު ޒަހަމްކޮށްލައިފަ އެވެ. އަދި 51 މީހަކު ހައްޔަރުކުރި އެވެ.