Roadha Mihaaru
އެންމެވަރުގަދަ ކުޅުންތެރިންނާއެކު ވެމްކޯ މިރޭ ނުކުންނަނީ

ކްލަބް މޯލްޑިވްސް ކަޕް: އެންމެ ވަރުގަދަ ކުޅުންތެރިންނާއެކު ވެމްކޯ މިރޭ ނުކުންނަނީ

23 ނޮވެމްބަރ 2021

މިހާރު ކުރިއަށް ގެންދާ ފޯރިގަދަ، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ރަނަރަފް ވެމްކޯ އިން ވަރުގަދަ ޓީމާއެކު މިރޭ ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށް ގެންދާ ފޯރިގަދަ، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ރަނަރަފް ވެމްކޯ އިން ވަރުގަދަ ޓީމާއެކު މިރޭ ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ވެމްކޯގެ ފުރަތަމަ މެޗުގައި މިރޭގެ 9:30 ގައި ނުކުންނާނީ ސްޓެލްކޯ ކްލަބާ ދެކޮޅަށެވެ. އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ކޯޗު ކޮށްދޭ ސްޓެލްކޯގެ ޓީމުން ވެސް ވަނީ ވަރުގަދަ ޓީމެއް އެކުލަވައިލައިފަ އެވެ.

އެކަމަކު، ސްކޮޑްގައި ތިބި ތަރިންނަށް ބަލާއިރު ވެމްކޯއާ އަޅާ ކިޔޭނެ ޓީމެއް ނެތެވެ. ގައުމީ ޓީމުގެ ފޯވާޑް އިބްރާހިމް މަހްދީ ހުސައިނާއި ފުޓްސަލްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ހާޒިޒް (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) އެ ޓީމުގައި ހިމެނެ އެވެ. މިއީ ހާއްޕެ އާއި ޝާކާ، ކްލަބް މޯލްޑިވްސްގައި އެއް ޓީމަކަށް ކުޅޭ ފުރަތަމަ ފަހަރެވެ. ވެމްކޯގެ ޓީމުގެ މުހައްމަދު ވިލްފް އަކީ ވެސް ފުޓްސަލްގެ ވަރުގަދަ ނަމެކެވެ.

ވެމްކޯގެ ޓީމުގައި ދެން ހިމެނޭ ފާހަގަ ކުރެވޭ ތަރިންނަކީ އިބްރާހިމް މުބީން (މުއްކި) އާއި އަލީ ޝިޔާހް އަދި ފުރަތަމަ ޑިވިޝަންގައި ވެސް ކުޅޭ އަހްމަދު މުހައްމަދު (އަންމަޑޭ) އާއި މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް މިދިޔަ އަހަރު ކުޅުނު އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.

ވެމްކޯ ޓީމުގެ ކޯޗަކީ ފުރަތަމަ ޑިވިޝަންގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އަހްމަދު ނިއާޒު (ނިއަޓޭ) އެވެ. ނިއާ ބުނީ މި ފަހަރުގެ އަމާޒަކީ އެންމެ ފަހުގެ މުބާރާތުގައި ކުރިމަތިވި ހިތްދަތި ތަޖުރިބާ ތަކުރާރު ވިޔަ ނުދިނުން ކަމަށެވެ.

"މިދިޔަ ފަހަރު ވެސް ނުކުތީ ތައްޓަށް. އެކަމަކު ކާމިޔާބު ނުލިބުނީމާ މި ފަހަރު އެ ކަންކަން ތަކުރާރު ވިޔަ ނުދޭން ޓީމު އިތުރަށް ވަރުގަދަކޮށްފައި މިއޮތީ،" ނިއާ ބުންނެވެ.

އޭނާ ބުނިގޮތުގައި، ޓީމުގެ މިޑްފީލްޑަރު މުހައްމަދު އިމްރާން ފިޔަވައި ދެން ތިބި ކުޅުންތެރިންނަކީ ވެމްކޯގައި މަސައްކަތް ކުރާ ކުޅުންތެރިންނެވެ.