Roadha Mihaaru
ފައިނަލުގެ ޖާގަ ދީނާ އާއި އަޒްރާ ހޯދަައިފި

ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ފައިނަލުގެ ޖާގަ ދީނާ އާއި އަޒްރާ އަށް

05 ޑިސެމްބަރ 2021

ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް އާމިނަތު އަޒްރާ އާއި ދީނާ އަހްމަދު ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް އާމިނަތު އަޒްރާ އާއި ދީނާ އަހްމަދު ދަތުރުކޮށްފި އެވެ.

އަޒްރާ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. ދީނާ ބަލިވީ މަރްޔަމް ހުދުނާ އަތުން އެކަންޏެވެ. އެ މެޗުން އޭނާ ބަލިވީ 5-4 ފްރޭމުންނެވެ. އޭނާ ވަނީ އައިޝަތު އަލީ އާއި ފަޒްނާ އަހުމަދު ބަލިކޮށްފަ އެވެ. ފަޒާނާގެ މައްޗަށް ދީނާ ކުރި ހޯދީ 5-2 ފްރޭމުންނެވެ. މަލީޝާގެ މައްޗަށް މައްޗަށް ކުރި ހޯދީ 5-4 ފްރޭމުންނެވެ. އައިޝަތު އަލީގެ މައްޗަށް 5-1 ފްރޭމުންނެވެ.

ހުކުރު ދުވަހުގެ ރޭ އަޒްރާ ކުޅުނު ފުރަތަމަ މެޗުގައި، ރާއްޖޭގެ ރޭންކިންގެ ދެވަނަ އާމިނަތު ހަލީމްގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ ފަސް ފްރޭމުންނެވެ. ރޭ އޭނާ ކުޅުނު ދެވަނަ މެޗުގައި މަރްޔަމް ހުދުނާ ބަލިކުރީ 5-3 ފްރޭމުންނެވެ. މުބާރާތުގައި އަޒްރާ ކުޅުނު ފުރަތަމަ މެޗުގައި، ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގެ ރޭންކިންގެ ހަތް ވަނަ އައިޝަތު އަލީގެ މައްޗަށް ކާމިޔާބު ހޯދީ 5-2 ފްރޭމުންނެވެ.

ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލުން އަލީ ޝާވިން ވަނީ ޖާގަ ހޯދައިފަ އެވެ. އޭނާއާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިއެއް ފައިނަލް ވަނީ އައްބާސް ސައީދު އާއި އިބްރާހިމް ރަޝީދު ކުޅޭ މެޗުންނެވެ.

ފިރިހެން ޑިވިޝަންގައި އެންމެ ފޯރިގަދަކޮށް ފެންނަނީ ފުރަތަމަ ޑިވިޝަނެވެ. އެ ޑިވިޝަންގެ ފައިނަލުން މުހައްމަދު ޝާހިލް ހަމީދު ވަނީ ޖާގަ ހޯދައިފަ އެވެ. ފައިނަލްގައި އޭނާއާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިއެއް ފައިނަލް ވަނީ ހުސައިން ޝާޒް މުހައްމަދު އާއި ހުސައިން ފަޔާޒު ކުޅޭ މެޗުންނެވެ.

މުޅިން އަލަށް ބާއްވާ ބިލިއާޑް މުބާރަތަކީ، މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތެވެ. މުބާރާތުގެ އިނާމުގެ ގޮތުގައި 150،000ރ. އަށް ވުރެ ބޮޑު އަދަދެއް ވަނީ ކަނޑައަޅައިފަ އެވެ.