Roadha Mihaaru
ހުސެން، ބޭބެގެ ފަހަތުން ގޮސް ގައުމީ ޗެމްޕިއަނަކަށް

ހުސެން، ބޭބެގެ ފަހަތުން ގޮސް ގައުމީ ޗެމްޕިއަނަކަށް

16 ޑިސެމްބަރ 2021

ސޯޝަލް ސެންޓަރުގައި 2004 ގައި ބޭއްވި ވީކެންޑް ބިލިއާޑް މުބާރާތްތަކުގެ ތެރެއިން މުބާރާތެއްގެ ފައިނަލަށް، މި ފަހަރުގެ ގައުމީ މިކްސް ޑަބަލްސް ޗެމްޕިއަން އަލީ ފަޔާޒު ދަތުރުކުރި ވާހަކަ ގޭތެރޭގައި ދެކެވެން ފެށުމުން، ކޮއްކޮ ހުސައިން ފަޔާޒު ސޯޝަލް އަށް ދިޔައީ އެ މެޗު ބަލާލުމަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސޯޝަލް ސެންޓަރުގައި 2004 ގައި ބޭއްވި ވީކެންޑް ބިލިއާޑް މުބާރާތްތަކުގެ ތެރެއިން މުބާރާތެއްގެ ފައިނަލަށް، މި ފަހަރުގެ ގައުމީ މިކްސް ޑަބަލްސް ޗެމްޕިއަން އަލީ ފަޔާޒު ދަތުރުކުރި ވާހަކަ ގޭތެރޭގައި ދެކެވެން ފެށުމުން، ކޮއްކޮ ހުސައިން ފަޔާޒު ސޯޝަލް އަށް ދިޔައީ އެ މެޗު ބަލާލުމަށެވެ.

"އެ މެޗު ބަލަން ގޮސް ބިލިއާޑަށް ޝައުގުވެރިކަން އުފެދުނީ،" މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަން ހޯދި ހުސައިން ފަޔާޒު ކިޔައި ދިނެވެ.

"އެތަނަށް ދިޔައީމަ އެނގިއްޖެ ވީކް ޑޭސް ތެރޭގައި ޕްރެކްޓިސް ކުރުމަށް ފަހު ކޮންމެ ވީކެންޑެއްގައި ވެސް މުބާރާތް އޮންނަކަން. ދެން ދާން ފެށީ ވީކް ޑޭސް ތެރޭގައި މެޗު ބަލަން."

ފުރަތަމަ ހަފުތާގައި އޭނާ ހުރީ މެޗު ބަލާށެވެ. އެކި ކުޅުންތެރިން ކުޅޭ މަންޒަރު ބަލަން ހުރުމުން ކުދިކުދި ޓެކްނިކްތައް އޭނާ އަށް ދަސްވާން ފެށި އެވެ.

އަލީ ފަޔާޒު އާއި ހުސައިން ފަޔާޒު --- ފޮޓޯ: އެމްޕީބީއޭ

އަލީ ފަޔާޒު އާއި ހުސައިން ފަޔާޒު --- ފޮޓޯ: އެމްޕީބީއޭ

"ދެން އެހެން ހަފުތާއެއްގައި ޓްރޭނިން ކުރަން ފެށީ،" އޭނާ ބުންޏެވެ.

ޝޯޝަލް ސެންޓަރުގެ ބިލިއާޑް ހޯލްގައި ހުސައިން ޕްރެކްޓިސް ކުރާ މަންޒަރު، އަލީ ފަޔާޒަށް ފެނުމުން އޭނާ، ކޮއްކޮ އަށް ދޫކޮށްލީ ހިތްވަރުގެ ބަސްކޮޅެކެވެ. އެކަމުގައި ކުރިއަށް ދާން އޭނާ އަށް ބާރު އެޅި އެވެ.

"ސޯޝަލްގެ ބޯޑެއްގެ ކައިރީ ކުޅެން އިންދާ ފެނިގެން ބޭބެ ބުނި ހަނދާނެއްވޭ، ތީ ރަނގަޅު ކަމެކޭ ތިކަން ކުރާށޭ،" ހުސައިން ބުންޏެވެ.

އެކި މުބާރާތްތަކުގައި އެކި ވަނަތައް ހޯދަމުން އައިސް، ގައުމީ މުބާރާތާ ހަމައަށް އައިރު ހުސައިން ފަޔާޒުގެ ހުނަރު ތަރައްގީ ވެއްޖެ އެވެ. މެޗުތަކަށް އޭނާ ތައްޔާރުވާ ގޮތާއި ބޭނުން ކުރާ ޓްރިކްތަކުގައި ވެސް ކުރިއެރުން އަތުވެއްޖެ އެވެ.

ސިންގަލްސް ފައިނަލްގައި މުހައްމަދު ސާހިލް ހަމީދުއާ ވާދަކުރި މެޗުގައި ފަސް ފްރޭމްގެ ލީޑެއް ސާހިލް ނާގާފައިވަނިކޮށް، ފަހަތުން އަރައި ހުސައިން ފަޔާޒު މެޗު އަނބުރާލީ އޭނާގެ ތަޖުރިބާ ބޭނުން ކޮށްގެންނެވެ.

ހުސައިން ފަޔާޒު --- ފޮޓޯ: އެމްޕީބީއޭ

ހުސައިން ފަޔާޒު --- ފޮޓޯ: އެމްޕީބީއޭ

"ގައުމީ ޗެމްޕިއަންކަން ލިބުމަކީ ހާއްސަ އުފަލެއް ލިބޭކަމެއް. އަދި ޑަބަލްސްއާ އެކީ ޗެމްޕިއަންކަން ލިބުމުން ލިބޭ ހިތްހަމަޖެހުން ބޮޑު،" ހުސައިން ބުންޏެވެ.

ހުސައިންގެ ކުޅިވަރު ކެރިއާ އާއި އާމްދަނީ ބިނާވެފައި އޮތީ ބިލިއާޑުގެ މައްޗަށެވެ. އޭނާ އަކީ ސަރުކާރުން 5،000ރ. ގެ އެލެވެންސެއް ކޮންމެ މަހަކު ދޭ ލިސްޓަގައި ހިމެނޭ، ގައުމީ ޓީމުގެ ކުޅުންތެރިޔެކެވެ. އޭނާގެ ވަޒީފާ އަކީ ބިލިއާޑް ބޯޑާ ގުޅޭ މަސައްކަތްތަކެވެ.

"ވަރަށް ގިނަ އޯޑަރުތައް ލިބޭ ބިލިއާޑް ބޯޑް ބެހެއްޓުމަށާއި މަރާމާތު ކުރުމުގެ މަސައްކަތްތަކަށް. އެ މަސައްކަތް އަޅުގަނޑު ކުރާނީ،" އޭނާ ބުންޏެވެ. "ހާއްސަކޮށް ރިސޯޓްތަކުން އަބަދުވެސް އޮންނަނީ އޯޑަރު ލިބިފައި ބޯޑް މަރާމާތު ކުރުމުގެ މަސައްކަތްތަކަށް."

އަލީ ފަޔާޒުގެ ފަހަތުން ބިލިއާޑްގެ ތެރެއަށް ނުކުތް ހުސައިން ފަޔާޒަކީ މިހާރު ގައުމީ ޗެމްޕިއަނެވެ. ހުސައިން ފަޔާޒު ބުނިގޮތުގައި އޭނާގެ އެހެން ކޮއްކޮއިން ވެސް މިހާރު ހުޅުމާލޭ ބިލިއާޑް ހޯލްގައި ކުޅެން ފަށައިފި އެވެ. ހުސައިން އުންމީދު ކުރާނީ ކޮއްކޮމެން ވެސް ރާއްޖޭގެ އެންމެ އުހަށް ވާސިލު ވެވޭނެ ކަމަށެވެ.