Roadha Mihaaru
މިކްސް ޑަބަލްސް ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާއަށް

ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: މިކްސް ޑަބަލްސް ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ އަށް

10 ޑިސެމްބަރ 2021

މިހާރު ކުރިއަށްދާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން އަލީ ފަޔާޒު އާއި ދީނާ އަހްމަދުގެ ޕެއާ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން އަލީ ފަޔާޒު އާއި ދީނާ އަހްމަދުގެ ޕެއާ ހޯދައިފި އެވެ.

ފައިނަލްގައި އެ ޕެއާއާ ދެކޮޅަށް ނުކުތީ، ފައިނަލުން އެންމެ ފުރަތަމަ ޖާގަ ހޯދި މުހައްމަދު ޝަރީފް އާއި ފަޒްނާ މޫސާގެ ޕެއާ އެވެ. އަލީ ފަޔާޒު އާއި ދީނާގެ ޕެއާ ޗެމްޕިއަންކަން ހޯދީ 7-4 ފްރޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފަޒްނާ އާއި ޝަރީފްގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. ފައިނަލްގެ ޖާގަ ކަށަވަރު ކުރި މެޗުގައި ފަޔާޒު އާއި ދީނާގެ ޕެއާ ވެސް ބަލި ކުރި އެވެ. އެ މެޗު ފަޒްނާ އާއި ޝަރީފް ކާމިޔާބު ކުރީ 5-2 އިންނެވެ. އެކަމަކު ފައިނަލްގައި ދީނާ އާއި ފަޔާޒުގެ ޕެއާ ފެނުނީ ތަފާތުކޮށެވެ.

ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ފަޒްނާ އާއި ޝަރީފް އަތުން ބަލިވުމުން ދީނާ އާއި ފަޔާޒު ޖެހުނީ ދެވަނަ ސެމީ ފައިނަލަށް މަޑު ކުރާށެވެ. ސެމީ ފައިނަލްގައި ޔޫސުފް ޒުބައިރު އާއި އާމިނަތު ހަލީމްގެ ޕެއާގެ މައްޗަށް ދީނާ އާއި ފަޔާޒުގެ ޕެއާ ކުރީ ހޯދީ 5-1 ފްރޭމުންނެވެ. ޔޫސުފް އާއި އާމިނަތުގެ ޕެއާ ދެވަނަ ސެމީ ފައިނަލަށް ދަތުރު ކުރީ އާމިނަތު އަޒްރާ އާއި ހަސަން ޝާޒް މުހައްމަދުގެ ޕެއާ 5-4 ފްރޭމުން ބަލި ކުރުމަށް ފަހު އެވެ.

މިކްސް ޑަބަލްސްގައި ދީނާ ހޯދި ކާމިޔާބާއެކު އޭނާވެފައި ވަނީ ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ މުބާރާތުގައި ދެ ކެޓެގެރީ އަކުން ޗެމްޕިއަން މެޑަލް ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ އާމިނަތު އަޒްރާ ބަލިކޮށް ގައުމީ ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.