Roadha Mihaaru
ލަންކާ އަތުން ރާއްޖޭގެ ޓީމު ތިން ސެޓުން ބަލިވެއްޖެ

ލަންކާ އަތުން ރާއްޖޭގެ ޓީމު ތިން ސެޓުން ބަލިވެއްޖެ

10 ޑިސެމްބަރ 2021

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިރޭ، ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިރޭ، ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެ އެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓް ފެށިގޮތަށް ވެސް ރާއްޖެ އަށް މައްސަލަ ކުރިމަތިވި އެވެ. މެޗުގެ ތެރެއަށް ވަންނަން ރާއްޖެ އަށް އުނދަގޫތައް ކުރިމަތިވި އެވެ. ލަންކާއިން ފުރަތަމަ ހަތަރު ޕޮއިންޓް ހޯދިއިރު ވެސް ރާއްޖެ އަށް ޕޮއިންޓެއް ނުހޯދުނެވެ. ރާއްޖޭގެ ފޯމް ރަނގަޅު ކުރުމުގެ ބޭނުމުގައި، މެޗު ފަށައިގެން ވަރަށް ކުރީކޮޅު ރާއްޖެއިން ޓައިމްއައުޓެއް ނެގި އެވެ. ޓައިމްއައުޓަށް ފަހު އެނބުރި އައި ނަމަވެސް ރާއްޖެއަށް އެހާ ރަނގަޅަކަށް ނުފެށުނެވެ. ދިވެހި ޓީމަށް ފުރަތަމަ ޕޮއިންޓް ހޯދުނީ ވެސް ލަންކާއިން ހަ ޕޮއިންޓް ހޯދި ފަހުންނެވެ. އެއަށް ފަހު ރާއްޖެއިން ޖެހިޖެހިގެން ތިން ޕޮއިންޓް ހޯދި އެވެ. ޖެހިޖެހިގެން ހަތަރު ވަނަ ޕޮއިންޓެއް ހޯދުނު ކަމަށް ހީކޮށް ރާއްޖެ ޓީމުން ވެސް އުފާފާޅުކުރި އެވެ. އެކަމަކު ލަންކާގެ ކުޅުންތެރިން އެޕީލް ކުރީ ބޯޅަ ދިޔައީ ދިވެހި ކުޅުންތެރިން އަތުން ނެޓްގައި ޖެހިފައި ކަމަށެވެ. ރެފްރީ ނިންމުން ބަދަލުކޮށް ލަންކާގެ ކޮޅަށް ޕޮއިންޓް ދިނެވެ.

ލަންކާއިން ނުވަ ޕޮއިންޓްގެ ލީޑެއްގައި ވަނިކޮށް ރާއްޖޭގެ ކެޕްޓަން އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ޖެހި ބާރު ޝޮޓެއް ލަންކާގެ ކޯޓުގެ މެދުތެރެއަށް ފޮނުވާލައި ރާއްޖެ އަށް ފަސް ވަނަ ޕޮއިންޓް ހޯދައިިނެވެ. އެކަމަކު އެ ޕޮއިންޓަށް ފަހު ރާއްޖެ އަށް ފޯމްގައި ހިފަހައްޓަން އުނދަގޫވި އެވެ. ރާއްޖޭގެ ހުސައިން ނިލާމް އާއި އާދަމް ފައިރޫޒް އެއްފަހަރާ ބޯޅައަށް މަސައްކަތް ކުރުމުން ބޯޅަ އަތުގައި ޖެހިފައި ދޫވެގެން ދިޔައީ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ހުސައިން ޝާހިދު (ޝާޑް) ކުޅެން ނުކުތް ހިސާބުން ރާއްޖޭގެ ކުޅުން ރަނގަޅުވި އެވެ. ކައިރިކައިރީގައި ޕޮއިންޓްތަކެއް ލިބިގެންދިޔަ އެވެ. ޝާޑް ސެޓްކޮށް ދިން ބޯޅައިން އަލީ ހުޒާމް (ހުޒާންޓޭ) ފޮނުވާލި ބާރު ޝޮޓުން މެދު ކެނޑުމަކަށް ފަހު ރާއްޖެ އަށް ޕޮއިންޓެއް ހޯދައިދިނެވެ. ދިވެހި ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ލަންކާ ކުޅުންތެރިން ފޮނުވަމުން ދިޔަ އެޓޭކްތައް ބްލޮކް ނުކުރެވުމެވެ.

ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ލަންކާއިން ގޭމްބޯލް ޕޮއިންޓާ އެއް ޕޮއިންޓަށް ކައިރީގައި ވަނިކޮށް ރާއްޖެ އަށް ޕޮއިންޓް ލިބުނު ނަމަވެސް ގޭމްބޯލް ޕޮއިންޓް ވެސް އަދި ގޭމް ނިންމާލި ޕޮއިންޓް ވެސް ލަންކާ އަށް ލިބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ޕޮއިންޓްތަކުގައި ކުރަން ލިބުނު ސާވިސްތައް ރަނގަޅަށް ފޮނުވާ ނުލެވުމުންނެވެ. ލަންކާއިން ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-13 އިންނެވެ.

ފުރަތަމަ ސެޓްގައި ޝާޑް އަރުވައިގެން ފެނުނު ކުރިއެރުމާއެކު، ގައުމީ ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ދެވަނަ ސެޓް ފަށަން ހުސައިން ވިޝާމް (ބުޅިކޭ) ގެ ބަދަލުގައި ޝާޑް ކުޅެން ނެރެފަ އެވެ. އެ ސެޓްގައި ވެސް ފުރަތަމަ ޕޮއިންޓް ހޯދީ ލަންކާއިންނެވެ. ލަންކާއިން ދެ ޕޮއިންޓުގެ ލީޑެއް ނެގި ފަހުން ރާއްޖެ އިން ވަނީ ޖެހިޖެހިގެން ދެ ޕޮއިންޓް ހޯދައި މެޗުގައި ފުރަތަމަ ފަހަރަށް ލަންކާއާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު ފުރަތަމަ ފަހަރަށް ލީޑު ނަގަން ލިބުނު ފުރުސަތު ގެއްލިގެން ދިޔައީ ކެޕްޓަން ކުޑަކާއްޓޭ ކުރި ސާވިސް ބޭރަށް ދިއުމުންނެވެ.

ފުރަތަމަ ސެޓްގައި ބޮޑު ލީޑެއް ނެގުނު ނަމަވެސް، ދެވަނަ ސެޓްގެ ކުރީކޮޅު ލަންކާ އަށް ބޮޑު ލީޑެއް ނުނެގުނެވެ. އެންމެ ބޮޑަށް ވެސް ލީޑް ފުޅާ ވެގެން ދިޔައީ ތިން ޕޮއިންޓަށެވެ. ލަންކާގެ ކުޅުންތެރިން 10 ޕޮއިންޓް ހޯދި ފަހުން އެ ޓީމަށް ގޯސްތަކެއް ހެދި ރާއްޖެއިން ޖެހިޖެހިގެން ދެ ޕޮއިންޓް ހޯދައި އެއް ޕޮއިންޓަށް ފަރަގު ކުޑަވި އެވެ. ދެވަނަ ސެޓްގެ ކުރީކޮޅު ލަންކާއިން އެންމެ ބޮޑް ލީޑެއް ނެގީ ފަސް ޕޮއިންޓްގެ ލީޑެކެވެ. ލަންކާއިން 15-10 ކުރީގައި އޮތީ ރާއްޖޭ ކުޅުންތެރިންނަށް ހެދުނު ގޯސްތައް ރަނގަޅު ނުކުރެވުމުންނެވެ.

ކުޑަ ކާއްޓޭ އަތުން ސާވިސް މިސްވި އެވެ. ލަންކާގެ ތަރޫޝާ ޗަމަތު ނެގި ސާވިސް ބޭރަށް ދާނެ ކަމަށް ބަލައި ބޯޅަ ދޫކޮށްލައިގެން ތިބި އިރު އެ ބޯޅަ ޖެހުނީ ރާއްޖޭގެ ކޯޓް ތެރޭގަ އެވެ. އަދި ލަންކާގެ ލަސިންދު ފޮނުވާލި ބޯޅަ ރިސީވް ނުކުރެވި ދިޔަ ބޯޅައިން ލަންކާ އަށް ޕޮއިންޓް ލިބުނެވެ. ރާއްޖޭގެ ކުޅުންތެރިންނަށް މި ސެޓްގައި ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ ލަންކާގެ ސާވިސްތައް ރިސީވް ނުކުރެވުމެވެ. ހާއްސަކޮށް ލަންކާގެ މަހޭލަ އިންޑީވަރާ ފޮނުވާލި ސާވިސްތައް ދިފާއު ކުރުމުގައި ދިވެހި ކުޅުންތެރިންނަށް އުނދަގޫ ވެގެން ދިޔަ އެވެ.

ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ލަންކާއިން 22-13 ގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގާފައި ވަނިކޮށް ވަގުތު ކޮޅަކަށް ފަހު ރާއްޖެ އަށް ޕޮއިންޓެއް ލިބުނީ ލަސިންދު ފޮނުވާލި ބޯޅަ ނެޓަށް އަމާޒުވުމުންނެވެ. އެކަމަކު ލަންކާއިން 23 ވަނަ ޕޮއިންޓް ހޯދީ ރާއްޖޭގެ ފައިރޫޒް ކުރި ސާވިސް ބޭކާރު ވެގެން ދިއުމުންނެވެ. ލަންކާއިން ސެޓްގެ 15 ވަނަ ޕޮއިންޓް ހޯދި ހިސާބުން ލީޑް ފުޅާވަމުން ގޮސް ބޮޑު ލީޑެއް ނެގި އެވެ. ފައިރޫޒްގެ ސާވިސް ބޭކާރުވެ އިތުރު ދެ ޕއޮިންޓް ހޯދައި ލަނކާއިން ސެޓް ކާމިޔާބު ކުރީ 25-14 އިންނެވެ.

ތިންވަނަ ސެޓްގައި ރާއްޖެއިން ފުރަތަމަ ޕޮއިންޓް ހޯދީ ލަންކާއިން ހަތަރު ޕޮއިންޓް ހޯދިފަހުންނެވެ. ފުރަތަމަ ހަތަރު ޕޮއިންޓް ލަންކާއިން ހޯދުމުން ކޯޗް ކާއްޓޭ ޓައިމްއައުޓް ނެގި އެވެ. ޓައިމްއައުޓަށް ފަހު އެނބުރި އައިސް ރާއްޖެއިން ފުރަތަމަ ޕޮއިންޓް ހޯދި އެވެ. އެ ޕޮއިންޓް ރާއްޖެ އަށް ލިބުނީ ތަރުޝާ ކުރި ސާވިސް ނެޓަށް އަމާޒުވުމުންނެވެ. މުޅި މެޗުގައި ވެސް ލަންކާގެ ކުޅުންތެރިން އަތުން ބޭކާރުވެގެން ދިޔަ ފުރަތަމަ ސާވިސް އަކީ އެއީ އެވެ. ރާއްޖެ އަށް ލިބުނު ދެވަނަ ޕޮއިންޓަކީ ވެސް ލަންކާގެ ލަސިންދު އަތުގައި ދެ ފަހަރަށް ބޯޅަ ޖެހުމުން ލިބުނު ޕޮއިންޓެކެވެ. ޑަބަލްކޮށް ލަސިންދު އަތުގައި ބޯޅަ ޖެހުނުކަމަށް ރެފްރީ ނިންމުމުން ލަސިންދު ވަނީ އެކަން އެޕީލް ވެސް ކޮށްފަ އެވެ.

ރާއްޖެއިން ފޮނުވާލި ސާވިސްއެއްގެ ތެރެއިން ލަންކާގެ ކުޅުންތެރިން އަތުން ރިސީވް ނުކުރެވި ދިޔައީ އެންމެ ސާވިސް އެކެވެ. ސެޓްގެ 13 ވަނަ ޕޮއިންޓް ހޯދައި ލަންކާއިން ހަތް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ލަންކާއިން ފޮނުވާލި ބާރު ޝޮޓް، ފައިރޫޒް ބްލޮކްކޮށް ރާއްޖެ އަށް ޕޮއިންޓެއް ހޯދައިދިނެވެ.

ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭގެ ފަހުން ރާއްޖެއިން ކުޅުން ރަނގަޅުކޮށް ހަތަރު ޕޮއިންޓަށް ލީޑް ކުޑަ ކުރި އެވެ. ރާއްޖެއިން ރަނގަޅު ރިސީވެއްކޮށް ކުޑަ ކާއްޓޭ ފޮނުވާލި ބާރު ޝޮޓް ދިފާއު ކުރުމުގައި ލަންކާ އަށް ވެސް އުނދަގޫ ކުރިމަތިވި އެވެ. ކައިރިކައިރީގައި ޕޮއިންޓް ހޯދި ނަމަވެސް މެޗުގެ ތެރެއަށް އަންނަން ދިވެހި ކުޅުންތެރިންނަށް އުނދަގޫވި އެވެ. ސެޓްގެ ދެވަނަ ޓެކްނިކަލް ޓައިމްއައުޓަށް ފަހު އެނބުރި އައިސް ލަންކާގެ ނަލިތު ކުރި ސާވިސް ނެޓަށް އަމާޒުވުމުން ރާއްޖެއިން 12 ވަނަ ޕޮއިންޓް ހޯދި އެވެ. ލަންކާއިން 20 ވަނަ ޕޮއިންޓް ހޯދިއރު ރާއްޖެ އޮތީ އަށް ޕޮއިންޓް ފަހަތުގަ އެވެ. ހުޒާންޓޭ ފޮނުވާލި ބާރު ޝޯޓާއި ފައިރޫ ކުރި ބްލޮކާއެކު ރާއްޖެއިން ދެ ޕއޮިންޓެއް ހޯދި އެވެ. އެކަމަކު އެޑަމް އަށް ސާވިސް ރަނގަޅަށް ނުކުރެވުމުން ލަންކާ އަށް ޕޮއިންޓް ލިބި، ގޭމްބޯލް ޕޮއިންޓާ އެއް ޕޮއިންޓަށް ކައިރި ކުރި އެވެ.

ތިން ވަނަ ސެޓްގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ، ލަންކާއިން ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅު ވުމެވެ. ވިދުރާ ޕްރަބާތު އާއި އިސްރު އުޑަނާ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އަރައި ލަންކާ އަށް މުހިންމު ޕޮއިންޓްތަކެއް ހޯދައިދިނެވެ. ލަންކާއިން އެ ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ.

މިމަހު ބަންގަލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން، ލަންކާ އާއި ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ މާދަމާ ރެ އެވެ. ސީރީޒެއް ގޮތަށް ކުޅޭ މި ތިން މެޗުގެ ރަސްމީ މެޗަކަށް ވާނީ އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗެވެ.