Roadha Mihaaru
ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ: ރަނޭ

ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ: ރަނޭ

01 މާޗް 2023

ރާއްޖޭގެ ވޮލީބޯޅައިގައި ދެން މަސައްކަތް ފަށަން ޖެހޭ ހިސާބު ދެނެގަނެވިއްޖެ ކަމަށް ވީއޭއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވޮލީބޯޅައިގައި ދެން މަސައްކަތް ފަށަން ޖެހޭ ހިސާބު ދެނެގަނެވިއްޖެ ކަމަށް ވީއޭއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ރާއްޖޭގައި ނިމިގެންދިޔަ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ގައުމީ އަންހެން ޓީމުން ދެއްކި ކުޅުމަށް ތައުރީފް ކުރަމުން ރަނޭ ވިދާޅުވީ ރާއްޖޭގެ ޓީމާ ދެކޮޅަށް ކުޅެން އިދިކޮޅު ޓީމުތަކަށް ފަސޭހަ ނުވާނެކަން ފެނިގެން ހިނގައްޖެ ކަމަށެވެ.

ސިންގަޕޫރާ ދެކޮޅަށް ފައިނަލުގައި ގައުމީ އަންހެން ޓީމު ބަލިވީ ފަސް ސެޓަށް ކުޅެގެންނެވެ. ސިންގަޕޫރުން، ސީދާ ތިން ސެޓުން ރާއްޖެ ބަލިކުރުމުގެ އަމާޒުގައި ތިން ވަނަ ސެޓްގައި އެ ޓީމުން ބޮޑު ލީޑެއް ވެސް ނެގި އެވެ. އެކަމަކު ރާއްޖެއިން ވަނީ ލީޑު ފަހަނައަޅައި އެ ސެޓް ކާމިޔާބުކޮށްފަ އެވެ. އަދި ދެން ޖެހިގެން އައި ސެޓް ވެސް ކާމިޔާބުކޮށް ފަސް ވަނަ ސެޓަކަށް ރާއްޖެއިން ގެންދިޔަ އެވެ.

އަންހެން ޑިޗިޝަނުގެ ފައިނަލުގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން. --- ފޮޓޯ: ރައީސް އޮފީސް

އަންހެން ޑިޗިޝަނުގެ ފައިނަލުގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން. --- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ވޮލީ ހިންގުމާ ހަވަލުވި ފުރަތަމަ ދުވަހު ވެސް ބުނިން އަޅުގަނޑުގެ އަމާޒަކީ ހަނދަށް ބަޑިޖެހުމޭ. ހަނދަށް ބަޑި ޖަހަން އަމާޒުކުރިއްޔާ ކިރިޔާ ތަރިއެއް އަތުވާނީ. މިފަހަރު މި ހާސިލުވީ ތަރިއެއް،" ފޯ ނޭޝަން ކަޕްގެ ރަނަރަފް މަގާމަށް އިޝާރާތްކޮށް ރަނޭ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ކުރަން ޖެހޭކަމަކީ މި ޓީމު އިތުރަށް ޕޮލިޝް ކުރުން. މެންޓަލީ އިތުރަށް ތަރައްގީކޮށް ދިނުން. ފިޒިކަލީ އިތުރަށް ތަރައްގީ ކުރުން. ގޭމް އިތުރަށް ފުރިހަމަކޮށް ރީތި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުން."

ރަނޭ ވިދާޅުވީ އަންހެން ޓީމުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމުން ވެސް އެ ކުޅުންތެރިންނާ މެދު އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.

"އެ ކުޅުންތެރިންނަށް ވެސް އެނގޭ ޕްރެޝަރުގައި ކުޅެލަން،" ރަނޭ ވިދާޅުވި އެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ދެ ކުޅުންތެރިން --- ފޮޓޯ: ރައީސް އޮފީސް

ގައުމީ އަންހެން ވޮލީ ޓީމުގެ ދެ ކުޅުންތެރިން --- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ ފިރިހެން ޓީމަށް ފައިނަލަށް ނުދެވުނަސް ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސާ އާއެކު މިދިޔަ އެއް އަހަރު ކުރި މަސައްކަތް ވެސް ރަނގަޅު ކަމަށެވެ.

"ހަސަން ނިލާމް އަކީ ކުރިން ކޯޓްގެ ކަނެއްގައި އެހާ ބޮޑަށް ފާހަގަނުވެ ހުންނަ ކުޅުންތެރިއެއް. އެކަމަކު މި މުބާރާތުތުގައި ފެނިގެން ދިޔައީ ޓީމުގެ އެންމެ މުހިންމު އެޓޭކަރުގެ ގޮތުގައި. މިއިން ޒަމާނަކު ކުޅުންތެރިން ނުކުޅޭހާ މޮޅަށް ކުޅުނު،" އޭނާ ބުންޏެވެ.

ކުރީގެ ސެޓަރު ވިދާޅުވީ ހަގީގީ މަސައްކަތް ދެން ފެށުނީ ކަމަށެވެ.

"އެކަމަކު ދެން ކުރަން ޖެހޭ މަސައްކަތް މާ ބުރަ ވާނެ،" ރަނޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަމަހަށް ފަހު މި އަހަރު ވޮލީ ސީޒަން ފަށާނެ ކަމަށެވެ.