Roadha Mihaaru
ކޮމީޑިއަން ބާރްތީ އަށް ދަރިޔަކު ލިބެނީ؟

ކޮމީޑިއަން ބާރްތީ އަށް ދަރިޔަކު ލިބެނީ؟

11 ޑިސެމްބަރ 2021

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގް މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގް މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ މިހާރު ވަރަށް ބޮޑަށް ދެކެވޭތީ ހިންދުސްތާން ޓައިމްސް އިން ސުވާލު ކުރުމުން ބާރްތީ ބުނީ އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންވާ ކަމަށެވެ.

"އެކަން ތެދުކުރާކަށް ވެސް އަދި ދޮގުކުރާކަށް ވެސް ބޭނުމެއް ނޫން. ބަލިވެއިނުން ކަހަލަ ކަންކަމަކީ ސިއްރުކުރެވޭ ކަހަލަ ކަންކަމެއް ނޫން. އެހެންވީމަ ފަހުން އެ ވާހަކަ ދައްކާނަން." އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ކޮމީޑިއަނުންގެ ތެރޭގައި ހިމެނޭ ބާރްތީ ބުންޏެވެ.

އޭނާ ބަލިވެއިންކަމުގެ ވާހަކަތައް ދެކެވެން ފަށާފައި ވަނީ ދަރިޔަކު ހޯދުމުގެ ވާހަކަ މީގެ ކުރިން އެތައް ޕްލެޓްފޯމެއްގައި ވެސް ދައްކާފައި ވަނިކޮށެވެ. އަދި އަބަދުވެސް ވަރަށް ފަލަކޮށް ހުންނަ ބާރްތީ މި ފަހުން ހިކެން މަސައްކަތް ފެށީ ވެސް ދަރިޔަކު ހޯދުމުގެ ޕްލޭންތަކާ އެކީގަ އެވެ. އޭނާ އެންމެ ފަހުން ހޯސްޓްކުރި ކަލާޒްގެ "ޑާންސް ދީވާނޭ" ސީޒަން 3 އިން ހަށިގަނޑަށް ގެނައި ބަދަލު ވެސް ފާހަގަކުރެވިފައިވެ އެވެ.

ބާރްތީ، 37، ގެ ކައިވެންޏަށް މިހާރު ހަތަރު އަހަރެވެ. އޭނަގެ ފިރިމީހާ ހާޝް ލިމްބާޗިއާ އަކީ ވެސް މިހާރު ބާރްތީއެކޭ އެއްގޮތަށް ކޮމީޑިއަނެކެވެ. ލިޔުންތެރިއެއްގެ ގޮތުގައި އިންޑަސްޓްރީ އަށް ނުކުތް ހާޝް އަކީ މިހާރު ބާރްތީއާ އެކު ހޯޯސްޓް ވެސް ކުރާ މީހެކެވެ. "ޑާންސް ދީވާނޭ 3" ގެ އިތުރުން ސޮނީ ޓީވީގެ "އިންޑިއާސް ބެސްޓް ޑާންސާ 2" ވެސް ދެމަފިރިން ހޯސްޓްކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަލާޒް އިން ފަށަން ތައްޔާރު ވަމުން އަންނަ "ހުނަރުބާޒް: ދޭޝް ކީ ޝާން" ގެ ހޯސްޓުންނަކީ ވެސް ބާރްތީގެ ދެމަފިރިންނެވެ.

އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު މީހެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބާރްތީ އަކީ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ވެސް ބައިވެރިއެކެވެ. ބާރްތީ އާއި ހާޝް މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ބެދުނެވެ. އެކަމަކު ފަހުން އެ މީހުން ދޫކޮށްލި އެވެ.