Roadha Mihaaru
އޭސީސީ މެމްބަރުން ވަކިކުރަން ދައުރުން ބޭރުން ޖަލްސާއެއް

އޭސީސީގެ މެމްބަރުން ވަކިކުރަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

14 ޑިސެމްބަރ 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދޭން އެދުމަށް އެމްޑީޕީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދޭން އެދުމަށް އެމްޑީޕީން ނިންމައިފި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހުގެ އިދާރާގައި އެދޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މަސައްކަތަކާ ގުޅޭ ކަމެއް ކަމަށް އާޒިމްގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ދައުރުން ބޭރުން އަންނަ ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވަނީ އޭސީސީގައި މި ވަގުތު ތިއްބެވި ހަތަރު މެމްބަރުން ވަކިކުރުމަށެވެ. ފަސް މެމްބަރުން ތިއްބަވާ އެ ކޮމިޝަނުން މިދިޔަ ހަފުތާގައި މެމްބަރަކު އިސްތިއުފާ ދެއްވާފައިވެ އެވެ.

އޭސީސީގެ މެމްބަރުންގެ މަސައްކަތުގެ އޮޑިޓަށް ފަހު އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފައި ވެ އެވެ.

އެ އޮޑިޓުގައި ވަނީ އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް ކޮމިޝަންގެ ބާރު ވެސް ބޭނުން ނުކުރާ ކަމަށް ބުނެފައިވެ އެވެ. ބައެއް މައްސަލަތައް ތިން އަހަރުވެފައިވާ އިރު އެ އަދަދު 300 އަށް އަރާ ކަމަށް އޮޑިޓުގައި ބުންޏެވެ.

އޭގެ ދިފާއުގައި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ މައްސަލަތައް އަވަސް ނުކުރެވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އިންވެސްޓިގޭޓަރުން މަދުވުން ހިމެނެ އެވެ. އެއާއެކު މިިދިޔަ އަހަރުގެ ބޮޑު ބައި ލޮކްޑައުންއާ ހެދި މީހުން ހާޒިރު ނުކުރެވި، ތަހުގީގު ހިންގަން އުނދަގޫވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތާ ބެހޭ ނޭޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހުކުރަން ހަމަ އެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޝިއުނާ ވިދާޅުވީ އާ ބަޔަކު އޭސީސީއަށް ގެނައި ކަމުގައި ވިޔަސް ނަތީޖާ ނެރެވޭނީ މިނިވަންކަން ދީގެން ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުގެ މިނިވަންކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ލިބެންޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

މި ދައުރުގެ ޖަލްސާތައް ނިންމުމަށްފަހު މިދިޔަ ހަފުތާގައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. އާ ދައުރާއެކު މަޖިލިސް ހުޅުވާނީ އަންނަ ފެބްރުއަރީ އެކެއްގަ އެވެ.