Roadha Mihaaru
އިންޑިއާ ކޮންސިއުލޭޓުގެ ތަފްސީލް ހާމަކުރަން ގޮވާލައިފި

މި ވަގުތު އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން ނިންމުމުން ސުވާލު އުފެދޭ، އޭގެ ތަފްސީލު ހާމަކުރޭ: އިދިކޮޅު ކޯލިޝަން

29 މެއި 2021

މި ފަދަ ހައްސާސް ވަގުތެއްގައި އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް ހެދުމަށް ނިންމި ނިންމުމުން ސުވާލު އުފެދޭ ކަމަށާއި އޭގެ ތަފްސީލުތައް ރައްޔިތުންނަށް ހިއްސާކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ފަދަ ހައްސާސް ވަގުތެއްގައި އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް ހެދުމަށް ނިންމި ނިންމުމުން ސުވާލު އުފެދޭ ކަމަށާއި އޭގެ ތަފްސީލުތައް ރައްޔިތުންނަށް ހިއްސާކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި އިންޑިއާގެ ހައި ކޮމިޝަން ހުންނައިރު އިތުރު ސަރަހައްދެއްގައި ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ފެންނަން ނެތް ކަމަށެވެ. އެހެންވެ، ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގެ ވަކި ސަރަހައްދެއްގައި ގާއިމްކުރަން ނިންމުމުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައި ބުންޏެވެ.

އާއްމުގޮތެއްގައި ބޭރު ގައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ދެ ގައުމުގެ ދޭތެރޭގައި ރަސްމީ މަޝްވަރާތައް ކުރާ ކަން ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ. އަދި އެފަދަ ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި، އެ ގައުމުގެ ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުގައި ދިރިއުޅެ، އެ ބަޔަކަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިލުމަކީ ވެސް އޭގެ އެއް ބޭނުން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.

"އެހެން ކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ގާއިމްކުރެވިފައިވާ އިންޑިާގެ ހައި ކޮމިޝަންގެ އިތުރުން އިތުރު އެހެން ސަރަހައްދެއްގައި އެ ގައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނަން ނެތްއިރު، މި ފަދަ ހައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތާ މެދު މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން ނިންމިއަސް އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓް އެޅުމަކީ އަދި ހަމައެކަނި އިންޑިއާގެ ނިންމުމެއް ކަމަށެވެ. ނަމަވެސް އެކަން ދިވެހި ސަރުކާރަށް އިންޑިއާ އިން އަދި ހުށަހަަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބަޔާނުގައި ބުނީ ކޮންސިއުލޭޓް އޮފީހެއް ހެެދުން ފަދަ ނިންމުމެއް ނިންމަންޖެހޭނީ އެ ހުށަހެޅުން ދިވެހި ސަރުކާރަށް ލިބި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ފެނިއްޖެ ހިނދެއްގައި ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މި ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލު އާއްމުކުރަން ދިވެހި ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމުގެ ވާހަކަ ތިލަވުމުން އެކަން ހިނގަނީ އެންމެ ރަނގަޅު މަގުން ނޫންކަން ދެކޭ ކަމަށް ވެސް ބުންޏެވެ.

"އެހެންކަމުން، އައްޑޫ ސިޓީގައި އިންޑީއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމްކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިސްކަންދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ވެސް މި ފުރުސަތުގައި ގޮވާލަމެވެ. އެއާއެކު ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ޖާގަ ނުދިނުމަށް އިލްތިމާސްކުރަމެވެ،"

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމުގައި އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރިއަސް، މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ ހުރިހާ މެމްބަރުން ވަނީ އެކަމަށް ތާއިދުކުރައްވައިފަ އެވެ.