Roadha Mihaaru
މަގާމުގައި ދެމިހުރެއްޖެ ނަމަ ބަދަލު ގެންނާނަން: ކާއްޓޭ

މަގާމުގައި ދެމިހުރެއްޖެ ނަމަ ބަދަލު ގެންނާނަން: ކާއްޓޭ

24 އޯގަސްޓް 2019

އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ އަމާޒުގައި އައިސް މުބާރާތުގެ ހަތަރު ވަނައިގައި ފަރުޖައްސާލަން ޖެހުނުއިރު ޓީމުން މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށާއި އެކަމަކު މަގާމުގައި ދެމިހުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ބަދަލުތަކެއް ގެންނާނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ އަމާޒުގައި އައިސް މުބާރާތުގެ ހަތަރު ވަނައިގައި ފަރުޖައްސާލަން ޖެހުނުއިރު ޓީމުން މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށާއި އެކަމަކު މަގާމުގައި ދެމިހުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ބަދަލުތަކެއް ގެންނާނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ނޭޕާލް އަތުން އެކަންޏެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުންނާއި ސެމީ ފައިނަލުގައި އުޒްބެކިސްތާން އަތުން އަދި އިއްޔެ ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ޗެމްޕިއަންކަން ހޯދުމުގެ އަމާޒުގައި ނުކުމެ ހުސްއަތާ މުބާރާތް ނިންމާލަން ޖެހުމުން ޓީމުގެ ކޯޗު ކާއްޓެ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ މެޑަލް ހޯދަން އުޅޭ ކަހަލަ ރޫހެއް އިއްޔެ ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ކުޅުންތެރިންގެ ފަރާތުން ނުފެނުނު ކަމަށެވެ. އަދި ޓީމުގެ ތެރޭގައި ނެތް އެއްޗެއް އޭނާ އަށް ވެސް ނުނެރެވޭނެ ކަމަށް ބުންޏެވެ.

"މި ހުރިހާ މެޗަކަށް ބެލިއިރު ވެސް ރާއްޖޭގެ އެންމެ ދަށް އެއް ދިމާލަކީ ބްލޮކް ޑިފެންސް. އެންމެ ބޮޑު ޗެލެންޖަކަށް އަޅުގަނޑަށް ފެންނަ ކަމަކީ މި ކުޅުންތެރިންނާ ޗެލެންޖްކުރާނެ އިތުރު ކުޅުންތެރިން ނެތުން. އެއީ އެއް ކަންތައް. އަނެއް ކަމަކީ ރާއްޖެ ކުޅުންތެރިންގެ ޖޯރުގެ މައްސަލަ. މެޗުތައް ބެލި ހުރިހާ ބޭފުޅުންނަށް ފާހަގަކުރެވޭނެ. ވަރަށް މޮޅަށް 18 ޕޮއިންޓާ ހިސާބަށް ކުޅޭނެ. އެ ހިސާބުން ސެޓު ނިންމާކަށް ނޭނގެ. ޖޯރެއް ނުހުރޭ،" އިއްޔެގެ މެޗަށް ފަހު ކާއްޓޭ ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް ރާއްޖޭން އައީ 14 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އެކަމަކު ފަހު ވަގުތު މުބާރާތުގެ ގަވައިދަށް ގެނައި ބަދަލަކާ އެކު ސްކޮޑު 12 އަށް ކުޑަކުރަން ޖެހުނެވެ. އެކަން ކުރިއިރު މި މުބާރާތަށް އެކުލަވާލި ޕްލޭނަށް ބަދަލެއް ގެންނަން ޖެހުނު ކަމަށް ކާއްޓޭ ބުންޏެވެ. ސްކޮޑުން ކުޅުންތެރިން މަދުކުރިއިރު ބާކީވީ ލިބަރޯ އަލީ ޖަވާމް އަދި ހުސެއިން ޔޫސުފް އެވެ. ކާއްޓޭ އޭރު ބުނީ ދެ ލިބަރޯ ލައިގެން ޕްލޭން ހެދީ ޑިފެންސާއި ދެން ހުރި ކަންތައްތައްތަކަށް ވަކިވަކިން ވިސްނުމަށް ފަހު ކަމަށެވެ. އެހެން ބައެއް ޓީމުތަކުން ދެ ލިބަރޯ ޖަހައިގެން ކުޅުނެވެ.

މުބާރާތުގައި މައިގަނޑު ގޮތެއްގައި ކާއްޓޭ ގިނަ ވަގުތުގައި ބޭނުންކުރީ އެއް ކުޅުންތެރިންތަކެކެވެ. އެ ކަމަށް އިޝާރާތްކޮށް ކާއްޓޭ ބުނީ ބެންޗުގައި ޗެލެންޖްކޮށްލާނެ ކުޅުންތެރިއަކު ނެތުމަކީ ވެސް ޓީމަށް އަސަރުކުރި ކަމެއް ކަމަށެވެ.

"ޗެލެންޖް ކޮށްލާނެ ކުޅުންތެރިން ނެތުމުގެ ސަބަބުން އެ ކުޅުންތެރިން ވަރަށް ބޮޑަށް ރިލެކްސްވެފައި ތިބޭތަން ފެންނަނީ. ހަމަ ޔަގީނުން ވެސް އަޅުގަނޑު ކުރިއަށް އޮތްތަނުގައި ވެސް ހުރިއްޔާ މި ބުނި ކަންތައްތަކަށް އިޝާރާތްކޮށްގެން އެ ކަންތައްތައް ރަނގަޅުކުރާނަން،" ކާއްޓޭ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވި ކާއްޓޭގެ ކޯޗުކަމުގައި ރާއްޖެ އަށް މިހާތަނަށް ރަނގަޅު ކާމިޔާބެއް ލިބިފައިނެތް ނަމަވެސް ކުރިއެރުންތަކެއް ހޯދައިފަ އެވެ. ކާއްޓޭގެ ކޯޗުކަމުގައި ގައުމީ ޓީމު ވަނީ މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތާއި މިދިޔަ އަހަރު އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސް އާއި މި އަހަރުގެ އައިއޯއައިޖީގެ އިތުރުން މި އަަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ވަނީ ކުޅެފަ އެވެ.

މި ފަހަރުގެ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ރާއްޖޭން ތައްޔާރުވިއިރު، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވޮލީ ޓީމަށް ލަންކާއާ އެކު ތިން މެޗެއް ހަމަޖައްސައިދީފަ އެވެ. ތިން މެޗުން ލަންކާ އަތުން ބަލިވިޔަސް ލަންކާގެ ލެވަލަށް ބަލާއިރު ރާއްޖޭން ދެއްކި ކުޅުން ރަނގަޅެވެ. ވޮލީ ޓީމު ވަނީ ޖުލައި މަހު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން މިނިސްޓަރު ދެއްވި ފުރުސަތެއްގައި ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކޮށްފަ އެވެ.

ކާއްޓޭ ބުނީ ރަނގަޅު ނަތީޖާއަކަށް އަމާޒުކުރާނަމަ ކުރަން ޖެހޭ މަސައްކަތް ރަނގަޅަށް ނިންމަންޖެހޭ ކަމަށެވެ.

"މި (ފާހަގަކުރި) ކަންތައްތައް ރަނގަޅުކޮށްގެން ނޫނިއްޔާ ކިތަންމެ ވަރަކަށް ވެސް އަޅުގަނޑުމެންނަށް ގޯލްޑް މެޑަލް އަށް ވެސް މުބާރާތަށް ވެސް އާދެވިދާނެ. އެކަމަކު ޓީމުގައި އެ ހިތްވަރާއި އެ ޖޯޝް ނެތިއްޔާ އުނދަގޫވާނެ ނޫންތޯ ކާމިޔާބުކުރަން،" ކާއްޓެ ބުންޏެވެ.

ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ދެން ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތަކަށް ވެގެންދާނީ އަންނަ ޑިސެމްބަރު މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އެވެ.