Roadha Mihaaru
ކާމިޔާބަކުން ނިންމާލުން: އާ ފެށުމަކަށް މުހިއްމު

ކާމިޔާބަކުން ނިންމާލުން: އާ ފެށުމަކަށް މުހިއްމު

23 އޯގަސްޓް 2019

ނޭޕާލުގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން، ރާއްޖެ އަށް މި ޒޯނުގެ މުބާރާތަކުގެ މެޗަކުން މޮޅެއް ހޯދުނީ 2016 ވަަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ނޭޕާލް އަތުންނެވެ. އޭގެ ފަހުން މި މުބާރާތުގައި ރާއްޖެ އަށް މޮޅެއް ލިބުނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ނޭޕާލް އަތުންނެވެ. މި ފަހަރުގެ މުބާރާތުގެ ކުރިން އޮތް ދެ މުބާރާތުން މޮޅެއް ނުލިބި ނިންމާލަންޖެހުމުން ލިބިފައި މި އޮތް މާޔޫސްކަމުން އަރައިގަނެ، ކުރިއަށް ފިޔަވަޅެއް އެޅުމަށް މިއަދު ކުޅޭ ތިން ވަނަ ހޮވާ މެޗު ކާމިޔާބު ކުރުން މުހިއްމެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ނޭޕާލުގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން، ރާއްޖެ އަށް މި ޒޯނުގެ މުބާރާތަކުގެ މެޗަކުން މޮޅެއް ހޯދުނީ 2016 ވަަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ނޭޕާލް އަތުންނެވެ. އޭގެ ފަހުން މި މުބާރާތުގައި ރާއްޖެ އަށް މޮޅެއް ލިބުނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ނޭޕާލް އަތުންނެވެ. މި ފަހަރުގެ މުބާރާތުގެ ކުރިން އޮތް ދެ މުބާރާތުން މޮޅެއް ނުލިބި ނިންމާލަންޖެހުމުން ލިބިފައި މި އޮތް މާޔޫސްކަމުން އަރައިގަނެ، ކުރިއަށް ފިޔަވަޅެއް އެޅުމަށް މިއަދު ކުޅޭ ތިން ވަނަ ހޮވާ މެޗު ކާމިޔާބު ކުރުން މުހިއްމެވެ.

"ކުރިއަށް އޮތް މެޗު ކާމިޔާބުކުރުމަކީ މުސްތަގުބަލަށް ވެސް ވަރަށް މުހިއްމު ކަމެއް. މެޗުގައި ވެސް އަޅުގަނޑުމެން ވަރަށް ހިތްވަރުކުރާނަން މެޑަލް ހޯދަން،" މިއަދު ތިން ވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ގައުމީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުންޏެވެ.

ހަތް ގައުމާ ވާދަކޮށް މި ފަހަރު ސެންޓްރަލް ޒޯނުގެ ރަން މެޑަލަށް އަމާޒުކޮށްގެން ރާއްޖޭން ނުކުތް ނަމަވެސް ހުރިހާ މަގާމަކަށް ބަލާއިރު ރާއްޖެ އަށް ވުރެ ރަނގަޅު ޓީމުތަކެއް ފެނުނެވެ. އެކަމަކު ވިސްނުންތެރިކަމާ އެކު ރާއްޖޭން ކުޅެފިނަމަ ރަނގަޅު ދުވަހެއްގައި ރާއްޖެ އަށް ބަލިނުކުރެވޭނެ ޓީމެއް ވެސް ނެތެވެ. އެއީ ހުނަރަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިން ވެސް މޮޅުވުމެވެ. އެކަމަކު ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން މެޗުތައް ގެއްލެނީ އެވެ. އެކަން ފެނިގެންދިޔައީ ގްރޫޕް ސްޓޭޖުގައި ކިރްގިސްތާން އަތުންނާއި ސެމީގައި އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި މެޗުތަކުގަ އެވެ. މި ދެ ޓީމަކީ ފައިނަލުގައި ވެސް ކުޅޭ ދެ ޓީމަށްވާއިރު ރާއްޖޭން ހަގީގަތުގައި އެ ދެ ޓީމު ކައިރީގައި ވެސް ކުޅެވިދާނެކަން ދައްކައިދިނެވެ.

"ޑިފެންސްނުކޮށް މިހާރުގެ ވޮލީގައި މޮޅެއް ނުވާނެ" ކާއްޓެ

"އަސްލު މި ފެންވަރުގެ ޓީމުތައް ކައިރީގައި ކުޅޭއިރު ލިބޭނީ މަދު ފުރުސަތެއް. އެ ފުރުސަތުގެ ބޭނުން ހިފަންޖެހޭނީ. ފުރަތަމަ އަޅުގަނޑުމެންނަށް ސެޓު ފަށައިގެން ވެސް އެ ފުރުސަތު ލިބުނު. އެ މީހުންނަށް ނުވެގެން އަޅުގަނޑުމެންނާ ހަވާލުކުރާ ބޯޅަތަކެއް ފެނުޖެހެން ފެށީމަ. އެ ހިސާބުން އަސްލު އަޅުގަނޑުމެން ޓީމު ބޮޑަށް ދަށްވީ. މިސާލަކަށް ޑިފެންސް ވައްޓާ ބޯޅަތަކާ އެއްޗެހި ރަނގަޅުކުރަންޖެހޭ. ތަކުރާރުކޮށް އަޅުގަނޑުމެން ކޮޅަށް ވިދިވިދިގެން ހަ ބޯޅަ ހަތް ބޯޅަ އެބަހުރި ފެނުޖެހިފައި، އެ އެއްޗެހި ސަލާމަތްނުކުރެވި މޮޅެއް ނުވެވޭނެ. އެ ނުނެގިގެން ސެޓު ނުލިބުނީ ވެސް،" އިއްޔެގެ ސެމީ އަށް ފަހު ކާއްޓެ ބުންޏެވެ.

ރާއްޖޭގެ ވޮލީގެ ކޯޗުންނާއި ވޮލީ އާއިލާގައި އުޅޭ ގިނަ ފަރާތްތަކުން ވެސް އަބަދުވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އެޓޭކިން ކުޅުންތެރިން ރާއްޖޭގައި ހުރިކަމާއި ކަންބޮޑުވާން ޖެހެނީ އެ ފެންވަރުގައި ޑިފެންސް ކުޅުންތެރިން ނެތުމުން ކަމަށެވެ. އެކަން ފާހަގަކުރަނީ ހަމައެކަނި އެ މީހުން އެކަންޏެއް ނޫނެވެ. މި ފަހަރުގެ ސެންޓްރަލް ޒޯނުގައި ވާދަކުރި ބައެއް ގައުމުތަކުގެ ކުޅުންތެރިންނާއި ކޯޗުން ވެސް އެކަން ރާއްޖޭގެ ނޫސްވެރިން ގާތު ހިއްސާކުރި އެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ޓީމުގެ ކޯޗު ކާއްޓޭ (ވ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ޓީމުގެ ކޯޗު ކާއްޓޭ (ވ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޗު ކާއްޓެ ބުނީ ޑިފެންސަށް ސަމާލުކަން ނުދީ ކާމިޔާބެއް ނެތް ކަމަށެވެ.

"ރާއްޖެ ޓީމުގެ އެޓޭކުގައި އެއްވެސް މައްސަލައެއް ނެތް. ބްލޮކް ވެސް މައްސަލައެއް ނެތް. އެވެސް ކުރެވޭ. ހަމައެކަނި ޑިފެންސް މި މައްސަލަ އަކީ. ޑިފެންސްނުކޮށް މިހާރުގެ ވޮލީގައި މޮޅެއް ނުވާނެ،" ކާއްޓެ ބުންޏެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާނާ ދެކޮޅަށް މިއަދު ރާއްޖެ ގަޑިން 4:15 ގައި ނުކުންނައިރު އެންމެ ފަހުން މާލޭގައި 2017 ވަނަ އަހަރު މި ދެ ޓީމު ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ވޮލީ އަށް މީގެ ކުރިން ލިބިފައިނުވާ ފުރުސަތުތަކެއް ހޯދައިދީފި އެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވި ފުރުސަތެއްގައި ގައުމީ ފިިރިހެން ވޮލީ ޓީމު ވަނީ ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އަދި މި ފަހަރުގެ ސެންޓްރަލް ޒޯނުގެ ކުރިން މިނިސްޓަރުގެ ދައުވަތަކަށް ސްރީލަންކާގެ ގައުމީ ވޮލީ ޓީމުން ވަނީ މާލޭގައި ތިން މެޗެއް ކުޅެފަ އެވެ. މިއީ މާލޭގައި ވޮލީން މި ގޮތަށް ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ އެކުވެރިކަމުގެ މެޗެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ މިދިޔަ ޖޫން މަހު 10 ވަނަ ދުވަހު ހަވާލުކުރި ފަހުން ސްޕޯޓްސް މިނިސްޓްރީ އާއި ނޯމަލައިޒިން ކޮމިޓީ އެކުވެގެން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޭނުންވި ހުރިހާ ފުރުސަތުތަކެއް ފަހިކޮށްދެ އެވެ. އެކޮށްދޭ ކަންތައްތަކުގެ ބަދަލުދޭން ކުޅުންތެރިން ވެސް ތިބީ ބުރަކޮށް މަސައްކަތްކުރާ ގޮތަށެވެ.

މި ފަހަރުގެ މުބާރާތުގެ ޝެޑިއުލް އޮތްގޮތުން ޓީމުތަކަށް މެޗުތަކުގެ ދެދެމެދުން އަރާމްކުރަން ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. ރާއްޖޭން މިއަދު ލޯ މެޑަލް ހޯދަން ތުރުކުމެނިސްތާނާ ދެކޮޅަށް ނުކުންނައިރު، ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވެސް އެދުމަކީ ގައުމަށް ރީތި ނަން ހޯދައިދޭން އެ ކުޅުންތެރިން ކުރާ މަސައްކަތުގައި ވީ އެންމެ ގިނަ ބަޔަކު ޓިމާ އެކުގައި ތިބުމެވެ.

ގައުމީ ޓީމުގެ ކޯޗު ކާއްޓޭ މުބާރާތުގެ ކުރިން ބުނީ ޓީމުގެ ހާލަތު "ވަކިވެފައި އޮތް ގުނަވަންތަކެއް އެއް ހަށިގަނޑަކަށް" ވެފައިވާ ކަމަށެވެ. އެއީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުވެ، ޓީމު ރަނގަޅުވަމުން އަންނަ ކަމަށް އިޝާރާތްކޮށެވެ. އެ ފަދަ އުއްމީދެއްގައި ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ދެމުން އަންނައިރު، އާ ފެށުމަކަށް ފަށަން މި ފަހަރު ކާމިޔާބަކާ އެކު ނިންމާލުން މުހިއްމެވެ.