Roadha Mihaaru
ސިދާތާއި ކިއާރާ އަދި އިޝާނާއި އަނަންޔާ ރާއްޖޭގައި

ސިދާތާއި ކިއާރާ އަދި އިޝާނާއި އަނަންޔާ އާ އަހަރު ފާހަގަކުރަން ރާއްޖޭގައި

31 ޑިސެމްބަރ 2020

އާ އަހަރާ ދިމާކޮށް ޗުއްޓީ ހޭދަކުރަން ބޮލީވުޑްގެ ޒުވާން ތަރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ އަހަރާ ދިމާކޮށް ޗުއްޓީ ހޭދަކުރަން ބޮލީވުޑްގެ ޒުވާން ތަރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

އިއްޔެ ރާއްޖެ އައި ތަރިންގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީގެ އިތުރުން އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ ހިމެނެ އެވެ.

ސިދާތާއި ކިއާރާ ޗުއްޓީ ހޭދަކުރަނީ ސޮނެވާފުށި ރިސޯޓްގަ އެވެ. އެ މީހުން އިއްޔެ ރާއްޖެ އަންނަން ފުރަން މުމްބާއީ އިންޓަނެޝަނަލް އެއާޕޯޓްގައި އެކީގައި ތިއްބާ ވެސް ނަގާފައިވާ ފޮޓޯތަކެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. ސޮނެވާގައި ނަގާފައިވާ ފޮޓޯއެއް ކިއާރާ އިންސްޓަގްރާމްގައި ހިއްސާކުރި ނަމަވެސް ސިދާތު އަދި އެއްވެސް ފޮޓޯއެއް ޕޯސްޓްކޮށްފައެއް ނުވެ އެވެ.

ކިއާރާ އާއި ސިދާތަކީ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެ ތަރިންނެވެ.

ދެ ތަރިން އާ އަހަރާ ދިމާކޮށް ރާއްޖެ އައުމުގެ ކުރިން ކިއާރާ ވަނީ މިދިޔަ ހަފުތާގައި ވަރުން ދަވަންއާ އެކު ކުޅޭ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާގެ ތިން ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ ނެޓްފްލިކްސްގެ "ގިލްޓީ" ގެ އިތުރުން "ލަކްޝްމީ ބޮމް" އާއި "އިންދޫ ކީ ޖަވާނީ" އެވެ.

ސިދާތާއި ކިއާރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މިހާތަނަށް ރަސްމީކޮށް އެއްބަސް ނުވިޔަސް ދެ ތަރިން ވަނީ އެކީގައި ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ އަދި ރިލީޒްނުކުރާ "ޝޭރްޝާހް" އެވެ.

މިދިޔަ އަހަރު "މަރުޖާވާ" އިން ފެނިގެން ދިޔަ ސިދާތުގެ ކުރިއަށް ހުރި އިތުރު ފިލްމަކުގެ ތެރޭގައި "މިޝަން މަޖްނޫ" އާއި "ތޭންކް ގޯޑް" ހިމެނެ އެވެ.

މި އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި "ކާލީ ޕީލީ" އެކީގައި ކުޅުނު އިޝާނާއި އަނަންޔާ ޗުއްޓީ ހޭދަކުރަނީ ސަން ޝިޔާމް އިރު ވެލި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ދެ މީހުންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އިޝާނާއި އަނަންޔާ އަކީ ވެސް ލޯބީގެ ގުޅުމެއް އޮތް ކަމަށް މީޑިއާތަކުން ތުހުމަތުކުރާ ދެ ތަރިންނެވެ.

އިޝާނަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އެވެ. އޭނާ ރާއްޖެ އަށް ޗުއްޓީ އަށް އައިސްފައި މި ވަނީ ކެޓްރީނާ ކައިފާއި ސިދާންތު ޗަތުރަވެދީއާ އެކު ހޮރޯ ކޮމެޑީ "ފޯންބޫތު" ގެ ޝޫޓިންގައި އުޅެފަ އެވެ. ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ އަކީ މިދިޔަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯނާއި ސިދާންތާ އެކު ފެނިގެންދާނެ ނަން އަދި އިއުލާން ނުކުރާ ތުރިލާއަކާއި އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާއާ އެކު ކުޅޭ އެކްޝަބް ފިލްމެއް ހިމެނެ އެވެ. އެ ދެ ފިލްމުގެ ވެސް ޕްރޮޑިއުސަރަކީ އަނަންޔާގެ އަލަތު ފިލްމު ގެނެސްދިން ކަރަން ޖޯހަރެވެ.

މި ވަގަތު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ބޮލީވުޑްގެ ޒުވާން ތަރިންގެ ތެރޭގައި މިދިޔަ މަހު ވެސް ލޯބިވެރިޔާ ބަތަލާ ޑިޝާ ޕަޓާނީއާ އެކު ރާއްޖެ އައި ޓައިގާ ޝްރޮފް ވެސް ހިމެނެ އެވެ. އެކަމަކު މި ފަހަރު އެ މީހުން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ސޯޝަލް މީޑިއާގައި ހާމައެއް ނުކުރެ އެވެ. މިދިޔަ މަހު ޓައިގާ އާއި ޑިޝާ ޗުއްޓީ ހޭދަކުރީ އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގަ އެވެ.

އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި މިހާރު ރާއްޖެ އަކީ އެންމެ މަގުބޫލު އެއް ގައުމެވެ. މި އަހަރުގެ މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ފިލްމީ ފަންނާނުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިރު، އިންޑިއާ އަކީ ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމު މެ އެވެ.