Roadha Mihaaru
ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށްވާން: ޑިޝާ

ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށްވާން: ޑިޝާ

31 ޑިސެމްބަރ 2021

ބަތަލާއަކަށްވުމަކީ ކުރިން ބޭނުންވި ގޮތެއް ނޫން ކަމަށާއި އެންމެ ފުރަތަމަ ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށްވާން ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޑިޝާ ޕަޓާނީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާއަކަށްވުމަކީ ކުރިން ބޭނުންވި ގޮތެއް ނޫން ކަމަށާއި އެންމެ ފުރަތަމަ ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށްވާން ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޑިޝާ ޕަޓާނީ ބުނެފި އެވެ.

ލޯބިވެރިޔާ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފާ އެކު މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ 29 އަހަރުގެ ބަތަލާ ހާޕާސް ބާޒާރަށް ދިން އިންޓަވިއުއެއްގައި ބުނީ އެކްޓިންގެ ތެރެއަށް ވަދެވުނީ މޮޑެލިންގެ ތެރެއަށް ނުކުތުމުން ކަމަށެވެ.

މެއި މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ރާދޭ" ގެ ބަތަލާ ބުނީ މޮޑެލިން އަށް ވަދެވުނީ ލަކްނޯގެ ކޮލެޖެއްގައި އިންޖިނިއަރިން ކިޔަވަން އުޅެނިކޮށް ރީތީގެ މުބާރާތެއްގައި ވާދަކުރަން ފުރުސަތު ލިބި، އެ މުބާރާތް ކާމިޔާބުވި ހިސާބުން ކަމަށެވެ.

"ރައްޓެއްސެއްގެ އެދުމަކަށް އޭގައި ބައިވެރިވާން ނިންމީ. އަސްލު ބޭނުންވީ މުމްބާއީ އަށް ދެވޭނެ ގޮތެއް ހޯދަން. ކަންދިމާކުރި ގޮތުން އެ ރީތީގެ މުބާރާތަކީ އޭގެ ފައިނަލިސްޓުނަށް ހޮވޭ މީހުން މުމްބާއީ އަށް ވެސް ގެންދާ ގޮތަށް އޮތް އެއްޗެއް، މޮޑެލިންގެ ތެރެއަށް ވަދެވި، ފަހުން އެޖެންސީއަކާ ގުޅިގެން މަސައްކަތް ކުރަން ފެށި ހިސާބުން އެކްޓިންގެ ތެރެއަށް ވަދެވުނީ. އެހެން ނޫން ނަމަ އަހަރެން ވާން ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށް ވާން." ޑިޝާ ބުންޏެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝް (ޔޫޕީ) ގެ ބެރިލީ އަށް އުފަން ޑިޝާ އެކްޓިން އަށް ނުކުތީ 2015 ގެ ތެލެގޫ ފިލްމު "ލޯފަރު" އިންނެވެ. އޭނަގެ ބޮލީވުޑްގެ ފެށުމަކީ ޖެހިގެން އައި އަހަރުގެ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ. އޭގެ ފަހުން ޑިޝާ ވެފައި ވަނީ މިހާރު ބޮލީވުޑްގެ އުންމީދީ ބަތަލާއަކަށެވެ.

"މަލަންގް" އާއި "ބާގީ 2" އާއި އިންޓަނޭޝަނަލް ފިލްމު "ކުންގް ފޫ ޔޯގާ" އަދި "ބާރަތު" ފަދަ ފިލްމުތައް ކުޅެފައިވާ ޑިޝާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން ރިޓާންސް" އާއި "ޔޯދާ" އަދި "ކޭޓީނާ" ހިމެނެ އެވެ.

ޓަިއގާއާ އެކު ޑިޝާ މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ސިދާތު މަލްއުތުރާއާ އެކު ފެންނާނެ "ޔޯދާ" ގެ ޝޫޓިން މި ހަފުތާގެ ކުރީކޮޅު ނިންމައިލުމަށް ފަހު އެވެ.