Roadha Mihaaru
ޓައިގާ އަށް ބައްޕަގެ ޑައިރެކްޓަރުގެ ފިލްމެއް

ޓައިގާ އަށް ބައްޕަގެ ޑައިރެކްޓަރުގެ ފިލްމެއް

15 އޯގަސްޓް 2021

ޓައިގާ ޝްރޮފްގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ވިދުން ބޮލީވުޑްގައި ގަދަކުރި ފިލްމު "ހީރޯ" ގެނެސްދިން ޑައިރެކްޓަރު ސުބާޝް ގާއީގެ ފިލްމެއްގައި ޓައިގާ މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓައިގާ ޝްރޮފްގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ވިދުން ބޮލީވުޑްގައި ގަދަކުރި ފިލްމު "ހީރޯ" ގެނެސްދިން ޑައިރެކްޓަރު ސުބާޝް ގާއީގެ ފިލްމެއްގައި ޓައިގާ މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ވާހަކަ ޓްވިޓާގައި ހިއްސާކޮށް ގާއީ ބުނީ ވަރުގަދަ ފިލްމަކަށް ތައްޔާރުވާ ކަމަށާއި މިއަށް އިންތިޒާރުކުރަން އެދޭ ކަމަށެވެ. މި ވާހަކަ ގާއީ ބުނެފައި ވަނީ ޓައިގާ އާއި ޑައިރެކްޓަރު އެހުމަދު ޚާންގެ އިތުރުން ގާއީ މިހާތަނަށް ގެނެސްދިން ގިނަ ފިލްމުތަކުގެ ސިނަމަޓޯގްރާފަރު ކަބީރް ލާލްއާ އެކި ނަގާފައިވާ ފޮޓޯތަކަކާ އެކީގަ އެވެ. އެ މީހުން ބައްދަލުކޮށްފައި ވަނީ ގާއީގެ އޮފީހުގަ އެވެ.

ޓައިގާ މިހާރު އަންނަނީ އެހުމަދު ޑައިރެކްޓްކުރާ "ހީރޯޕަންތީ 2" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމަކީ މި އަހަރުގެ ޑިސެންބަރު 3 ގައި އަޅުވަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މީގެ މަސައްކަތް ނިންމައިލުމަށް ފަހު، ޒުވާން އެކްޓަރު ދެން ވަގުތު ދޭނީ ޑައިރެކްޓަރު ވިކާސް ބާލް ހަދާ "ގަނަޕަތު" އަށެވެ. ދެ ބަޔަކަށް ހަދަން ނިންމާފައިވާ މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފަށާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ބައްޕަ ޖެކީގެ ކެރިއަރުގެ ވަރަށް ކާމިޔާބު ފިލްމުތައް ޑައިރެކްޓްކުރި ގާއީގެ ޕްރޮޖެކްޓަކުން ޓައިގާ އަށް ފުރުސަތު ލިބުނު އިރު، އޭނާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ވަރުގަދަ އެކްޝަން ތަރިންގެ ތެރެއިން އެކެކެވެ. އަދި ގާއީގެ ޓްވީޓްގައި ޓައިގާ ސިފަކޮށްފައި ވަނީ "ސުޕަހީރޯއެއް" ގެ ގޮތުގަ އެވެ.

ޓައިގާއާ އެކު ގާއީ ހަދާ ފިލްމަކީ އޭނާ ޑައިރެކްޓްކުރާނެ ފިލްމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. "ކަރުޒު" އާއި "ތާލް" އާއި "ޕަރުދޭސް" އަދި "ސޯދާގަރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ގާއީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ކާތިކް އާރިޔަނާ އެކު ހެދި 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ.

ޓައިގާގެ ބައްޕަ ޖެކީއާ އެކު ގާއީ ގެނެސްދިން ފިލްމުތަކުގެ ތެރެގައި 1983 ގެ "ހީރޯ" ގެ އިތުރުން ކަރްމާ (1986)، ރާމް ލަކަން (1989)، ކަލްނަޔަކް (1993) އަދި ޔާދޭ (2001) ހިމެނެ އެވެ.