Roadha Mihaaru
ޓައިގާގެ ބައްޕަގެ ރޯލަށް އަމީތާބް

ޓައިގާގެ ބައްޕަގެ ރޯލަށް އަމީތާބް

27 އޮކްޓޯބަރ 2021

ޒުވާން އެކްޓަރު ޓައިގާ ޝްރޮފާ އެކު އަމީތާބް ބައްޗަން ފިލްމެއްގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒުވާން އެކްޓަރު ޓައިގާ ޝްރޮފާ އެކު އަމީތާބް ބައްޗަން ފިލްމެއްގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިހާރު ލަންޑަނުގައި ޝޫޓިން ފަށަން ތައްޔާރު ވަމުން އަންނަ ޓައިގާ "ގަނަޕަތު: ޕާޓް ވަން" ގައި އޭނާގެ ބައްޕަގެ ރޯލު ކުޅޭނީ އަމީތާބެވެ. އަދި އެ ރޯލަކީ ފިލްމުގެ ވާހަކައިގެ ވަރަށް ހާއްސަ ކެރެކްޓާއެކެވެ. ނަމަވެސް އެއަށް އަމީތާބް ސޮއި ކުރިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. އެކަމަކު ފާހަގަ ކޮށްލެވޭ ކަމަކީ "ގަނަޕަތު" އަކީ އަމީތާބް މިހާރު ގާތްގަނޑަކަށް ޝޫޓިން އެއްކޮށް ނިންމާފައި އޮތް ފިލްމު "ގުޑް ބާއި" ގެ ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމެއް ކަމެވެ.

"ގަނަޕަތު" ގެ ކުރިން އޭނާ ގެނެސްދޭނީ ވެސް އަމީތާބްގެ އެ ފިލްމެވެ. ދެ ބަޔަކަށް ހަދަން ނިންމާފައިވާ "ގަނަޕަތު" އަކީ އަންނަ އަހަރުގެ ޑިސެމްބަރު 23 ގައި ގެނެސްދޭން ނިންމާފައިވާ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގައި ޓައިގާގެ ބަތަލާ އަކީ އޭނާގެ ފުރަތަމަ ފިލްމު 2014 ގެ "ހީރޯޕަންތީ" ގެ ބަތަލާ ކްރިތީ ސެނަން އެވެ.

އަމީތާބާ އެކު ޓައިގާ އަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ އިރު، އޭނާގެ ބައްޕަ ޖެކީ ޝްރޮފް ވެސް އަމީތާބާ އެކު ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އަކޭލާ (1991)، އާއި ބޫމް (2003) އަދި 2007 ގެ "އެކްލަވިއާ: ދަ ރޯޔަލް ގާޑް" ހިމެނެ އެވެ.