Roadha Mihaaru
މީހަކަށް 9999 ގެ ކުރިން އިޒްރޭލުން ބޭރު ނުވެވޭނެ

އޮސްޓްރޭލިއާ މީހަކަށް 9999 ވަނަ އަހަރު އައުމުގެ ކުރިން އިޒްރޭލުން ބޭރަށް ދިއުން މަނާކޮށްފި

30 ޑިސެމްބަރ 2021

އިޒްރޭލަށް މީހަކަށް ވަރީގެ ބަދަލާއި ދަރިންގެ ހަރަދު ކޯޓް މެދުވެރިކޮށް ހޯދަން ހުށަހަޅާފައިވާތީ އޮސްޓްރޭލިއާގެ މީހަކު 9999 ވަނަ އަހަރު އައުމުގެ ކުރިން އިޒްރޭލުން ބޭރަށް ދިއުން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޒްރޭލަށް މީހަކަށް ވަރީގެ ބަދަލާއި ދަރިންގެ ހަރަދު ކޯޓް މެދުވެރިކޮށް ހޯދަން ހުށަހަޅާފައިވާތީ އޮސްޓްރޭލިއާގެ މީހަކު 9999 ވަނަ އަހަރު އައުމުގެ ކުރިން އިޒްރޭލުން ބޭރަށް ދިއުން މަނާކޮށްފި އެވެ.

ޔަހޫދީ ދައުލަތުގެ މި ނިންމުމާ ކުރިމަތިލާން ޖެހުނު އޮސްޓްރޭލިއާ އަށް އުފަން 44 އަހަރުގެ ނޮއަމް ހަޕަޓް 2013 އިން ފެށިގެން ހުރީ އިޒްރޭލުން ނެރުނު "ސްޓޭ-އޮފް-އެގްޒިޓް އޯޑާ" ގެ ސަބަބުން އިޒްރޭލުގައި ހައްޔަރުވެފަ އެވެ. އަންހެނުން ވަރިކުރި ފަހުން އޭނާ 2013 ގައި އެ ގައުމަށް ދިޔައީ ދެ ދަރިންނާ ބައްދަލުކޮށް، ޗުއްޓީއެއް ހޭދަކޮށްލުމުގެ ގޮތުންވެ.

އެކަމަކު ނައޮމް އިޒްރޭލަށް ދިޔަތަނާ ކުރީގެ އަންހެނުން ވަނީ ވަރީގެ ބަދަލާއި ދެ ދަރިންގެ އުމުރުން 18 އަހަރު ވަންދެން ދަރިންގެ ހަރަދު ކޯޓް މެދުވެރިކޮށް ނަގައި ދިނުމަށް ނޮއަމްއާ ދެކޮޅަށް ކޯޓަށް ހުށަހަޅައިފަ އެވެ. އޭނާ މީގެ އަށް އަހަރު ކުރިން އިޒްރޭލަށް ދިޔައިރު ދަރިންނަކީ ފަސް އަހަރާއި އުމުރުން ތިން މަހުގެ ކުދިންނެވެ. ކޯޓަށް ކުރީގެ އަންހެނުން ހުށަހެޅި މައްސަލައާ ގުޅިގެން މިހާރު ނޮއަމްގެ މައްޗަށް އަމުރު ނެރެފައި ވަނީ ޑިސެމްބަރު، 31، 9999 ގެ ކުރިން އިޒްރޭލު ދޫކޮށް ނުދެވޭނެ ކަމަށެވެ.

ކުރީގެ އަންހެނުން ނޮއަމްގެ އަތުން ވަރީގެ ބަދަލަށް 2.4 މިލިއަން ޑޮލަރު ނަގައިދޭން އެދުނުއިރު، ކޮންމެ ދަރިއަކަށް 18 އަހަރު ވަންދެން މަހަކު 5،000 އިޒްރޭލް ޝެކެލްސް (1،600 ޑޮލަރު) ދޭން ހުށަހަޅާފައިވެ އެވެ. މި ހުރިހާ ފައިސާއެއް ދައްކާފައި ނޫނީ ނޮއަމް އަށް މިހާރު އިޒްރޭލުން ބޭރުވެވޭކަށް ނެތެވެ.

ނައޮމް.

ނައޮމް.

ކޯޓުގައި އޮތް މި މައްސަލައާ ގުޅިގެން ގައުމަށް ނުދެވި "މުޅި އުމުރަށް" އިޒްރޭލުގައި ބަންދުވުމާ ގުޅިގެން ނޮއަމް ބުނީ އޭނާގެ މައްޗަށް ނެރުނު އަމުރަކީ އިޒްރޭލުގެ މީހުންނާ އިނދެގެން އުޅޭ ބިދޭސީންނަށް ސަރުކާރުން ދޭ ބޮޑު އަދަބެއް ކަމަށެވެ. އެފަދަ އެތައް ބަޔަކު އެ ގައުމުގައި އެބަތިބި ކަމަށް ބުންޏެވެ.

"އަހަރެން މިހާ ގިނަ ދުވަހު މި ވާހަކަ ނުދައްކައި ހުރުމަށްފަހު މިހާރު މީޑިއާތަކުގައި މި ވާހަކަ ދައްކަން ނިންމީ އަހަންނަށް ޖެހުނު ހާލު އޮސްޓްރޭލިއާގެ އިތުރު އެއްވެސް މީހަކަށް ޖެހުނަ ނުދިނުމަށްޓަކައި." އެނަލިޓިކަލް ކެމިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ނޮއަމް ބުންޏެވެ.

އޭނާ ބުނިގޮތުގައި އިޒްރޭލުގެ އަންހެނުންނާ ކައިވެނިކުރާ ބިދޭސީންނާ ދޭތެރޭ މިހާ ރަހުމު ކުޑަކޮށް އަދި އިންސާފެއް ނެތް ގޮތަށް އަމަލުކުރުމަކީ އިންސާނިއްޔަތާ ހިލާފު ކަމެކެވެ.

"އިޒްރޭލުގެ އަދުލު އިންސާފުގެ ނިޒާމު އޮތީ ވަރަށް ދޯހަޅިކޮށް. މީގެ ސަބަބުން މީހުންގެ ހައްގުތައް ގެއްލުން ނޫން ކަމެއް ނުވޭ. މިއީ ބޮޑުވަރު." ނޮއަމް ބުންޏެވެ.

މި މައްސަލައާ ދާދި އެއްކަހަލަ ވާހަކައެއް ޑައިރެކްޓަރު ސޮރިން ލޫކާގެ 2019 ގެ ޑޮކިއުމަންޓަރީ ފިލްމު "ނޯ އެގްޒިޓް އޯޑާ" ގައި ކިޔައި ދީފައިވެ އެވެ. އޭގައި އަލިއަޅުވާލާފައި އޮތީ އިޒްރޭލުގެ މީހުންނާ ކައިވެނިކޮށްފައި ވަރިވާ ބިދޭސީންނަށް ޖައްސާ ތުރާތަކުގެ ވާހަކަ އެވެ. އެހެންވެ ބިދޭސީން ކައިވެނި ރޫޅާލަން ބިރުގަނެ އެވެ.