Roadha Mihaaru
ކުރީގެ އެކްޓަރު ޖީންގެ ރޯލު އިވަންސް ކުޅެނީ

ކުރީގެ އެކްޓަރު ޖީންގެ ރޯލު އިވަންސް ކުޅެނީ

06 ޖެނުއަރީ 2022

އެމެރިކާގެ ކުރީގެ ވަރަށް މަޝްހޫރު އެކްޓަރެއް ކަމަށްވާ ޖީން ކެލީގެ ރޯލު ކްރިސް އިވަންސް ކުޅޭ ގޮތަށް، އޭނާގެ އަމިއްލަ ކޮންސެޕްޓަކަށް ފިލްމެއް ޕްރޮޑިއުސްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ވަރަށް މަޝްހޫރު އެކްޓަރެއް ކަމަށްވާ ޖީން ކެލީގެ ރޯލު ކްރިސް އިވަންސް ކުޅޭ ގޮތަށް، އޭނާގެ އަމިއްލަ ކޮންސެޕްޓަކަށް ފިލްމެއް ޕްރޮޑިއުސްކުރަން ނިންމައިފި އެވެ.

ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާވެލް ސްޓޫޑިއޯސްގެ ފިލްމުތަކުގައި ކެޕްޓަން އެމެރިކާގެ ރޯލު ކުޅުނު ކާމިޔާބު އެކްޓަރު، އިވަންސް މި ފިލްމު ހަދަނީ އެމްޖީއެމް ލޮޓްގެ ފިލްމެއްގައި 1952 ގައި މަސައްކަތްކުރި 12 އަހަރުގެ ފިރިހެން ކުއްޖަކު، އޭނާ ދެން ކުޅޭ ފިލްމެއްގައި ޖީންއާ އެކު މަސައްކަތްކުރަން ދެކޭ ހުވަފެނެއްގެ މައްޗަށް ބިނާކޮށެވެ.

މީގެ 26 އަހަރު ކުރިން އުމުރުން 84 އަހަރުގައި މަރުވެފައިވާ ޖީން ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ކަވަ ގާލް"، "އެންކާޒް އަވޭ"، "އޮން ދަ ޓައުން" އަދި "އޭން އެމެރިކަން އިން ދަ ޕެރިސް" ގެ އިތުރުން "ސިންގިން އިން ދަ ރެއިން" ހިމެނެ އެވެ.

ވަކި ނަމެއް އަދި ދީފައި ނުވާ މި ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ތިން ފަހަރަށް އޮސްކާ އަށް ނޮމިނޭޓްވި ސްކްރީން ރައިޓަރު ޖޯން ލޯގަންއާ އެވެ. އޭނާ އަށް އެންމެ މޮޅު އޮރިޖިނަލް/އެޑަޕްޓެޑް ސްކްރީންޕްލޭގެ ނޮމިނޭޝަން ލިބުނު ފިލްމުތަކަކީ 2000 ވަނަ އަހަރުގެ "ގްލޭޑިއޭޓާ" އާއި 2004 ގެ "ދި އޭވިއޭޓާ" ގެ އިތުރުން 2011 ގެ "ހޫގޯ" އެވެ.

ޑެޑްލައިނުން ބުނި ގޮތުގައި އިވަންސް ޕްރޮޑިއުސްކޮށް، ކުޅޭ ފިލްމުގައި އަދި އެއްވެސް ސްޓޫޑިއޯއަކުން ހިއްސާނުވި ނަމަވެސް މީގެ ޕްރޮޑިއުސަރުންގެ ގޮތުގައި 2019 ގައި އޭނާ މުހިއްމު ރޯލަކުން ފެނުނު ފިލްމު "ނައިވްސް އައުޓް" ގެ ޕްރޮޑިއުސަރުން ކަމަށްޗާ ރާމް ބާގްމަނާއި ރިއަން ޖޯންސަން ވެސް ހިއްސާވާނެ އެވެ.

އިވަންސް، 40، ގެ ފިލްމަކަށް މިހާރު އެންމެ އަވަހަށް އަންނަން އޮތީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ދަ ގްރޭ މޭން" އެވެ. މިއީ މާވެލްގެ "އެވެންޖާޒް" ޓްރިލޮޖީގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯގެ ފިލްމެކެވެ.