Roadha Mihaaru
ނަބާގެ ޓްރޭނިން އިންޑިއާގެ އެންމެ ބޮޑު އެކަޑަމީގައި

ގައުމީ ޗެމްޕިއަން ނަބާގެ ޓްރޭނިން އިންޑިއާގެ އެންމެ ބޮޑު އެކަޑަމީގައި

06 ޖެނުއަރީ 2022

ރާއްޖޭގެ ގައުމީ ޓެނިސް ޗެމްޕިއަން، ނަބާ ނިޝާން އިންޑިއާގެ އެންމެ ބޮޑު ކުޅިވަރު އެކަޑަމީގައި ޓްރޭނިން ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ގައުމީ ޓެނިސް ޗެމްޕިއަން، ނަބާ ނިޝާން އިންޑިއާގެ އެންމެ ބޮޑު ކުޅިވަރު އެކަޑަމީގައި ޓްރޭނިން ފަށައިފި އެވެ.

އުމުރުން 11 އަހަރުގެ ނަބާ، ޓްރޭނިން ހަދަނީ ދުނިޔޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑްކޯން އާއި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ބެޓްސްމަން ރާހުލް ޑްރަވިޑް ގުޅިގެން އުފައްދާފައިވާ ޕަޑްކޯން ޑްރަވިޑް ސްޕޯޓްސް އެކަޑަމީގަ އެވެ. ބެންގަލުރޫގައި ހުންނަ މި އެކަޑަމީއަކީ ގިނަ ކުޅިވަރުތަކަކުން ޒުވާން އެތުލީޓުން ތަމްރީން ކުރާ އެކަޑަމީއެކެވެ.

ނޮވެމްބަރު މަހު ބޭއްވި ގައުމީ މުބާރާތް ކާމިޔާބުކުރި، ނަބާ އަކީ ބައި ގަރުނުވީ ގައުމީ ޓެނިސް މުބާރާތުގެ ތާރީހުގައި ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އެތުލީޓެވެ. އޭގެ އިތުރުން އެ މުބާރާތުގެ އިތުރު ދެ ކެޓެގަރީއަކުން އޭނާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޓެނިހުގެ ތެރެއަށް ނަބާގެ ހިތްޖެހުނީ ތިމާގެ ކުއްޖަކާ އެކު ޓެނިސް ކުޅެން ގޮސް އުފެދުނު ޝައުގުވެރިކަމުގެ ސަބަބުން ކަމަށް، އޭނާ ބުނެފައިވެ އެވެ.

"ފިޓްކޮށް ހުންނަން ވެގެން ސްޕޯޓްސްއެއްގައި ހަރަކާތްތެރިވުމުގެ ގޮތުން ކަޒިންއަކާ އެކު ގޮސް ޓެނިސް ކުޅެން ފެށީ. ސަބަބަކީ އޭގެ ކުރިން ކުޅުނު އެއްވެސް ކުޅިވަރެއްގައި މާ ބޮޑަކަށް ވޯކް ކުރާ ގޮތެއް ނުވި. އެކަމަކު ޓެނިސް ކުޅެން ފެށީމަ ޝައުގުވެރިވީ،" މެޑިކަލް ދެ ޑޮކްޓަރުން ކަމަށްވާ، ޑރ. އަހްމަދު ނިޝާން އާއި ޑރ. ނަޒްމާ ހަމީދުގެ ދަރިފުޅު ބުންޏެވެ.

ނަބާގެ ޓްރޭނިންތައް ކުރިއަށް ގެންދިިއުމަށް، އޭޑީކޭ ހޮސްޕިޓަލްގެ ސިނިއާ ގައިނޮކޮލޮޖިސްޓްގެ މަގާމު ކުރިން އަދާކުރެއްވި ޑރ. ނަޒްމާ ވަނީ އެ މަގާމުން ވަކިވެވަޑައިގެން ބެންގަލޫރަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

ޓްރޭނިން ސެޝަނެއްގައި ނަބާ ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓްރޭނިން ސެޝަނެއްގައި ނަބާ ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕަޑްކޯން ޑްރަވިޑް އެކަޑަމީގައި ނަބާ ޓްރޭނިން ފެށީ އެއް އަހަރަށް ޕްލޭން ކޮށްގެނެވެ. ޑރ. ނިޝާން ވިދާޅުވީ ކޮންމެ ދުވަހަކު ފަސް ގަޑިއިރު ނަބާގެ ޓްރޭނިންތައް އެ އެކަޑަމީގައި ކުރިއަށްގެންދާ ކަމަށެވެ. އެއީ ހެނދުނު ތިންގަޑިއިރު އަދި ހަވީރު ދެގަޑިއިރެވެ. ނަބާގެ ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ "އޮންލައިން ސްކޫލިން" މެދުވެރިކޮށެވެ.

ނަބާގެ އުުންމީދީ ޓާގެޓްތަކެއް

ސްރީ ލަންކާގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ހަތަރު މުބާރާތެއްގައި ވާދަކޮށް ތިން މުބާރާތް ކާމިޔާބު ކުރި ނަބާ ބުނި ގޮތުގައި އޭނާގެ ކެރިއާގައި ޝޯޓް ޓާމް ޓާގެޓްތަކެއް އަދި ލޯންގް ޓާމް ޓާގެޓްތަކެއް އެބަހުއްޓެވެ. "ޝޯޓްޓާމް ޓާގެޓަކީ އައިޓީއެފްގެ މެއިން މުބާރާތަށް ކޮލިފައިވުން. އެއީ ޓީމު އިވެންޓް ޓޯނަމެންޓެއް،" ސެޕްޓެމްބަރު މަހު ޕާކިސްތާންގައި ބޭއްވި އައިޓީޓީއެފް ޖޫނިއާ ޗެމްޕިއަންޝިޕް ކޮލިފައިންގައި ތިން ވަނަ ހޯދި ރާއްޖޭގެ ޓީމުގައި ހިމެނުނު ނަބާ ބުންޏެވެ.

"ލޯންގް ޓާމް އަކީ ގްރޭންޑް ސްލޭމް ޓެނިސް ޓޯނަމެންޓް."

ނަބާގެ އިތުރު ޓާގެޓްތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދުން ކަމަށް ނިޝާން ވިދާޅުވި އެވެ.